ޑޮލަރު ޓްރާންސްފާތަކަށް ހޭދަވާ ވަގުތު އަންނަ ހަފުތާގެ ނިޔަލަށް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، އޮގަސްޓް މަހުގެ ނިޔަލަށް ބޭންކުން ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 33.33 ޕަސަންޓު ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެކެވެ.
ބީއެމްއެލުން ބުނީ މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތަކާއި އަދަދުތައް
- ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް: މަހަކު 38 މިލިއަން ޑޮލަރު
- ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ތަކަށް: މަހަކު 27 މިލިއަން ޑޮލަރު
- ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މަހަކު 9.4 މިލިއަން ޑޮލަރު
- ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު
ބީއެމްއެލުން ބުނީ ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅައިބަލާއިރު، މި މިންވަރަށް ރުފިޔާއަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އަދި މި މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން، މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް ވަނީ އިތުރުވެފައި ކަމަށެވެ.
ބީއެމްއެލުން ބުނީ ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، މިދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފާތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައި ކަމަށާއި މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް މިހާރު އެހީތެރިވެދީފައިވާ ކަމަށެވެ.
"މިއާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫއަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެއެވެ." ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައްކުރެވޭނެ މަގުފަހިކޮށްދިނުމަށާއި ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަންދިނުމަށް ކަމަށެވެ. އަދި ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި އަދި ގައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލުން އިތުރަށް ބުނީ އެ ބޭންކަކީ މާލީގޮތުން ހަރުދަނާ ބޭންކެއް ކަމަށާއި މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށެވެ. އަދި މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން ކަމަށާއި ބޭންކުން އަންނަނީ ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި، ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިގްތިސޯދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުން ކަމަށެވެ.
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް