ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ ބަގީޗާގޭ އަހްމަދު ޝަފްނީޒް އައްޔަންކޮށްފިއެވެ.

އެ މަގާމަށް ޝަފްނީޒް އައްޔަންކޮށްފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ މިއަދު އާންމުކޮށް އިއުލާންކޮށްފައެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ފާސްކުރީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ފޮނުއްވެވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އަހްމަދު ޝަފްނީޒް، ބަގީޗާގެ، ސ. ހުޅުދޫ
  • އަހުމަދު މައުސޫމް، ވ. މިއަރެސް
  • މަރިޔަމް ޖައިދާ، ކަނދުގަސްދޮށުގެ، ކ. ދިއްފުށި

މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް ކޮމިޓީ މެންބަރުން މާކްސް ދެއްވި އިރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން 75 ޕަސެންޓް މަތިން މާކްސް ލިބުނީ 96.20 ޕަސެންޓް މާކްސް ލިބުނު ޝަފްނީޒް އަށެވެ.

އެހެންކަމުން އެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ކޮމިޓީން ފާސްކޮށް، އެ މައްސަލަ ދިރާސާކުރި ރިޕޯޓް، ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ އެ ރިޕޯޓުގައިވާގޮތަށް ވޯޓަށް އަހައިގެންނެވެ.