ޗެކް ބައުންސްވި 7 މައްސަލައަކާ ގުޅިގެން ބޮލީވުޑްގެ އެކްޓަރު ރާޖްޕާލް ޔާދަވް ކޯޓަށް ދައްކަން ޖެހޭ 5 ކްރޯޑު ރުޕީސް ނުދެއްކުމުން، އިންޑިއާގެ ސުޕްރީމް ކޯޓުން އޭނާއަށް ފަހު ފުރުސަތެއް ދީފިއެވެ. ލައިވް ލޯ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 5 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓުން ވަނީ މިއަދުގެ ނިޔަލަށް އެ ފައިސާ ދެއްކުމަށް އަންގާފައެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ސެޕްޓެންބަރު 15 ވަނަ ދުވަހު ވަނީ 5 ކްރޯޑު ރުޕީސްގެ ތެރެއިން މަދުވެގެން 2 ކްރޯޑު ރުޕީސް ކޯޓާ ހަވާލުކުރުމަށް އަންގާފައެވެ. ނަމަވެސް، އިއްޔެގެ އަޑުއެހުމަށް ރާޖްޕާލްގެ ވަކީލު ހުށަހެޅީ 50 ލައްކަ ރުޕީސްގެ ޑިމާންޑް ޑްރާފްޓެއްގެ ކޮޕީއެކެވެ. ބާކީ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާގެ ވަކީލު ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފަނޑިޔާރު ޖޯއިމާލްޔާ ބާގްޗީ ވިދާޅުވި ގޮތުގައި، ރާޖްޕާލްގެ ކިބައިގައި ހުރި ބޮޑާކަން ކަނޑުވާލަން ޖެހެއެވެ. އޭނާ ހުންނަން ޖެހޭ ތަނަކީ ޖަލު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ. މީގެ އިތުރުން، އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު ވަނީ 50 ލައްކަ ރުޕީސްގެ ޑްރާފްޓަކީ އަސްލެއްތޯ ސުވާލު އުފައްދަވައިފައެވެ.
މި މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕާލް ޑައިރެކްޓްކުރި ފިލްމު “އަތާ ޕަތާ ލާޕަތާ” އުފެއްދުމަށް މުރްލީ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑުން ނެގި 5 ކްރޯޑު ރުޕީސްގެ ލޯނަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފައިސާ ނުދެއްކުމުގެ ސަބަބުން އިންޓަރެސްޓާއެކު އެ އަދަދު ވަނީ 11 ކްރޯޑު ރުޕީސްއަށް އަރައިފައެވެ.
މި މައްސަލައިގައި ދިއްލީ ހައި ކޯޓުން ވަނީ ރާޖްޕާލް 3 މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދަނީ އެ ހުކުމް އިސްތިއުނާފު ކުރުމަށް ރާޖްޕާލް ހުށަހެޅި މައްސަލައެވެ. ކޯޓުން ވަނީ ފައިސާ ދެއްކުމަށް މިއަދުގެ ނިޔަލަށް ވަގުތު ދީ، މާދަމާ އަލުން މައްސަލަ ތާވަލުކުރުމަށް ނިންމާފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް