ޒީފައިވް އިން މިމަހު 2 ގައި ޕްރިމިއާކުރި ކްރައިމް ތްރިލާ ފިލްމު "ޕޫޖާ މޭރީ ޖާން" އިން ދައްކުވައިދެނީ ލޯބީގެ ހުށަހެޅުމަކަށް އަންހެނަކު ނޫނެކޭ ބުނުމުން ނުކުންނަ ނަތީޖާއެވެ. ނަވްޖޯތު ގުލާޓީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ މްރޫނާލް ތާކޫރާއި ހުމާ ގުރޭޝީއެވެ. ފިލްމާ ގުޅޭގޮތުން މްރޫނާލް ބުނީ، މިއީ ކަންކަމާ މެދު ދެކޭ ގޮތް ބަދަލުކޮށްލައި، ހަގީގަތަކީ ކޮބައިކަމާމެދު ސުވާލު އުފައްދާނެ ވާހަކައެއް ކަމަށެވެ.
މި ފިލްމުގައި މްރޫނާލް ކުޅެފައިވާ ޕޫޖާގެ ކެރެކްޓަރަށް އޭނާގެ ރަހުމަތްތެރިޔާ އަނިކެތު (ވިކްރަމް ސިންގް ޗޯހާން) ލޯބީގެ ގޮތުން ހުށަހެޅުމުން އެކަމަށް އިންކާރުކުރެއެވެ. އެއާއެކު އަނިކެތު އަމިއްލައަށް މަރުވެ، އޭގެ އިލްޒާމް ޕޫޖާގެ ބޮލުގައި އެޅެއެވެ.
"ދަ ހިންދޫ" އަދި "ހިންދުސްތާން ޓައިމްސް" ފަދަ ނޫސްތަކުގެ ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި، މި ފިލްމުން އަންހެނުންގެ ރުހުމާއި، މުޖުތަމައުން އެކަން ބަލައިގަންނަ ގޮތާމެދު މުހިންމު ސުވާލުތަކެއް އުފައްދައެވެ. ހާއްސަކޮށް، މީހަކު އަމިއްލައަށް މަރުވުމުގެ ޒިންމާ ނޫނެކޭ ބުނާ މީހާ ނަގަންޖެހޭނެތޯ ފިލްމުން ސުވާލުކުރެއެވެ. އަދި ފިރިހެނުންގެ އަމިއްލަ އެދުމާއި، ނޫނެކޭ ބުނުމުން އެކަން ގަބޫލުނުކުރާ މައްސަލައަށް ފިލްމުގައި އަލިއަޅުވާލާފައިވާ ކަމަށް ކްރިޓިކުން ބުނެފައިވެއެވެ.
ނަމަވެސް، ފިލްމުގެ ނެރޭޓިވް ސްޓްރަކްޗާއާ މެދު ކްރިޓިކުން ވަނީ ފާޑުކިޔާފައެވެ. ރިވިއުތަކުގައި ބުނެފައިވާ ގޮތުގައި، އުނދަގޫ މައުލޫއަކަށް ވާހަކަދެއްކި ނަމަވެސް، ފިލްމުގެ ކޯޓު ރޫމް މަންޒަރުތަކާއި މައްސަލަ ހައްލުކުރާ ގޮތް ބިނާކޮށްފައިވަނީ ވަރަށް އާދައިގެ، ފަސޭހަ ނެރޭޓިވް އުކުޅުތަކެއްގެ މައްޗަށެވެ.
ކޯޓުގައި ހިނގާ ބަހުސްތަކުގައި އަސަރެއް ނެތް ކަމަށާއި، ފިލްމު ނިންމާލާފައިވަނީ މާ ފަސޭހަ ގޮތަކަށް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ސަބަބުން ފިލްމުގެ އަސްލު މެސެޖުގެ ބާރު ކެނޑޭކަމަށް ކްރިޓިކުން ދެކެއެވެ.
އެހެން ނަމަވެސް، މްރޫނާލްގެ އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ކްރިޓިކުން ފާހަގަކުރި ގޮތުގައި، އޭނާ ވަނީ ޕޫޖާގެ ކެރެކްޓާގެ ބިރުވެރިކަމާއި، ރުޅިވެރިކަން ވަރަށް ފުރިހަމައަށް ދައްކުވައިދީ، ފިލްމުގެ އެންމެ ވަރުގަދަ ތަނބުގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. ހުމާ ގުރޭޝީ ވަކީލެއްގެ ރޯލުން ފެނިގެންދާއިރު، ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ނެރުނު މި ފިލްމު މިހާރު ޒީފައިވް އިން ސްޓްރީމްކުރަމުން ދެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް