އިނގިރޭސި އިސްތިއުމާރީ ބާރުތަކުން އިންޑިއާގައި އުފެއްދި ތަދުމަޑުކަމުން އޭނާގެ ރަށް ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރާ ވީރޯދާރީ ފަހުލަވާނެއްގެ ގޮތުގައި ވިޖޭ ދެވަރަކޮންޑާ ފެނިގެންދާ ފިލްމު 'ރަނަބާލީ' ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

ރާހުލް ސަންކްރިތިޔަން ޑިރެކްޓްކޮށްފައިވާ މި ފިލްމަކީ 19 ވަނަ ގަރުނުގެ ތެރޭގައި އިންޑިއާގެ ދެކުނު ސަރަހައްދުގައި ހިނގާދިޔަ ތާރީހީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެކްޝަން ޑްރާމާއެކެވެ. މައިތުރީ މޫވީ މޭކާސްއިން އުފެއްދި މި ފިލްމުގައި ވިޖޭގެ އަނބިމީހާ ޖަޔައްމާގެ ރޯލުން ފެންނަނީ މަޝްހޫރު އެކްޓްރެސް ރަޝްމިކާ މަންދަންނާ އެވެ.

އާންމުކުރި 3 މިނެޓާއި 56 ސިކުންތުގެ މި ޓްރެއިލާއިން ފެންނަ ގޮތުގައި، ރަޔަލަސީމާގެ ސިންގަނަމާލާ ނަމަކަށް ކިޔާ ކުޑަ ރަށެއްގައި ހިނގާ ތަދުމަޑުކަމާއި އިނގިރޭސިންގެ އަނިޔާވެރިކަމާ ދެކޮޅަށް ރަނަބާލީ ތެދުވެއެވެ. މި ޓްރެއިލާގައި ވިޖޭއާއި ރަޝްމިކާގެ މެދުގައިވާ ލޯބީގެ އުފާވެރި ހަރަކާތްތަކާއި، ދެމަފިރިންގެ މެދުގައި ހިނގާ ސަމާސާ ވަގުތުތައްވެސް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ.

މި ފިލްމުގެ މައި ނުބައިބައި ރޯލުން ފެނިގެންދަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމު 'ދަ މަންމީ' އިން ފެނުނު އާނޯލްޑް ވޯސްލޫ އެވެ. އޭނާ ކުޅެނީ އިނގިރޭސި ކޮމިޝަނަރު ސަރ ތިއޯޑޯ ހެކްޓަރގެ ރޯލެވެ.

'ގީތާ ގޯވިންދަމް' އާއި 'ޑިއަރ ކޮމްރޭޑް' އަށްފަހު ވިޖޭއާއި ރަޝްމިކާ އެކުގައި ފެންނަ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު 16 ގައެވެ. މި ފިލްމު ރިލީޒްކުރާނީ ތެލިނގޫ، ހިންދީ، ތަމަޅަ، ކަންނަޑާ އަދި މަލަޔާޅަމް ބަހުންނެވެ.