ޑައިރެކްޓަރު އެޓްލީ އުފައްދާ ސައިންސް ފިކްޝަން ފިލްމު “ރާކާ”އިން ބަތަލާ މްރުނާލް ތާކޫރު ފެންނާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބުދީފިއެވެ. އައްލޫ އަރުޖުން އަދި ދީޕިކާ ޕަދުކޯން ލީޑު ރޯލުން ފެންނަ މި ފިލްމުގައި މްރުނާލް ހިމެނޭ ކަމަށް މީޑިއާތަކުން ރިޕޯޓުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން “މިޑް-ޑޭ” އަށް ދިން އިންޓަވިއުއެއްގައި މްރުނާލް އެ ރިޕޯޓުތައް ދޮގުކޮށްފައެއް ނުވެއެވެ. އަދި އެކަން ކަށަވަރެއްވެސް ނުކޮށްދެއެވެ. އޭނާ ބުނި ގޮތުގައި ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި އެއްވެސް އާ ފިލްމެއްގައި އޭނާ ސޮއިކޮށްފައެއް ނުވެއެވެ. އޭނާ މިހާރު މަޑުކުރަނީ މާނަހުރި ރަނގަޅު ރޯލެއް ލިބެންދެން ކަމަށް ބުންޏެވެ.

“ކުރިއަށް އޮތް ތަނުގައި ފިލްމަކާ ގުޅޭގޮތުން އިއުލާންކުރަން ޖެހިއްޖެ ނަމަ، އެކަން އަހަރެންގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އިއުލާންކުރާނަން. އޭރުން މިފަދަ ހުރިހާ އަޑުތަކަކަށް ނިމުމެއް އަންނާނެ،” މްރުނާލް ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ފިލްމުތައް ނުކުޅެ މަޑުކޮށްލައިގެން ހުރީ ހުށަހެޅުންތައް ނުލިބޭތީއެއް ނޫނެވެ. ނަމަވެސް މިހާރު ލިބެމުންދާ ވާހަކަތަކާ ގަޔާނުވާތީ ކަމަށާއި، ބޭނުންވަނީ ހަމައެކަނި މަޝްހޫރުކަން ހޯދުމުގެ ބަދަލުގައި އަމިއްލަ ހިތްހަމަޖެހުން ލިބޭ ފަދަ އުފެއްދުންތެރި މަސައްކަތްތަކެއް ކުރަން ކަމަށް އޭނާ ފާހަގަކުރިއެވެ.

“ރާކާ” އަކީ 2027 ވަނަ އަހަރު ނެރުމަށް ތާވަލުކޮށްފައިވާ ބޮޑު ބަޖެޓެއްގެ ފިލްމެކެވެ. މިއީ އައްލޫ އަރުޖުން އަދި އެޓްލީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ އިތުރު ކާސްޓުންނާ ގުޅޭގޮތުން ރަސްމީ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.