"އަތްމަތިދަތިވެ" ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ކުރުވާހަކަތައް ހިމެނޭ ފޮތެއް ނެރެން ނިންމައިފިއެވެ.

ނަޝީދުގެ ހިއްސާ އޮންނަ ޗާޕުޚާނާއެއް ކަމަށްވާ އޯޝަން ޕަބްލިޝާސްއިން ނެރޭ ނަޝީދުގެ ކުރުވާހަކަ ފޮތަށް ކިޔަނީ "ކުރުވާހަކަ - 80ގެ ފަހުކޮޅު" އެވެ. މިއީ ނަޝީދުގެ ހިޔާލީ ވާހަކަތަކެކެވެ.

މި ފޮތް ގަންނަން ޕްރީ އޯޑަރަށް ހުޅުވާލާފައިވާ އިރު، ފޮތެއް ވިއްކުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ.

ފޮތުގެ އިޝްތިހާރުގައި ނަޝީދު ލިޔުއްވާފައިވާ ގޮތުގައި ފޮތް ނެރެނީ އަތްމަތި ދަތިވެ އިތުރު އާމްދަނީއެއް ހޯދުމަށެވެ.

"ކުރީގެ ރައީސުންގެ ޕެންޝަނުގެ ބޮޑު ބައެއް ވެސް ކަނޑާލައިފި އެވެ. ފޮރުވާފައި ހުރި ގިނަ ފައިސާ ލ. އަތޮޅުގައި ހުރި ގޯތީގައި ގެ އަޅަން ހަދަން އުޅެގެން ހުސްވެއްޖެއެވެ. މި ފޮތް މި ނެރެނީ އަތްމަތި ދަތިވާތީއެވެ،" ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މި ވާހަކަތައް ލިޔުއްވާފައިވަނީ 1900ގެ ތެރޭގައެވެ. މިއީ "ހިތާއި ހިތުގެ ގުޅުން" ވާހަކައިގައި އުޅޭ "ހަސަން ކުރުސީ" އެވެ.

ނަޝީދުގެ ވިދާޅުވި ގޮތުގައި މި ވާހަކަތަކުގެ ބަތަލަކަށް ވެސް ނުބައި ބަޔަކަށް ވެސް އުޅޭނީ ހަސަން ކުރުސީއެވެ. ނަމަވެސް އެއީ މިހާރު ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ހަސަން ކުރުސީ ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ހަސަން ކުރުސީ އެވަނީ ސޯޝަލް މީޑީއާގައި މިހާރު އަމިއްލަ ދިރުމެއް ހޯދާފައެވެ. އެހެނަސް މި ވާހަކަތަކުގެ ބަތަލަކީ ހަމަކަށަވަރުން ވެސް އެކްސް، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހަރަކާތްތެރިވާ ހަސަން ކުރުސީއެއް ނޫނެވެ. މިޒާޖު ވެސް އަދި ތޮބިއްޔަތު ވެސް މާބޮޑަށް ތަފާތެވެ. ހަސަން ކުރުސީ ހިކިވާނެއެވެ. ބަނޑެއް ނެތް ތާނގައި ބުޑެއް ވެސް ނެތެވެ. ދިގެއް ނޫނެވެ. އިސްތަށި ގިނައެވެ. މި ވާހަތަކުގައި އޭނާ މިހާރު ތިރީހަށް އަޅަނީއެވެ،" ހަސަން ކުރުސީ ހުންނަ ގޮތް ކިޔައިދެއްވަމުން ނަޝީދު ވިދާޅުވެފައިވެއެވެ.

މި ފޮތުގައި ހިމެނޭ ބައެއް ވާހަކަތަކަކީ "ޗާލާ ޒަމާން"، "ގައުމީ މަޝްރޫއު"، "މޫސަބަރު"، ކުރުނާމާ އަދި ރީތި ހަދިޔާ" އެވެ.