(11 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)
މި ފަތަޙައިގެ ދުވަސްކޮޅެއްގެ ފަހުން سلطان محمود ގެ ލަޝްކަރު އެނބުރި غزنی އަށް މިޞްރާބު ޖަހައިފިއެވެ. ރަންބީރާއި އޭނާގެ އަރިހުގައި ވަޑައިގެންނެވި އެހެނިހެން އަމީރުން محمود ގެ އަރިހުގައި އެ ބޭފުޅުންގެ ސަރަޙައްދާ ހަމަޔަށް ވަޑައިގަތެވެ. سلطان محمود، عبدالواحد އަށް އެންގެވީ ހިންދީ ސިފައިން ގޮވައިގެން ގުނޫޖަށް ވަޑައިގަތުމަށެވެ. محمود އެނބުރި ވަޑައިގަތުމުގެ އިންތިޒާރުގައި ގުނޫޖުގައި ހުންނެވުމަށެވެ.
ޖޭކްރިޝަންގެ ދަރިކަނބަލުން
ނިރުމަލާގެ މަންމަ އަވަހާރަ ވުމަށް ފަހު، އޭނާ އެ ގަނޑުވަރުގައި ދުވަސްތައް ހޭދަ ކުރައްވަމުން ގެންދެވީ ނިހާޔަތުގެ ހިތްޕުޅުދަތިކަމުގައެވެ. ރަންބީރާ މެދު މިހާރު އޭނާގެ ހިތްޕުޅުގައި މުޅީން ވެސް އޮތީ ފޫއްސާއި ނަފްރަތެވެ. ރަންބީރު ވަޑައިގެން ނުއުޅުއްވާ އިރު އޭނާ ބެލެހެއްޓުމާ ޙަވާލު ވެހުންނަނީ ޝަމްބޫނާތެވެ. ޝަމްބޫނާތުގެ ޢަމަލުތައް ހުންނަ ގޮތުން ނިރުމަލާއަށް ވިސްނިވަޑައިގަތީ އޭނާގެ ޙައިޘިއްޔަތަކީ ޤައިދީއެއްގެ ޙައިޘިއްޔަތު ކަމެވެ. އޭނާއަށް ބޭރަށް ނުކުމެވަޑައިގަތުމުގެ އަމުރު އެންމެ ފުރަތަމަ ލިބިވަޑައިގަތީ ވެސް މަންމަގެ ޖަނާޒާއާ އެކުގައެވެ. ނަމަވެސް އެތާނގައި ވެސް ޝަމްބޫނާތާއި އަދިވެސް ބައެއް ނޯކަރުން އޭނާގެ އަރިހުގައި ތިބެއެވެ. އޭގެ ފަހުން ވެސް، ރަންބީރުގެ ނޯކަރުންގެ ފާރަވެރިކަމުގެ ދަށުގައި މަންމަގެ މަހާނަފުޅާ ހަމަޔަށް ވަޑައިގަތުމުގެ ހުއްދަ ލިބިވަޑައިގަންނަވައެވެ. ޚާއްޞަކޮށް ޝަމްބޫނާތު އަބަދުވެސް ހިޔަންޏެކޭ އެއްގޮތަށް އޭނާގެ އަރިހުގައި ހުރެއެވެ. އެހައި ވަރަށް ބަލަހައްޓާން ފެށުމުން، ނިރުމަލާގެ ހިތްޕުޅުގައި ފިލައިވަޑައިގަތުމުގެ ޚިޔާލުފުޅު އުފެދޭން ފަށައިފިއެވެ. އެއް ދުވަހަކު ވަރަށް ހެނދުނާ ނިރުމަލާ އޭނާގެ ޚާދިމާއެއްގެ ހެދުން ލައްވައިގެން މޫނުބުރުގާކޮޅެއް އަޅުއްވައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ނަމަވެސް ޝަމްބޫނާތަށް ނިރުމަލާގެ ހިންގެވުން ފެނުމާ އެކު، އެއީ ނިރުމަލާކަން އެނގިއްޖެއެވެ. އޭނާ ނިރުމަލާގެ ކުރިފުޅުމައްޗަށް އަރައިފައި ދަންނަވައިފިއެވެ. "ކަމަނާ މި ވަގުތު ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކަށްތޯއެވެ؟"
ނިރުމަލާ ކަންބޮޑު ވެވަޑައިގަތުމާ އެކު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ... އަޅުގަނޑު މި ދަނީ ނިރުމަލާއަށް ބޭސްކޮޅެއް ހޯދާން ވެގެންނެވެ."
