ޒަމާނީ ފެޝަންގެ އޮއިވަރާއެކު، ހަށިގަނޑުގެ ބައްޓަން ރީތިކޮށް ދެއްކުމަށްޓަކައި ގަޔަށް ބާރު ހެދުމާއި އެތެރެއެނދުން ބޭނުންކުރުމަކީ ރާއްޖޭގައިވެސް ވަރަށް ކަމެކެވެ. ނަމަވެސް، ބޭރުފުށުން ފެންނަ ރީތިކަމަށްވުރެ ހަށިގަނޑުގެ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ބޭނުންތެރިކަން ބޮޑެވެ. އަހަރެމެން ކޮންމެ ދުވަހަކު ލާ އަންނައުނާއި އެތެރެއިން ލާ ތަކެތި މާ ބޮޑަށް ގަޔަށް ބާރުކޮށް ހުރުމަކީ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ މަސައްކަތަށް ހުރަސްއަޅައި، ނޭނގި ނަމަވެސް ސިއްހީ އެތައް މައްސަލަތަކަކަށް މަގުފަހިކުރުވާ ކަމެއްތޯ މިއީ އުފެދޭ މުހިންމު ސުވާލެކެވެ. އަމުދުން، ސިއްހީ ގިނަ މައްސަލަތައް ގުޅިފައިވަނީ ލައިފްސްޓައިލާ ކަމަށް ވާއިރު، މިއީ އެނގުން މުހިންމުވެސް ކަމެކެވެ.
ގަޔަށް މާ ބާރު ހެދުން ލުމަކީ ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކާއި، ފަންގަލް އިންފެކްޝަންތަކާއި، ނާރުތައް ފިތުން ފަދަ ސިއްހީ އެތައް މައްސަލަތަކަކަށް މަގުފަހިވާ ކަމެއް ކަމަށް ހެލްތުލައިންގައި ބަޔާންކޮށްފައިވެއެވެ. އަދި ތަކުރާރުކޮށް މިފަދަ ބާރު އަންނައުނު ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުމަށް ހުރަސްއެޅި، ނާރުތަކަށް ބާރުބޮޑު ވުމުގެ ސަބަބުން ދާއިމީ ސިއްހީ ގެއްލުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮންނަ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
މިކަމުގެ ނުރައްކާ ބޮޑުވަނީ ހަށިގަނޑު ބައްޓަންކުރުމަށް ލާ ބާރު އެތެރެހެނދުން ނުވަތަ "ޝޭޕްވެއާ" ފަދަ ތަކެތި ގިނަ ވަގުތު ބޭނުންކުރުމުންނެވެ. ވާޖީނިއާ ކޮމަންވެލްތު ޔުނިވަސިޓީގެ ގެސްޓްރޯއެންޓަރޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖޭ ކުމާލީ ވިދާޅުވެފައިވާ ގޮތުގައި، ހަށިގަނޑުގެ ބަރުދަން އިތުރުވުމުން "ގެސްޓްރޯއީސޯފޭޖިއަލް ރިފްލަކްސް ޑިޒީޒް" ނުވަތަ ގޮހޮރުގެ އެސިޑް މައްޗަށް އެރުމުގެ ބަލި ކުރިމަތިވާ ފަދައިން، ގަޔަށް ބާރު އެތެރެހެނދުން އެޅުމުންވެސް ހަމަ އެ ނަތީޖާ ނުކުމެއެވެ. ނަމަވެސް، ބާރު ހެދުން ލާ ކޮންމެ މީހަކަށް މި މައްސަލަތައް ކުރިމަތިނުވެދާނެ ކަމަށާއި، ހެދުމުގެ ސަބަބުން ހަށިގަނޑަށް ކުރާ ބާރު ކެނޑުމާއެކު ގިނަ މައްސަލަތައް އަވަހަށް ރަނގަޅުވާ ކަމަށް ޑރ. ޖޭ ވިދާޅުވެއެވެ.
ގަޔަށް ބާރު އަންނައުނުގެ ސަބަބުން ނާރުތަކަށް ކުރާ އަސަރުތަކަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވެނީ "މެރަލްޖިއާ ޕެރެސްތެޓިކާ" ކިޔާ ސިއްހީ ހާލަތެކެވެ. ސިއްހީ ދިރާސާތައް ބުނާގޮތުގައި، މިއީ ފައިގެ މަތީ ބައިގެ ހަމަށް އިހުސާސްތައް ފޯރުކޮށްދޭ ނާރެއް ކަމަށްވާ "ލެޓަރަލް ފެމޯރަލް ކިއުޓޭނިއަސް ނާވް" ފިތުމުގެ ސަބަބުން، ފައިގެ ފަލަމަސްގަނޑުގެ ބޭރުފަރާތް އައްސިވެ، ކަށިޖަހާ ފަދަ އިހުސާސެއް ކުރެވި، ދިލަނަގައި ތަދުވާ ހާލަތެކެވެ. ހަކުރުބައްޔާއި ފަލަބަލީގެ އިތުރުން، ގަޔަށް ބާރު ހެދުމާއި ބާރުކޮށް ކަމަރު އެޅުމަކީ މި ނާރު ފިތުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.
ހާއްސަކޮށް ގަޔަށް ހިފާފައި ހުންނަ ބާރު ޖީންސް ލުމަކީ މި ނާރަށް ބާރުބޮޑުވާ ކަމެކެވެ. ރަޝް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގެ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. ޖޯން މައިކަލް ލީ ވިދާޅުވެފައިވާ ގޮތުގައި، ބަނޑުން ފެށިގެން ފަލަމަސްގަނޑަށް ދަތުރުކުރާ މި ނާރު ބާރު ހެދުމުގެ ސަބަބުން ފިތި، ބައެއް މީހުންގެ ފައި އައްސިވެ ކަށިޖަހާ ފަދަ އިހުސާސްތައް ކުރެވެއެވެ. މީގެ އިތުރުން، އުނަގަނޑުގެ ސައިޒަށްވުރެ މަދުވެގެން ތިން އިންޗި ކުޑަ ފަޓުލޫނު ލުމުގެ ސަބަބުން "ޓައިޓް ޕޭންޓްސް ސިންޑްރޯމް" ކުރިމަތިވެ، ބަނޑަށް އުނދަގޫވުމާއި، މޭއެންދުމާއި، ވައިލެވުން ފަދަ ކަންކަން ދިމާވާ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ނާރުތަކުގެ އިތުރުން، ލޭ ދައުރުވާ ނިޒާމަށްވެސް ބާރު ހެދުމުގެ ސަބަބުން ނޭދެވޭ އަސަރުކުރެއެވެ. ޖެނުއަރީ 19، 2016 ގައި މެކްސިކޯގެ ސެކްރެޓޭރިއާ ޑެ ސަލޫޑްއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބާރު ހެދުމުގެ ސަބަބުން ފައިގެ ލޭނާރުތަކަށް އާދަޔާ ހިލާފަށް ބާރުބޮޑުވެ، ފައިން ހިތަށް ލޭ ފޮނުވައިދިނުމަށް ހުރަސްއެޅެއެވެ. މީގެ ސަބަބުން ފައިގައި ލޭ ޖަމާވެ، ލޭނާރުތަކުގެ ބައްޓަމަށް ބަދަލު އާދެއެވެ. އޮހާޔޯ ސްޓޭޓް ވެކްސްނާ މެޑިކަލް ސެންޓަރުގެ އެތެރެހަށީގެ އަދި ކުޅިވަރުގެ ސިއްހަތާ ބެހޭ ޑޮކްޓަރު މައިކަލް ޖޮނެސްކޯ ވިދާޅުވެފައިވާގޮތުގައި، މާ ބާރުކޮށް ކަމަރު އެޅުމުން ފަލަމަސްގަނޑުގެ ކުރިމަތި އައްސިވުމުގެ އިތުރުން، ހަށިގަނޑުގެ ތިރީގެ ގުނަވަންތަކުން އަނބުރާ ހިތަށާއި ފުއްޕާމެއަށް ލޭ ދައުރުވުމަށް ހުރަސްއެޅެއެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ބަލާއިރު، އުނަގަނޑާއި ބަނޑަށް ބާރުވާ ގޮތަށް ހެދުން އެޅުމަކީ އެސިޑް ރިފްލަކްސް އަދި މޭއެންދުން އިތުރުކުރުވާ ކަމެކެވެ. ދިރާސާތަކުން އެނގޭގޮތުގައި، ކަރުގައި އަޅާ ޓައީ ހިމެނޭހެން ގަޔަށް ބާރު އަންނައުނު ބޭނުންކުރުމުން ހަޖަމުކުރުމުގެ މައްސަލަތައް ގޯސްވެއެވެ. ހާއްސަކޮށް "އިރިޓަބަލް ބަވަލް ސިންޑްރޯމް" (އައިބީއެސް) ނުވަތަ ބަނޑުފުއްޕުމާއި ވައިއުފެދުން ފަދަ މައްސަލަތައް ހުންނަ މީހުން ބާރު ހެދުން ލުމުން، ހަޖަމުކުރުމަށް ނޭދެވޭ އަސަރުކޮށް އެ ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވާ ކަމަށް ދިރާސާތައް ބުނެއެވެ. ރިފްލަކްސްގެ މައްސަލަ ހުންނަ މީހުންނާއި، އައިބީއެސް އަދި ކުޑަކަމުދިއުން ކޮންޓްރޯލް ނުކުރެވޭ މީހުން ބާރު ހެދުން ލުމުން މިފަދަ އުނދަގޫތައް ބޮޑުވާ ކަމަށްވެސް ދިރާސާތަކުން އެނގެއެވެ.
ބާރު ހެދުމުގެ ސަބަބުން ހަށިގަނޑަށް ހަކަތަ ނަގައިދިނުމަށްވެސް ބަދަލުތަކެއް އާދެއެވެ. ޕަބްމެޑްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ބަނޑާއި އުނަގަނޑު ބައްޓަންކުރުމަށް ލާ ބާރު ގާޑްލް ބޭނުންކުރުމުން އުނަގަނޑަށް 15.5 މިލިމީޓަރު މާކިއުރީ، ބަނޑަށް 11.0 މިލިމީޓަރު މާކިއުރީ، އަދި އުކުޅުވަޅަށް 13.6 މިލިމީޓަރު މާކިއުރީގެ ޕްރެޝަރެއް ހަމަށް ކުރިމަތިކުރުވައެވެ. މިއީ އާދައިގެ ހެދުމަކުން ކުރާ ބާރަށްވުރެ ދެ ގުނަ ނުވަތަ ތިން ގުނަ އިތުރު މިންވަރެކެވެ. މިކަމުގެ ސަބަބުން، ކާތަކެތި ހަޖަމުވާ ނިޒާމުގެ ތެރޭގައި ދަތުރުކުރާ ވަގުތަށް ބަދަލެއް ނައި ނަމަވެސް، ހެދުމުން ހަމަށް ކުރާ ބާރުގެ ސަބަބުން ކުޑަގޮހޮރުގައި ކާބޯހައިޑްރޭޓްސް ހަށިގަނޑަށް ދަމައިގަތުމަށް ހުރަސްއަޅާ ކަމަށް ދިރާސާވެރިންގެ ނަތީޖާއިން އެނގެއެވެ.
މީގެ އިތުރުން، ނޭވާލުމުގެ ނިޒާމަށްވެސް ބާރު ހެދުމުގެ އަސަރު ފޯރައެވެ. "އެޕްލައިޑް ސައިކޯފިޒިއޮލޮޖީ އެންޑް ބަޔޯފީޑްބެކް" ޖާނަލްގައި 17 މީހަކު ބައިވެރިކޮށްގެން، 4000 މިލިލީޓަރުގެ އިންސެންޓިވް އިންސްޕިރޯމީޓަރެއް ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ގަޔަށް ބާރު ހެދުން ލުމަކީ އެތެރެއަށް ނޭވާލާ މިންވަރަށް ވަރަށް ބޮޑަށް ހުރަސްއަޅާ ކަމެކެވެ. ބައިވެރިން ލައިގެން ތިބި ބާރު ހެދުން ދޫކޮށްލުމުން، އެތެރެއަށް ނޭވާލެވޭ ވައިގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމުން އެނގެނީ "ޑަޔަފްރަމް" ބޭނުންކޮށްގެން ފުންކޮށް ނޭވާލުމަށް ބާރު ހެދުން ހުރަސްއަޅާ ކަމެވެ. އޮހާޔޯ ސްޓޭޓް ވެކްސްނާ މެޑިކަލް ސެންޓަރުގެ ޑރ. ބަވާ ވިދާޅުވެފައިވާ ގޮތުގައި، "ވެއިސްޓް ޓްރެއިނާ" ފަދަ މާ ބާރު ތަކެތި ބޭނުންކުރުމުން ޑަޔަފްރަމް ފުޅާވުމަށް ހުރަސްއެޅި، ނޭވާލުމަށް ދަތިވެއެވެ.
ހަށިގަނޑުގެ ކަށިތަކާއި މަސްތަކުގެ ނިޒާމަށް ނުވަތަ "މަސްކިއުލޯސްކެލެޓަލް" ނިޒާމަށް ކުރާ އަސަރުތަކަކީވެސް ސަމާލުވާން ޖެހޭ ކަމެކެވެ. ޕަބްމެޑް ސެންޓްރަލް (ޕީއެމްސީ) ގައި ޝާއިއުކޮށްފައިވާ ބަޔޯމެކޭނިކަލް ދިރާސާއެއްގައި، 20 އަހަރާއި 27 އަހަރާ ދެމެދުގެ ނުވަ ފިރިހެނުން ބައިވެރިކޮށްގެން ކޮޅަށް ހުރެފައި އިށީންނަ ވަގުތާއި އިށީނދެގެން އިންނައިރު ހަށިގަނޑަށް އަންނަ ބަދަލުތައް ވަނީ ބަލައިފައެވެ. މި ދިރާސާއިން ދައްކާ ގޮތުގައި، އާދައިގެ ފަޓުލޫނު ލައިގެން އިންނައިރު ހަށިގަނޑު ލެނބޭ މިންވަރު 10.3 ޑިގްރީގައި ހުރި ނަމަވެސް، ބާރު ފަޓުލޫނު ލުމުން ހަށިގަނޑު ލެނބޭ މިންވަރަށް 25.3 ޑިގްރީގެ ބަދަލެއް އައިސް، މައިބަދައިގެ ތިރީ ބަޔަށާއި އުކުޅުވަޅުގެ ކަށިގަނޑަށް ނޭދެވޭ ބަދަލުތަކެއް އާދެއެވެ.
މަސައްކަތުގެ މާހައުލުގައި ބަރު ތަކެތި އުފުލާ މީހުންނަށް މިކަމުގެ ނުރައްކާ އަދި މާ ބޮޑެވެ. ސީޑީސީ ސްޓެކްސް އަދި ސައިންސްޑައިރެކްޓްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި، 28 ޒުވާނުން ބައިވެރިކޮށްގެން ފޮށި އުފުލުމާއި، އުޑުފައިން އިށީނދެ ދިޔާ ތަކެތި އަޅާފައި ހުންނަ ކޮންޓެއިނާ އުފުލުމާއި، ގޮނޑީގައި އިށީނދެގެން ކުރިއަށް އަތްފޯރުވުން ފަދަ މަސައްކަތްތައް ކުރުވައިގެން ވަނީ ތަހުލީލުކޮށްފައެވެ. އެ ދިރާސާއިން ހާމަވި ގޮތުގައި، އުކުޅުވަޅަށް ބާރުވާ ފަދަ ފަޓުލޫނު ލުމުން އުކުޅުވަޅު ހަރަކާތްކުރުމަށް ހުރަސްއެޅި، މައިބަދައިގެ ތިރީ ބައި ހަރަކާތްކުރަން ޖެހޭ މިންވަރު އިތުރުވެ، ހަށިގަނޑުގެ މައިގަނޑު މަސްތަކުގެ މަސައްކަތް ދަށްވެ، އުނަގަނޑުގައި ރިއްސުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
ފިޒިއޮލޮޖީ ޖާނަލްސްގައި ޝާއިއުކޮށްފައިވާ ރިވިއުއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިގު މުއްދަތަކަށް ގަޔަށް ބާރު ހެދުން ލުމަކީ ހަށިގަނޑު ބަހައްޓާ ގޮތް ނުވަތަ "ޕޯސްޗާ" ގޯސްވެ، އުނަގަނޑާއި ކަރުގައި ރިއްސުމާއި، ހިނގާ ގޮތަށް ބަދަލުއައުމަށް މެދުވެރިވާ ކަމެކެވެ. މެކްސިކޯގެ ސެކްރެޓޭރިއާ ޑެ ސަލޫޑްއިންވެސް ފާހަގަކުރާ ގޮތުގައި، ބާރު ހެދުމުގެ ސަބަބުން ފައި މިނިވަންކަމާއެކު ހަރަކާތްކުރުމަށް ހުރަސްއެޅި، ރަނގަޅަށް ނުހިނގުމުގެ ސަބަބުން އުނަގަނޑަށް ތަދުވެއެވެ. އެހެންކަމުން، ގިނަ ވަގުތު އިށީނދެގެން ތިބޭ މީހުންނާއި، ކޮމްޕިއުޓަރު ދޮށުގައި މަސައްކަތްކުރާ މީހުންނާއި، ތަކުރާރުކޮށް ގުދުވެ މަސައްކަތްކުރާ މީހުންގެ ސިއްހަތަށްޓަކައި ހެޔޮވަރުގެ ހެދުން ލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ރިވިއުގައި ލަފާދެއެވެ.
އެތެރެއިން ލާ އަންނައުނު ނުވަތަ އަންޑަވެއާ މާ ބާރުވުމަކީ ހަމުގެ ބަލިތަކާއި އިންފެކްޝަންތަކަށް މަގުފަހިކުރުވާ ކަމެކެވެ. މެކްސިކޯގެ ސެކްރެޓޭރިއާ ޑެ ސަލޫޑްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބާރު ހެދުމުގެ ސަބަބުން ކުރިމަތިފަރާތަށް ވައި ދައުރުވުން ހުއްޓި، ތެތްކަން އިތުރުވެ، ޖަރާސީމުތައް އާލާވުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން ވެޖައިނަލް އިންފެކްޝަންތަކާއި ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ހޫނުވެ ދާހިއްލާ ވަގުތުތަކުގައި ބާރު ފަޓުލޫނު ލުމުން ހަމަށް ވައި ނުލިބި، ހަމުގެ ލޯވަޅުތައް ބެދި، ބިހިނެގުމާއި ޔީސްޓް އިންފެކްޝަން ޖެހުމަށް މަގުފަހިވާކަން ދިރާސާތަކުން ސާބިތުވެއެވެ.
މޮންޓާނާ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު އެންޑް ހިއުމަން ސާވިސަސް (ޑީޕީއެޗްއެޗްއެސް) ގައި ބަޔާންކޮށްފައިވާ ގޮތުގައި، އުރަމަތީގެ ދަށާއި ބަނޑުގެ ހަންގަނޑު ފަށްޖެހޭ ތަންތަނުގައި ދެ ހަންގަނޑު ކޭއްތުމުގެ ސަބަބުން "އިންޓަޓްރައިގޯ" ކިޔާ ހަމުގެ ބައްޔެއް ޖެހެއެވެ. މިއީ އާންމުކޮށް "ކެންޑިޑާ" ކިޔާ ފަންގަސްއެއްގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. ގަޔަށް ބާރު ހެދުން ލުމާއި، ވައި ނުވަންނަ ފަދަ ފޮތީގެ ހެދުން ލުމަކީ ހަންގަނޑު ކޭއްތުމާއި ތެތްކަން އިތުރުކޮށް، މި ފަންގަސް އާލާވުމަށް މަގުފަހިކުރުވާ ކަންކަމެވެ. "ދަ ކޮންވަސޭޝަން" ގައި ބަޔާންކޮށްފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވާންދެން ބާރު އަންޑަވެއާ ބޭނުންކުރުމުން އުކުޅުވަޅުގެ ސަރަހައްދުގައި ކެންޑިޑާ އިތުރުވުމުގެ އިތުރުން، ހަންގަނޑު ކޭއްތި، "ސްކިން ޓޭގްސް" ނުވަތަ މަސްކޮޅުކޮޅު ނެގުމާއި، އިސްތަށި ހަމުގެ އެތެރެއަށް ފެޅުމާއި، ފޮޅުނެގުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ފިރިހެނުން ގަޔަށް ބާރު އަންޑަވެއާ ލުމަކީ ދަރިމައިވުމުގެ ސިއްހަތަށްވެސް އަސަރުކުރާ ކަމެކެވެ. "ހިއުމަން ރިޕްރޮޑަކްޝަން" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާތަކަށް ބަލާއިރު، ދުވާލަކު 24 ގަޑިއިރު ވާންދެން ހަ މަސް ދުވަސް ވާންދެން ގަޔަށް ބާރު އަންޑަވެއާ ލައިގެން ތިބި ނުވަ ފިރިހެނުންގެ ދަރިފަނީގެ ފެންވަރު، ހަ މަސް ދުވަސް ވާންދެން ދޫ ބޮކްސާ ލައިގެން ތިބި މުއްދަތާ އަޅައި ބަލާއިރު ވަނީ ދަށްވެފައެވެ. އަދި ދެ ފިރިހެނަކު ބައިވެރިކޮށްގެން ކުރި އެހެން ދިރާސާއެއްގައިވެސް، ބާރު އަންޑަވެއާ ބޭނުންކުރި މުއްދަތުގައި ދަރިފަނީގެ މިންގަނޑުތައް މަޑުމަޑުން ދަށްވެ، ދޫ އަންޑަވެއާ ބޭނުންކުރަން ފެށުމުން އަލުން ރަނގަޅުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ފިރިހެނުން ބާރު ބްރީފްސްގެ ބަދަލުގައި ދޫ ބޮކްސާ ލުމަށާއި، އަންހެނުން ކޮޓަން އަންޑަވެއާ ބޭނުންކުރުމަށް މޮންޓާނާ ޑީޕީއެޗްއެޗްއެސްއިން އިރުޝާދުދެއެވެ.
އަންހެނުން ބޭނުންކުރާ ބްރާ މާ ބާރުވުމާއި ނުގުޅޭ ސައިޒުގެ ބްރާ އެޅުމަކީ ވަރަށް އާންމު، ނަމަވެސް ސިއްހީ ގޮތުން ގެއްލުންހުރި ކަމެކެވެ. ޕީއެމްސީގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދިރާސާގައި ބައިވެރިވި އަންހެނުންގެ ތެރެއިން 80 އިންސައްތަ މީހުން ބޭނުންކުރަމުންދިޔައީ އެމީހުންނާ ނުގުޅޭ ސައިޒުގެ ބްރާއެވެ. އޭގެ ތެރެއިން 70 އިންސައްތަ މީހުން މާ ކުޑަ ބްރާ ބޭނުންކުރިއިރު، 10 އިންސައްތަ މީހުން ބޭނުންކުރީ މާ ބޮޑު ބްރާއެވެ. ހާއްސަކޮށް އުރަމަތި ބޮޑު އަންހެނުން މާ ކުޑަ ސައިޒުގެ ބްރާ އެޅުމުގެ ފުރުސަތު ބޮޑުކަން އެ ދިރާސާއިން ވަނީ ހާމަވެފައެވެ.
މާ ބާރު ބްރާ އެޅުމުގެ ސަބަބުން ހަމަށާއި ހަށިގަނޑަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތިވެއެވެ. ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ. ހެދާ ޑައުންސް ހެލްތުލައިންއަށް ވިދާޅުވެފައިވާ ގޮތުގައި، މާ ބާރު ބްރާ އެޅުމުން ހަންގަނޑު ކޭއްތުމާއި، ހަންގަނޑު ހިރުވައި ރަތްވުމާއި، ކެހުމުގެ އިތުރުން ކޮނޑާއި، މޭމައްޗާއި، ބުރަކަށީގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަދި ބްރާ މާ ބާރުވުމުގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވައިލައްވަމުން އޭނާ ވިދާޅުވެފައިވަނީ، ބާރު ބްރާ އެޅުމާއި އުރަމަތީގެ ކެންސަރާ އެއްވެސް ގުޅުމެއް އޮތްކަން ސައިންސުގެ އަލީގައި ފެންނާން ނެތް ކަމަށެވެ. ނޭޝަނަލް ބްރެސްޓް ކެންސަރ ފައުންޑޭޝަނުންވެސް ބަޔާންކޮށްފައިވަނީ ބްރާ އެޅުމަކީ ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ނުވަތަ ކުޑަކޮށްދޭ ކަމެއް ނޫން ކަމަށެވެ.
ޕޯޓްސްމައުތު ޔުނިވަސިޓީގެ ބަޔޯމެކޭނިކްސް ޕްރޮފެސަރު ޖޮއާނާ ވޭކްފީލްޑް-ސްކާ ވިދާޅުވެފައިވާ ގޮތުގައި، މާ ބާރު ނުވަތަ މާ ކުޑަ ބްރާ އެޅުމުން ހަމާއި، މަސްތަކާއި، ނާރުތަކަށް ބާރުބޮޑުވެ، ކޮނޑާއި މައިބަދައަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އަދި ދުވާ ވަގުތުތަކުގައި ރަނގަޅު ސަޕޯޓެއް ނުލިބޭ ބްރާ އެޅުމުން އުރަމަތި މާ ބޮޑަށް ހަރަކާތްކޮށް، އުރަމަތީގެ ހަންގަނޑު ދެމި "ސްޓްރެޗް މާކްސް" އެޅުމާއި، އުރަމަތީގައި ރިއްސުން ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އުރަމައްޗަށް ރަނގަޅު ސަޕޯޓެއް ނުލިބުމަކީ ކޮނޑާއި، ކަރާއި، ބުރިކަށީގައި ރިއްސުމުގެ އިތުރުން ނާރުތައް ފިތި އަތް އައްސިވުމަށްވެސް މެދުވެރިވާ ކަމެއް ކަމަށް އަލްބާޓާ ހެލްތު ސާވިސަސްއިން ބަޔާންކޮށްފައިވެއެވެ.
މިފަދަ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އަންނައުނު އިހުތިޔާރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ވެބްއެމްޑީ އަދި ކެނެޑިއަން ޑައިޖެސްޓިވް ހެލްތު ފައުންޑޭޝަނުން އިރުޝާދުދޭ ގޮތުގައި، ހެދުމާއި އެތެރެއެނދުން ހުންނަންވާނީ ހަށިގަނޑަށް އަރާމު، ނޭވާލުމަށާއި ހަރަކާތްކުރުމަށް ދަތި ނުވާ ފަދަ މިންވަރެއްގައެވެ. ހެދުން ނުވަތަ އަންޑަވެއާ ބޭލުމަށްފަހު ހަމުގައި ރަތް ނިޝާންތަކެއް ނުވަތަ ފިތިފައި ހުރި ކަމުގެ ނިޝާންތަކެއް ހުންނަ ނަމަ، އެއީ އެ އެއްޗެއް މާ ބާރުކަމުގެ ހެއްކެކެވެ. ހެލްތުލައިންގައި ބަޔާންކޮށްފައިވާ ގޮތުގައި، އަންޑަވެއާ ގަންނައިރު ދެ ސައިޒެއްގެ ދެމެދުގައި ޝައްކު އުފެދޭ ނަމަ، އަބަދުވެސް ބޮޑު ސައިޒު އިހުތިޔާރުކުރުމަށާއި، ޖަރާސީމު އާލާވިޔަ ނުދިނުމަށްޓަކައި މަދުވެގެން ދުވާލަކު އެއް ފަހަރު އަންޑަވެއާ ބަދަލުކުރަން ޖެހެއެވެ.
ފޮތީގެ ބާވަތަށް ބަލާއިރު، އާންމު ދިރިއުޅުމުގައި ވައި ދައުރުވާ އަދި ތެތްކަން ދަމައިގަންނަ ގުދުރަތީ ފޮއްޗެއް ކަމަށްވާ ކޮޓަންގެ އަންޑަވެއާ ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. ނަމަވެސް، ކަސްރަތުކުރާ ވަގުތުތަކުގައި ދާހިއްލުމުން ހަންގަނޑު ތެމިފައި ހުރުން ހުއްޓުވުމަށްޓަކައި، "މޮއިސްޗާ-ވިކިން" ނުވަތަ ހަމުން ދާތައް ބޭރުކޮށް އަވަހަށް ހިކޭ ފަދަ ޕޮލިއެސްޓާ، ނައިލޯން ނުވަތަ މެރީނޯ ވޫލް ފަދަ ފޮތީގެ އަންނައުނު ބޭނުންކުރުމަށް އާރުއީއައި އެކްސްޕާޓް އެޑްވައިސްއިން ލަފާދެއެވެ. އަދި ބްރާ ގަންނައިރު، އުރަމަތީގެ ދަށުގައި އޮންނަ ބޭންޑް ހަށިގަނޑާ އެއްވަރަށް އޮތުމަށާއި، ކޮނޑުފަށް ހަންގަނޑުގެ ތެރެއަށް ވަދެފައި ނުހުންނަ، އަދި އުރަމަތި ކަޕްގެ ތެރެއަށް ފުރިހަމައަށް ފެތޭ ސައިޒެއް އިހުތިޔާރުކުރުމަށް އަލްބާޓާ ހެލްތު ސާވިސަސްއިން އިރުޝާދުދެއެވެ.
ރިޕޯޓް
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް