އީރާނުގެ މަދަދު ލިބޭ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް އަނބުރާ ހޯދަން ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށައިފިކަން، ޔަމަނުގެ ރިޔާސީ ކައުންސިލްގެ އިސްވެރިޔާ ރަޝާދު އަލް އަލީމީ އިއުލާންކުރައްވައިފިއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އަލީމީ ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ހޫތީންގެ ބާރުގެ ދަށުގައިވާ ޖުމްހޫރިއްޔާގެ ބާކީ ހުރި ހުރިހާ ސަރަހައްދެއް އަނބުރާ ހޯދައި، މުޅި ގައުމަށް ދައުލަތުގެ ބާރު ފޯރުވުމެވެ. މީގެ ތެރޭގައި އެތައް އަހަރެއް ވާންދެން ހޫތީންގެ ބާރުގެ ދަށުގައި އޮތް ވެރިރަށް ސަންއާ ވެސް ހިމެނެއެވެ. ހަމަނުޖެހުންތައް ކުޑަކުރުމަށް އޮތް ހުރިހާ ފުރުސަތެއް މިހާރު ބަންދުވެފައިވާ ކަމަށާއި، ސުލްހަ ގާއިމުކުރުމަށް ކުރި މަސައްކަތްތަކަށް ހޫތީން ދިނީ ބީރު ކަންފަތެއް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ފާސްކޮށްފައިވާ ރޭވުންތަކާ އެއްގޮތަށް އަމާޒުތަކަށް ވާސިލުވުމަށް ހުރިހާ އަސްކަރީ ފައުޖުތަކަށް އޭނާ ވަނީ އަންގަވައިފައެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ، ރަތް ކަނޑުގެ އައްސޭރިފަށާއި ބާބުލް މަންދަބް ކަނޑުއޮޅީގެ ބޮޑު ބައެއް ހޫތީން ދާދި ފަހުން ހިފާފައި ވަނިކޮށެވެ. މީގެ އިތުރުން، ޔަމަނުގެ ތިންވަނައަށް އެންމެ ބޮޑު ސަހަރު ކަމަށްވާ ތާއިޒް ވަށާލައި، އެ ސަހަރަށް ވަދެވޭން އޮންނަ މައި މަގު ހޫތީން ބަންދުކޮށްފައިވާ ކަމަށް ރޮއިޓާސްއާއި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މި އޮޕަރޭޝަނަށް އެމެރިކާއިން ސައުދީ އަރަބިއްޔާއަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދެމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސްއިން ރިޕޯޓުކޮށްފައިވެއެވެ.

ސައުދީ އަރަބިއްޔާގެ މަދަދު ލިބޭ ޔަމަނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ވެރިރަށް ސަންއާއާއި އުތުރުގެ ސައާދާ ޕްރޮވިންސްގައިވާ ހޫތީންގެ މުހިންމު އަމާޒުތަކަކަށް ވަނީ ހަމަލާދީފައެވެ. އަދި މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ސަރުކާރުގެ ފައުޖުތަކުން ދައުވާކުރި ނަމަވެސް، މި އަދަދުތައް މިނިވަން ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަނެއްކޮޅުން، ސައުދީ އަރަބިއްޔާގެ ރިޔާޟް އަދި ހުރައިސްގައި ހުންނަ އަރާމްކޯގެ ތެޔޮ ކާރުހާނާތަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާނެ ކަމަށް ހޫތީން ވަނީ ބުނެފައެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.