ޝަމްބޫނާތު ޖަވާބު ދިނެވެ. "ކަމަނާ އުނދަގޫފުޅު ނުއުފުއްލަވާށެވެ. އަޅުގަނޑު ބޭސްވެރިޔަކު ގެނެސްފާނަމެވެ."
އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު ރަށުތެރެއިން ހަމަޖައްސާން ބޭނުން ވާ އެހެން ކަމެއް ވެސް އެބައޮތެވެ."
ޝަމްބޫނާތު ބުނެފިއެވެ. "ކަމަނާއާ މެދު، ބޭއަދަބީ ޙަރަކާތެއް ހިންގާން އަޅުގަނޑަށް މަޖުބޫރު ނުކުރައްވާށެވެ. ކަމަނާއަކީ ކޮން ބޭފުޅެއްކަން އަޅުގަނޑަށް އެނގެއެވެ."
ނިރުމަލާ ކަންބޮޑު ވެވަޑައިގަތުމާ އެކު އޭނާގެ ބުރުގާކޮޅު ނަންގަވައިފިއެވެ. ކޯފާ ވެގެން ތުރުތުރު އަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "ކަލޭ ހީ ކޮށްގެން ތިޔަ އުޅެނީ އަހަރެން މި އިނީ ކަލޭގެ ޖަލުގައި ކަމަށް ހެއްޔެވެ؟"
ޝަމްބޫނާތު ޖަވާބު ދިނެވެ. "އަޅުގަނޑުމެންގެ އަމީރު ވަޑައިގެންނެތީސް ކަމަނާއަށް ގިނިކަންޏާ މި ގަނޑުވަރުން ބޭރަކަށް ވަޑައެއްނުގެންނެވޭނެއެވެ. އޭނާ ވަޑައިގަތީ ކަމަނާ ރައްކައުތެރިކަމާ އެކު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަޅުގަނޑާ ޙަވާލު ކުރައްވައިފައެވެ."
"އަހަރެން ބެލެހެއްޓުމޭ!" ނިރުމަލާ ފޫހިފުޅު ރާގަކަށް ވިދާޅުވިއެވެ. "އަހަންނަށް ވެސް މި ޖަލުން ސަލާމަތް ވެވޭނީ، އަހަރެންގެ މަންމައެކޭ އެއްގޮތަށް މަރުގެ ސިފައިގައޭ ކަލޭ ނުބުނީ ކީއްވެ ހެއްޔެވެ؟ ހަނދާން ކުރާށެވެ! ކޮންމެވެސް ދުވަހަކުން ކަލޭމެންގެ އަމީރަށް ހިތާމަ ކުރައްވާން ޖެހިވަޑައިގަންނަވާނެއެވެ."
ޝަމްބޫނާތު ބުންޏެވެ. "އޭނާ މިތާނގައި ހުންނަވަނިކޮށް ކަމަނާ ދުވަހަކު ވެސް މިތަނުން ވަޑައިގަތުމުގެ ޚިޔާލުފުޅެއް ފާޅެއް ނުކުރައްވަމުއެވެ. އެހެންކަމުން އޭނާއަށް ހީފުޅު ވެފައި އޮތީ ކަމަނާ މިތާނގައި އިންނަވާ ހިތްޕުޅުން އިންނަވަނީ ކަމުގައެވެ. ކަމަނާ އެހެން ތަނަކަށް ވަޑައިގަންނަވާން ބޭނުންފުޅު ވާހަކަ ވިދާޅުވި ނަމަ، އޭނާ އެއްގޮތަކަށް ވެސް ކަމަނާ ހިފަހައްޓަވާކަށެއް ނުއުޅުއްވީހެވެ. ނަމަވެސް މިހާރު އޭނާ ވަޑައިގެންނެތީސް އަޅުގަނޑުމެންނަށް ކަމަނާ މިތަނުން ވަޑައިގަތުމުގެ ހުއްދައެއް ނުދެވޭނެއެވެ."
"އެހެން ހެއްޔެވެ؟ ރަންބީރަކީ އަހަރެން އަހަރެންގެ ބައްޕާފުޅުގެ ދުޝްމަނެކެވެ. އަހަރެންގެ މަންމާފުޅުގެ ޤާތިލެވެ. އަހަރެންގެ ޤައުމާއި ދީނުގެ ދުޝްމަނުންގެ ރަޙުމަތްތެރިޔާއެވެ. އޭނާއަކީ އަހަރެން ބަލަހައްޓަވާ ބޭފުޅެކޭ ހީ ކުރުމަށް ވުރެ މަރު ވުން ވެސް މާ ރަނގަޅު ކަމުގައި އަހަރެން ދެކެމެވެ."
ޝަމްބޫނާތު ދެންނެވިއެވެ. "އަޅުގަނޑުމެންގެ އަމީރު ކަމަނާއަށް ކަމޭ ހިތުމަށް އަންގަވައިފައި އޮތުމާ އެކު، އަޅުގަނޑަށް ކަމަނާގެ ތިޔަ ވާހަކަފުޅުތަކަށް ޖަވާބު އެރުވޭކަށެއް ނެތެވެ."
ނިރުމަލާ އެއްވެސް އެއްޗެއް ވިދާޅުނުވެ އެނބުރި ގަނޑުވަރަށް ވަޑައިގެންފިއެވެ. ނަމަވެސް އޭނާގެ ހިތްޕުޅުގައި ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. "ކަލޭ ހިތާމަ ކުރާން ޖެހޭނެއެވެ. ރަންބީރު، އަހަރެންގެ ބަދަލު ހިފުމާ މެދު ބިރުފުޅު ގެންވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެއެވެ. އަހަރެން އޭނާ ދިރިހުއްޓައި ދުލެއް ނުކުރާނަމެވެ."
+ + + +
އެއް ދުވަހަކު ނިރުމަލާގެ ޚާދިމާ އޭނާގެ އަރިހަށް ޚަބަރު ގެނެސްދިނެވެ. "ރަންބީރުގެ އަރިހުގައި ދިޔަ މީހުން އެނބުރި އަތުވެއްޖެއެވެ. سلطان محمود ގެ ލަޝްކަރު މި ހިސާބާ ތިން ކޯހުގެ ދުރުގައި މަޑު ކޮށްގެން އެބައޮތެވެ. އެނބުރި ރަށަށް އައި ސިފައިން ބުނާ ގޮތުގައި ރަންބީރާ އެކު ކަލަންޖަރުގެ ހަނގުރާމައިގައި ބައިވެރި ވެވަޑައިގެންނެވި އަމީރުންނަށް سلطان محمود ވަރަށް ގިނަ އިނާމު ދެއްވިއެވެ. ރަސްގެފާނުގެ ކުރިފުޅުމަތީގައި މި ހިސާބުގަނޑުގެ ހުރިހައި އަމީރުން ވަނީ އެ ބޭފުޅުންގެ އެންމެ އިސް ވެރިޔަކީ ރަންބީރު ކަމަށް ޤަބޫލު ކުރައްވައިފައެވެ. މުސްލިމުންގެ ލަޝްކަރު ފުރާނީ މާދަމާއެވެ. ރަންބީރު އެނބުރި ވަޑައިގަންނަވާނީ އެ ލަޝްކަރަށް އަލްވަދާޢު ވިދާޅުވުމަށް ފަހުގައެވެ. ސިފައިން ބުނާ ގޮތުގައި މުސްލިމުންގެ ލަޝްކަރު ދާނީ މި ރަށާ ވަރަށް ކައިރީންނެވެ."
އޭގެ އަނެއް ދުވަހު ނިރުމަލާ އެކަމަނާގެ ޚާދިމާއިންނާ އެކު އިންނެވީ މަތީ ބުރީގެ ބަރެންޑާގައެވެ. ނިރުމަލާ އިންނެވީ އިސްލާމީ ލަޝްކަރު ދަތުރު ކޮށްފައި ދާ މަންޒަރު ބައްލަވާށެވެ.
މެންދުރެއްހައި އިރު ވީތަނާ، ޝަމްބޫނާތު ނިރުމަލާގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑު ކަމަނާގެ އަރިހަށް މި އައީ އަމީރު ރަންބީރު ފޮނުއްވައިގެންނެވެ. ކަމަނާގެ މައިކަނބަލުން އަވަހާރަ ވި ވާހަކަ އިވިވަޑައިގަތުމުން އޭނާ ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އޭނާ ކަމަނާގެ ފައިންޕުޅު ދެއްކެވުން އެދިވަޑައިގަންނަވައެވެ. ކަމަނާ އަމުރު ދެއްވައިފި ކަމުގައި ވާނަމަ، އޭނާ ހަމަ މިހާރު ކަމަނާގެ އަރިހަށް ވަޑައިގަންނަވާނެއެވެ."
ނިރުމަލާ ޖަވާބު ދެއްވިއެވެ. "އޭނާގެ ޤައިދުގައި އިން ޤައިދީއެއްގެ ގާތަށް ވަޑައިގަންނަވާކަށެއް އޭނާއަށް ހުއްދައެއް ބޭނުންފުޅެއް ނުވާނެއެވެ."
ޝަމްބޫނާތު އެނބުރި ދިޔުމުން ނިރުމަލާ ޚާދިމާއިންނާ ދިމާޔަށް ވިދާޅުވިއެވެ. "އޭނާ ވަޑައިގަތުމުން އަހަރެންގެ ކޮޓަރިއަށް ފޮނުވާށެވެ. ހަނދާން ކުރާށެވެ. އަހަރެން ނުގޮވަނީސް ކަލޭމެން ކުރެ އެކަކު ވެސް އެތަނަށް އައިސްގެން ނުވާނެއެވެ."
ނިރުމަލާ އޭނާގެ ކޮޓަރިއަށް ވަޑައިގެން، ކޮޓަރީގެ އެއް ކަނެއްގައި ހުރި ފޮއްޓެއް ހުޅުވައިލައްވައިފައި، ވިދަވިދައި އޮތް ޚަންޖަރެއް ނަންގަވައި ހެދުންކޮޅުގެ ތެރޭގައި ފޮރުއްވައިފިއެވެ. އެއަށްފަހު އޭނާ ހާސްފުޅުކަމާ އެކު ކޮޓަރިތެރޭގައި ދެކޮޅަށް ހިންގަވާން ފަށްޓަވައިފިއެވެ. އިރުކޮޅަކުން ބޭރުން ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. އޭނާގެ ހިތްޕުޅު ތެޅޭން ފަށައިފިއެވެ. އޭނާ އަވަހަށް ވަޑައިގެން އެނދުގެ ކައިރީގައި ހުއްޓިވަޑައިގެންފިއެވެ. ރަންބީރު އެތެރެއަށް ވެދެވަޑައިގަތުމުން ނިރުމަލާ އޭނާގެ މޫނުފުޅަށް ބައްލަވައިލެއްވިއެވެ. އެއާއެކު، ނިރުމަލާއަށް އޭނާގެ މުޅި ހަށިކޮޅުން ތުރުތުރުއެޅުމެއްގެ އިޙުސާސް ވެވަޑައިގެންނެވިއެވެ. ރަންބީރު ވަޑައިގެން ކޮޓަރީގެ މެދުގައި ހުއްޓިވަޑައިގެންފިއެވެ. އޭނާ ސިކުންތެއްހައި އިރު ނިރުމަލާގެ މޫނުފުޅަށް ބައްލަވައިލެއްވުމަށް ފަހު އިސްދަށަށް ޖައްސަވައިލައްވައިފިއެވެ. "ތިޔަ ބޭފުޅާގެ މައިކަނބަލުންގެ ޚަބަރު އަޅުގަނޑަށް ލިބުނީ ހަމަ ދެންމެއަކުއެވެ. އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަ ކުރަމެވެ."
ނިރުމަލާ އެއްވެސް ޖަވާބެއް ނުދެއްވިއެވެ. ރަންބީރު އަނެއްކާވެސް އިރުކޮޅަކު ނިރުމަލާއާ ދިމާޔަށް ބައްލަވައިލެއްވުމަށް ފަހު، ބޭއިޚްތިޔާރުގައި ކުރިޔަށް ވަޑައިގެން ބޭރަށް ހުޅުވޭ ކުޑަދޮރުގެ ކައިރީގައި ހުއްޓިވަޑައިގެންފިއެވެ. އިރުކޮޅަކު މަޑު ކޮށްލެއްވުމަށް ފަހު އޭނާ ކުޑަދޮރުން ބޭރު ބައްލަވައިލައްވަމުން ވިދާޅުވިއެވެ. "ތިޔަ ބޭފުޅާއަށް އަޅުގަނޑުގެ ވާހަކަޔާ މެދު އިތުބާރު ކުރެއްވޭނެ ކަމެއް ނޭނގެއެވެ. އަޅުގަނޑު މިތާނގައި ހުރި ނަމަ، ކަމަނާގެ މަންމާފުޅުގެ ފުރާނަފުޅު ސަލާމަތް ކުރެވޭތޯ ކުރެވޭން އޮތްހައި މަސައްކަތެއް ކުރީމުހެވެ. އަޅުގަނޑަކަށެއް ތިޔަ ބޭފުޅާގެ ބައްޕާފުޅަކަށް މާފެއް ނުކުރެވޭނެއެވެ. ނަމަވެސް އަންހެނަކާ މެދު އަޅުގަނޑުގެ އެއްވެސް ދުޝްމަންކަމެއް ނެތެވެ."
"މަނިކުފާނާ މެދު އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނެތެވެ." ނިރުމަލާ ތަންކޮޅެއް ކުރިޔަށް ޖެހިވަޑައިގެން އޭނާގެ ހިތްޕުޅުގައި ވާ ނުތަނަވަސްކަން ފިލުވައިލެއްވޭތޯ މަސައްކަތްޕުޅު ކުރައްވަމުން ވިދާޅުވިއެވެ.
ރަންބީރު ފހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވުމަކާ ނުލައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަޒަރުގައި މި ގެއަކީ ފައްޅިއެކެވެ. މިތާނގައި އެއްވެސް މީހަކު މަރު ވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ހިތްދަތި ވާ ކަމެކެވެ."
ނިރުމަލާ އަނެއްކާވެސް އެއް ފިޔަވަޅު ކުރިޔަށް އެޅުއްވުމަށް ފަހު ވިދާޅުވިއެވެ. "މަނިކުފާނުގެ ކޮއްކޯފުޅު އުޅުއްވީ މި ކޮޓަރީގައިތޯއެވެ؟"
"އާދޭހެވެ!" ރަންބީރު ބެދިފައި ވާ އަޑުފުޅަކުން ޖަވާބު ދެއްވިއެވެ. "އެ ރޭ އަޅުގަނޑު މި ކޮޓަރިއަށް ވަނީ މި ކޮޓަރީގައި އުޅުއްވާނީ ޝަކުންތަލާ ކަމަށް ހީ ކޮށެވެ. ނަންދުނާގައި ހުރި އިރު އަޅުގަނޑަށް ޚަބަރު ލިބިފައި ވާ ގޮތުގައި، އޭނާ އަޅުގަނޑުގެ އިންތިޒާރުގައި ރޭގަނޑު ހަތަރުދަމު ވެސް ބަހައްޓަވަނީ ބައްތި ދިއްލަވައިފައެވެ. ނަމަވެސް އަޅުގަނޑު ޙައިރާން ވަނީ އޭނާ ގެއްލުމަށް ފަހު ތިޔަ ބޭފުޅާއަށް ކޮޓަރީގެ ބައްތި ދިއްލަވައިފައި ބެހެއްޓެވުމުގެ ޚިޔާލުފުޅު އައި ގޮތަކާ މެދުގައެވެ. ރަށުގެ މީހުން ބުނާތީ އަޅުގަނޑަށް އިވިފައި ވާ ގޮތުގައި، ޝަކުންތަލާ ގެއްލުނު ފަހުން ވެސް މި ކޮޓަރި ރޭގަނޑު ހަތަރުދަމު ހުންނަނީ ދިއްލައި އަލި ކޮށްފައެވެ. ތިޔަ ބޭފުޅާ ޝަކުންތަލާ ދެކެވަޑައިގެންނެވިކަމެއް ނޭނގެއެވެ. ތިޔަ ބޭފުޅާ އެންމެ ފަހަރަކު ނަމަވެސް އޭނާ ދެކެވަޑައިގެންނެވި ނަމަ، އޭނާއަށް ޓަކައި އަޅުގަނޑަށް މުޖުތަމަޢާ ދެކޮޅަށް ކަނޑި އުފުލައިލުމުގެ ޙައްޤު ލިބިގެން ވާކަމަށް ޤަބޫލު ކުރެއްވުނީހެވެ. އަޅުގަނޑު ގާތު ކޮންމެވެސް މީހަކު ޝަކުންތަލާ ވީ ތަނެއް ބުނެދޭނެ ނަމަ ހާދަ ރަނގަޅެވެ."
ރަންބީރު ގެންދެވީ ނިރުމަލާއާ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ބައްލަވައެއްނުލައްވައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އޭނާ ތުއްޕުޅު އިރު އެ ކޮޓަރިއަށް ވެދެވަޑައިގެންނެވުމަށް ޓަކައި ސިޑިއަކަށް ހައްދަވައިގެން އޭނާ އުޅުއްވި ގަހާ ދިމާޔަށެވެ. ނިރުމަލާ އޭނާއާ ވަރަށް ކައިރިޔަށް ވަޑައިގެންފިކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ނަމަވެސް އޭނާއަކީ ޝަކުންތަލާގެ ބޭބެކަމާއި މޯހަންޗަންދުގެ ދަރިކަލުންކަމުގެ އިޙުސާސް، އޭނާގެ ކުރިފުޅުމަތީގައި ވަނީ ފާރެއް ފަދައިން ހުރަސް ވެފައެވެ. ޣީރަތު އޭނާގެ ލޯފުޅުގެ ކުރިމަތީގައި ވަނީ ފަރުދާ ކޮށްފައެވެ. ޝަކުންތަލާއާ މެދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ނާއުއްމީދު، އޭނާ ވަނީ އޮއިކުނިކޮޅުތަކުގެ ވެސް އެހީ ހޯއްދަވާން އާދަ ކުރުވައިފައެވެ. އޭނާއަށް ހީފުޅު ވެފައި އޮތީ ނިރުމަލާއަށް ޝަކުންތަލާގެ ޚަބަރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން، އޭނާ އެ ކޮޓަރިޔަށް ވަޑައިގަތީ ނިރުމަލާގެ ހިތްޕުޅަށް އަސަރު ކޮށްގެން ޝަކުންތަލާއާ މެދު ކޮންމެވެސް އެއްޗެއް ވިދާޅުވެދާނެ ކަމުގެ އުއްމީދުގައެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް