ބޭއިންސާފަކަށް ވާނީ އެއް ހަލާތެއްގައި ތިބި، ދެ މީހަކަށް އެއް ހަމައަކުން އަމަލު ނުކުރުން ކަމަށާއި ރައީސް ޔާމީނަށް ދައުލަތުން ކުރާ ދައުވާއާ ބެހޭ މައްސަލައިގައި، ރައީސް ޔާމީނާ އެއް ހާލަތެއްގައި ހުރި މީހަކު ނެތް ކަމަށް ދައުލަތުން ކުރިމިނަލް ކޯޓުގައި ބުނެފިއެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަނީލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު މިހެން ވިދާޅުވީ، މި މައްސަލައިގައި ރައިސް ޔާމީނާ މެދު ތަފާތުކޮށް ކަންކަން ކުރަމުން ގެންދާ ކަމަށް، ޔާމީންގެ ފަރާތުން ތަކުރާރުކޮށް ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ދައުލަތުގެ ވަކީލު މިހެން ވިދާޅުވީ، ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތާ ގުޅޭ މައްސަލަތަކުގައި ތުހުމަތުވާ އެެހެން އެންމެން ސަލާމަތްވެފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން މި ވަގުތު ޝަރީއަތުގައި އޮތީ ރައީސް ޔާމީންގެ މައްސަލަ އެކަނި ކަން ފާހަގަ ކުރައްވައެވެ.

ފުއްގިރި މައްސަލައިގައި ހަ ފަރާތެއްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރިއެވެ.

ނަމަވެސް އޭގެ ތެރެއިން ދެ މީހަކާއި ދެ ކުންފުންޏެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ.

އޭގެ ތެރޭގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ އިތުރުން، ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާތައް ހިމެނެއެވެ.

ނަމަވެސް ރިޒާގެ މައްޗަށް ކުރި ދައުވާތައް ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ސަން ކުންފުނިތަކުގެ މައްޗަށް ކުރި ދައުވާތައް ދަށު ކޯޓުގައި ސާބިތު ނުވި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ނުކޮށް ދައުލަތުން ވަނީ ދޫކޮށްލައިފައެވެ.

އެހެންކަމުން އެ މައްސަަލަތަކުގެ ތެރެއިން ދައުލަތުން ދޫކޮށްނުލައި އޮތް ހަމައެކަނި މައްސަލައަކީ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ މައްސަލައެވެ.

ޔާމީންގެ މައްސަލައިގައި މިއަދު އޮތީ، ހުލާސާ ބަޔާން އިއްވުމެވެ.