ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ އެންމެހައި ރައްޔިތުންގެ ޝާމިލުވުމާއެކު ފަސް އަހަރުގެ މުއްދަތަށް ހުއްޓުމެއްނެތި ކުރިއަށްދާނެ މަޝްރޫއެއް ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވި ގޮތުގައި ކުރިއަށްއޮތް އަހަރުގެ ތެރޭގައި މި މަޝްރޫއުގެ އެންމެ މުހިންމު ސިފަތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އަށް ވުޒާރާއަކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމެނޭހެން ޖުމުލަ 9 އިދާރާ ބައިވެރިވާ ސްޓީއަރިން ކޮމިޓީއަކުން ކަމަށާއި މި މަޝްރޫއު ރޭވިފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށްގެންދެވޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ވުޒާރާތަކާއި، މުއައްސަސާތަކާއި، ސްކޫލްތަކާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ އިތުރުން މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ޝާމިލުވެއެވެ.

މިނިސްޓަރު ވިދާޅުވީ ފަންނީ ބޭފުޅުންގެ ހިޔާލާއި އިރުޝާދާއެކު ގިނަ މަސައްކަތްތަކެއް ކުރެވި، ވޯކްޝޮޕްތައް ބޭއްވި، ހާއްސަ މޮޑިއުލްތަކާއި ޕްރޮގްރާމްތައް ވަނީ އެކުލަވާލެވިފައި ކަމަށާއި ސަރުކާރުގެ އުންމީދަކީ މި މަޝްރޫއު ނުހުއްޓި، ވަރަށް ފުރިހަމަކަމާއެކު ކުރިއަށްއޮތް ދުވަސްތަކުގައި ކުރިއަށް ގެންދިއުން ކަމަށެވެ.

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ. އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.