ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއާ ގުޅިގެން އާންމުންގެ ފަރާތުން ކުރަމުން އަންނަ ސުވާލުތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ތަފްސީލީ ޖަވާބުތަކެއް ދެއްވައިފިއެވެ.
ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ދުނިޔޭގެ ފެންވަރުގެ ވޯޓަފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހެދި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު އަބޫދާބީގައެވެ. މަޝްހޫރު ބުރުޖް ހަލީފާ އަދި ދުބާއީ މޯލް ފަދަ މަޝްރޫއުތައް ބިނާކުރި އެމާރް ކުންފުނީގެ ބާނީ އަލައްބާރު އެ ދުވަހު ވިދާޅުވީ ދިވެހިރާއްޖެ ފަދަ ހިތްގައިމު ގައުމެއްގެ ތަރައްގީގެ ބައިވެރިއަކަށްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.
އެ މަޝްރޫއާ ގުޅިގެން އާންމުންގެ ފަރާތްތަކަކުން ގިނަ ސުވާލުތަކެއް ކުރަމުން ގެންދާތީ، މިނިސްޓަރު ވަނީ ލިންކްޑްއިންގައި ވަރަށް ތަފްސީލުކޮށް އެ ސުވާލުތަކަށް ޖަވާބުދެއްވައި ލިޔުމެއް ޝާއިއު ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއަށް ރަސްމާލޭގެ މަޝްރޫއު ވާއިރު ބައެއް ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވަމުންދާ ކަމަށާއި އެކި ފަރާތްތަކުން އުފައްދާފައިވާ ގިނަ ސުވާލުތަކަކީ ހަގީގީ ސުވާލުތަކެއް ކަމަށް ވާތީ، އެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވަން ބޭނުންވާ ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫއުގައި ސަރުކާރުން ބަރޯސާ ވަނީ ސޮއިކުރާ ދުވަހު ލިބޭ ޗެކަކަށް ނޫނެވެ. އޭގެ ބަދަލުގައި، ދައުލަތަށް ލިބޭނެ އާމްދަނީއަށެވެ. އެއީ
• ޑިވެލޮޕްމަންޓްގައި ހުންނަ ކޮންމެ ހޮޓަލެއްގައި ތިބުމުން، ކޮންމެ ކެއުމަކުން، ކޮންމެ ފިހާރައަކާއި ހިދުމަތެއްގައި ޓީޖީއެސްޓީ – ކޮންމެ ރިސޯޓަކުން ދައްކާ ޓެކްސްތައް، އެއްވެސް ލުޔެއް ނެތި.
• މާސްޓަރ ޑިވެލޮޕަރުގެ އާމްދަނީގެ 10 އިންސައްތަ ހިއްސާ.
• ކޮންމެ ޕްރޮޕަޓީ ޓްރާންސެކްޝަނަކުން 4 ޕަސެންޓް.
މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ކޮންމެ ވިއްކުމެއްގެ ފައިސާ ބަހައްޓާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ކަމަށް ވާތީ މިއީ އެއީ ވެސް ވަރަށް މުހިންމު އަދި ފައިދާކުރުވާނޭ ކަމެއް ކަމަށެވެ.
"ޑޮލަރު ލިބުމުގެ ދަތިކަން ދިގު މުއްދަތަކަށް ތަޖުރިބާކުރަމުންދާ ގައުމަކަށް ރާއްޖެ ވާއިރު މިއީ ވަރަށް ބޮޑު ކަމެއް. އަދި މިއީ މި މަޝްރޫއުގެ ތެރެއިން ސަރުކާރަށް ލިބޭ ޑޮލަރުގެ އާމްދަނީގެ އިތުރުން ލިބޭނެ އެއްޗެއްކަން ފާހަގަކޮށްލަން،" މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މަޝްރޫއު ތަރައްގީ ކުރަމުން އަންނަ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރާއިރު، އިގްތިސޯދުގެ ތެރެޔަށް 54,000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ސަރުކާރުން އެއްވެސް ލޯނެއް ނުނަގާ، ސޮވަރިން ގެރެންޓީއެއް ދޭކަށް ނުޖެހޭ، އަދި ޓެކްސްގެ އެއްވެސް ލުއިތަކެއް ނުދޭ. މިކަންކަމުގެ އިތުރުން ޕްރޮޖެކްޓްގެ ހުރިހާ ފައިސާއެއް ދައުރުވާނީ ދިވެހި ބޭންކުތައް މެދުވެރިކޮށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހަރުގެ ގިނަ ދުވަސްތަކުގައި އާއިލާއާ ދުރުގައި ދިރިއުޅެން ޖެހޭ ކަމަށެވެ. ނަމަވެސް ރަސްމާލެއަކީ މާލެއިން ސްޕީޑްބޯޓެއްގައި އެންމެ 17 މިނިޓުގެ ދުރުމިނުގައި އޮތް ތަނެއް ކަމަށް ވާތީ އެ ތަނުގައި ގާއިމުކުރާ ހޮޓާތަކާއި މެރީނާ އާއި ސްކޫލްތަކާއި ކްލިނިކްތަކުން ލިބޭ ވަޒީފާތަކަކީ ރަސްމާލޭގައި ނުވަތަ މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެއްސަކަށް މަސައްކަތް ނިންމާފައި ކޮންމެ ދުވަހަކު ވެސް ގެއަށް ގޮސް އާއިލާއާ އެކު ވަގުތު ހޭދަކުރެވޭނެ ފަދަ ވަޒީފާތަކަކަަށް ވާނޭ ކަމަށެވެ.
ރަސްމާލޭގެ ބަދަލުގައި ހުޅުމާލޭގައި އާންމުންނަށް ހައުސިން މަޝްރޫއުތައް ހިންގުން މާރަނގަޅުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދި ފަހުން އުފެއްދެވި ސުވާލަށް ވެސް ޖަވާބު މުއްތަލިބު ވަނީ ޖަވާބުދެއްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ތިން ކޮޓަރީގެ 5,000 އެޕާޓްމަންޓް ހަދާނެ ކަމަށާއި މިއީ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހިނގާނެ ކަމެއް ކަމަށެވެ.
"ސަރުކާރުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދު ކުރުމެއް ނެތި އަދި އެއްވެސް ދަރަންޏަކަށް ނުވަތަ ސޮވެރިން ގެރެންޓީއަކަށް ނުގޮސް މިކަން ކުރެވެނީ، އަޅުގަނޑުމެން އެއްބަސްވީ އެކްވިޒިޝަން ކޮސްޓެއްގެ ބަދަލުގައި 10 ޕަސެންޓް އާމްދަނީގެ ހިއްސާއެއް ކަމަށް ވާތީ، މި ގެތަކުގެ އަގު އުނިކުރަނީ ސަރުކާރުގެ އާމްދަނީގެ ހިއްސާއިން ލިބޭ ގޮތަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލޭގެ ދެބައިކުޅަ އެއްބައި ކަމަށްވާ 500 ހެކްޓަރު ބިން ހާއްސަ ކޮށްފައިވަނީ ހަމައެކަނި ދިވެހީންނަށް ކަމަށާއި މި ސައިޒުގެ ބިމެއްގައި 150,000 މީހުންގެ އާބާދީއަކަށް ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެ ކަމަށްވެސް މިނިސްޓަރު މުއްތޮލިބު ފާހަގަކުރެއްވިއެވެ.
ނަމަވެސް އެފަދަ ބޮޑު ސިޓީއަކަށް ވަޒީފާތަކާއި ހިދުމަތްތައް އަތްފޯރާފަށުގައި ލިބޭނެ ގޮތް ފަހިވެފައި އޮންނާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭން ބޭރު މީހުންނަށް ގެދޮރު ވިއްކުމުން ގައުމުގެ ސިޔާދަތަށް ވާނީ ކިހިނެއްތޯ ބައެއް މީހުން ސުވާލު ކުރާ ކަމަށާއި މިކަމުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިތަނުގައި އެއްވެސް ވަރަކަށް މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނޯންނާނެ. މިހާރުވެސް ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހިނގާ ފަދައިން، މި މަޝްރޫއުގެ ހުރިހާ ވަގުތެއްގައިވެސް، ތަރައްގީގެ ކޮންމެ ތަނެއްގައިވެސް، ހިނގާނީ ރާއްޖޭގެ ގާނޫނު. ރަސްމާލެއަށް މުދާ ގަނެވޭނީ ސަރުކާރުން ހުއްދަދޭ ފަރާތްތަކަށް. ވިސާ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮންނާނެ. މުދަލެއް މިލްކު ކުރުމުން ދާއިމީ ރެޒިޑެންސަށް ނުވަތަ ރައްޔިތުކަމަށް ބަދަލުވުމުގެ އެއްވެސް މަގެއް ނޯންނާނެ އަދި ކުރިމަގުގައި ވެސް އެފަދަ މަގެއް ނޯންނާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މީހެއްގެ ވިސާ ބާތިލުކޮށްފި ނަމަ، އެ މީހަކު ރާއްޖެއިން ފައިބައިގެން ދާން ޖެހޭނެ ކަމަށެވެ. އަދި އެ މީހުންގެ މިލްކުވެރިކަމުގައިވާ މުދާ އެ މީހުންގެ ލަގެޖަށް ލައިގެން ނުގެންދެވޭނެ ކަމަށާއި އެ ތަކެތި ހުންނާނީ މި ބިމުގައި، ދިވެހި ގާނޫނުގެ ދަށުން، އެހެން ހުއްދަ އޮތް ފަރާތަކަށް ވިއްކާލެވޭ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރަސްމާލެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ޒަމާނީ ސިޓީއެއް ބިނާކުރުމަށް ބޭނުންވާ ކެޕިޓަލް ލިބޭނެ ކަމަށާއި ދިވެހީންނަށް ރަނގަޅު ހިދުމަތްތަކާއި ފުރުސަތުތައް ފޯރުކޮށްދިނުމަށް ދައުލަތަށް ލިބޭ ޓެކްސްގް އާމްދަނީ ރަނގަޅުވެ ހަރުދަނާ ވާނެ ކަމަށެވެ.
އިގްތިސޯދު ސިންދަފާތު ނުކޮށް އަދި އާމްދަނީ އިތުރު ނުކުރާ ނަމަ މި ސަރުކާރަށް ވިޔަސް ނުވަތަ ފަހުން އަންނަ ސަރުކާރަކަށް ވިޔަސް، ދައުލަތުގެ ހަރަދުތައް ބަލަހައްޓައި ދަރަނި ކުޑަކުރުމަކީ ދަތިކަމަކަށް ވާނެ ކަމަށާއި ޒިންމާދާރު ސަރުކާރަކުން ކުރިއަށް އޮތް ޖީލަށްޓަކައި މި މިސްރާބު ބަދަލުކުރަން ޖެހޭ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ދައުލަތަށް އިތުރު އާމްދަނީ، ރަނގަޅު މުސާރަ ލިބޭ ވަޒީފާތައް އަދި ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ދުބާއީ އާއި ސިންގަޕޫރު މިއަދު އެ އޮތް ހިސާބަށް ދިޔައީ ސޮއިކުރާ ދުވަހު ނެގުނު ފައިސާއަކުން ނޫން. އެ ގައުމުތައް އެ ހިސާބަށް ދިޔައީ އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ފެށުނު އިގްތިސޯދީ ހަރަކާތްތަކުގެ ސަބަބުން. އަހަރުން އަހަރަށް ވިޔަފާރި އާއި ޒިޔާރަތްކުރާ މީހުންނާއި ވިޔަފާރިތަކާއި ވަޒީފާތަކާއި އެ ހުރިހާ ކަމަކުން ނަގާ ޓެކްސްތަކުގެ ސަބަބުން. އެއީ އަޅުގަނޑުމެން ވާހަކަ ދައްކާފައިވާ މޮޑެލް: ދިގުމުއްދަތުގެ ދެމެހެއްޓެނިވި ގޮތެއްގައި އަދި އިގުތިސޯދީ އަދި އިޖުތިމާއީ ފައިދާ ކޮމްޕައުންޑް ވެގެންދާ މޮޑެލް،" މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ޑައުންޓައުން ދުބާއީ، ބެލްގްރޭޑް ވޯޓަފްރޮންޓް އަދި ދުނިޔޭގެ ތިން ބައްރެއްގައި މަޝްރޫއުތައް ހިންގި އީގަލް ހިލްސް އާއި މުހައްމަދު އަލައްބާރަކީ މިކަން ކޮށްދިނުމުގެ ފުރިހަމަ ގާބިލުކަމާއި ތަޖުރިބާ ހުރި ބައެއްކަން ސާފުކޮށް ސާބިތުވާން އެބައޮތް ކަމަށެވެ. ދުނިޔޭގެ ރިއަލް އެސްޓޭޓް ދާއިރާގެ އެންމެ ނަން މަޝްހޫރު އެއް ޝަހުސިއްޔަތު ކަމަށްވާ އަލައްބާރު ވަނީ މިކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް