އޮލިމްޕިކްސްއިން މެޑަލް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ބޮކްސިން ތަރި މޭރީ ކޯމްގެ މައްޗަށް، އޭނާގެ ކުރީގެ ފިރިމީހާ އޮންލަރ ކޯމް ޖިނާއީ އަބުރުގެ ދައުވާއެއް ކޮށްފިއެވެ. އިންޑިއާގެ ނޫސް އޭޖެންސީއެއް ކަމަށްވާ އައިއޭއެންއެސްއަށް ދިން އިންޓަވިއުއެއްގައި އޮންލަރ ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮންލަރ މި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ގާނޫނުލްއުގޫބާތުގެ (ބާރަތިޔާ ނިޔާޔާ ސަންހިތާ) 356 ވަނަ މާއްދާގެ ދަށުންނެވެ.
އޮންލަރ ބުނި ގޮތުގައި، މޭރީ ކޯމް އަންނަނީ ޓީވީ ޕްރޮގްރާމްތަކުގައާއި އާންމު އެކި ޕްލެޓްފޯމްތަކުގައި އޭނާއާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކައި، އޭނާގެ އަބުރު ކަތިލަމުންނެވެ. އައިއޭއެންއެސްއަށް މައުލޫމާތު ދެމުން އޮންލަރ ބުނީ، މީހުންގެ ސަމާލުކަން ހޯދުމަށްޓަކައި މޭރީ ކޯމް އޭނާއާ ބެހޭގޮތުން ގިނަ ދޮގުތަކެއް ހަދަމުންދާ ކަމަށާއި، އެހެންކަމުން އަބުރުގެ ދައުވާ ކުރަން ނިންމީ ކަމަށެވެ.
މި ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް އުފެދި، 2023 ވަނަ އަހަރު ވަނީ ކައިވެނި ރޫޅިފައެވެ. މީގެ ކުރިން މޭރީ ކޯމް ވަނީ، އޭނާގެ ބޮކްސިން ކެރިއަރުން ހޯދި އެތައް ކްރޯޑު ރުޕީސްއަކަށް އޮންލަރ ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މޭރީ ކޯމްއަށް ނޭނގި އޭނާގެ ނަމުގައި ލޯނު ނެގުމާއި، މުދާ ރަހުނުކުރުމުގެ އިތުރުން ބައެއް މުދާ އޮންލަރގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށްވެސް މޭރީ ކޯމް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އޮންލަރ ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ.
މި ވަގުތު މޭރީ ކޯމް ހުރީ އިންޑިއާގެ ރިއަލިޓީ ޝޯ “ބިގް ބޮސް 20” ގެ ބައިވެރިއެއްގެ ގޮތުގައެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން މޭރީ ކޯމް ނުވަތަ އޭނާގެ ގާނޫނީ ޓީމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އޮންލަރ ހުށަހެޅި މި މައްސަލައިގެ އަޑުއެހުމެއް އަންނަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހަށް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް