ރާއްޖެ 2040 ވަނަ އަހަރާ ހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ޗައިނާއާއެކު އޮތް ގާތް ގުޅުމަކީ ފުރުސަތުތަކާއި ތަނަވަސްކަމަށް މަގުފަހިކޮށްދޭ ވަރުގަދަ ފާލަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ 77 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ހޫނު މަރުހަބާއެއް ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމަކީ ހަމައެކަނި ޑިޕްލޮމެޓިކް ލިޔެކިޔުންތަކަކަށް ސިފަވާކަމެއް ނޫން ކަމަށެވެ. އެއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ، ލޮލަށް ފެންނަން އޮތް ހަގީގަތެއް ކަމަށާއި، އެގޮތުން، ދެ ގައުމުގެ ބަދަހި ރަހުމަތްތެރިކަމުގެ ނިޝާނެއްގެ ގޮތުގައި ހުރި ސިނަމާލެ ބުރިޖާއި، ގެދޮރުވެރިކަމުގެ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ލިބެމުންދާ އިގްތިސޯދީ މަންފާތައް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެދެނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށްވުމަށް ކުރާ ދަތުރުގައި، ރާއްޖެ ޗައިނާގެ ގުޅުމަކީ ފުރުސަތުތަކާއި ތަނަވަސްކަމަށް ވާސިލުކޮށްދޭ ފާލަމެއްގެ ގޮތުގައި ދެމިއޮތުން" ރައީސް ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ މީހުންނާއި މުޖުތަމައުތައް އަދި ގައުމުތައް އެއްބައިވަންތަކޮށް ގުޅުވައިދޭ ވަސީލަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުންވެސް ބިނާވެފައިވަނީ އެފަދަ ހަރުދަނާ ބިންގަލެއްގެ މަތީގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދުނިޔެއަށް ދިމާވެފައިވާ އިގްތިސޯދީ އަދި ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތަކުގެ މެދުގައި ބައިބައިވުމުގެ ބަދަލުގައި އެއްބާރުލުމާއި މަޝްވަރާ އިސްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީގައި ޗައިނާއިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި، އެ ގައުމުން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.