ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން މުބާރާތް ކަމަށްވާ 'ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026' ގެ ޕަބްޖީ ކޮލިފަޔާސް 57 ޓީމާއެކު ފަށަން ތައްޔާރުވެއްޖެއެވެ.

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ޕަބްޖީ މޮބައިލް ކޮލިފަޔާސް ފެށުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރު 2026 ގައެވެ.

މި ކޮލިފަޔާސްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ޓީމުތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ. އަދި މި ބުރުން އެންމެ ކުރި ހޯދާ 16 ޓީމަކަށް ޑީއެމްޖީސީ 2026 ގެ މެއިން އިވެންޓުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. މެއިން އިވެންޓުގައި ޕަބްޖީ ކުޅުންތެރިންނަށް 30،000 ރުފިޔާގެ ޕްރައިޒް ޕޫލަކުން އިނާމު ހާސިލުކުރުމުގެ ފުރުސަތު އޮންނާނެއެވެ. މުބާރާތުގެ މެޗުތައް ދިރާގު ގޭމާސް ގިލްޑްގެ ޔޫޓިއުބް ޗެނަލް @DhiraaguGG މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ.

ޑީއެމްޖީސީއަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 1،500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ އިރު، މި އަހަރުގެ މުޅި މުބާރާތަށް ޖުމްލަ 150،000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މި އަހަރުގެ މުބާރާތުގައި މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ ގިނަ ގޭމްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ޑީޖީޖީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މި މުބާރާތާއި އެހެނިހެން ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު https://dgg.mv މެދުވެރިކޮށް ލިބޭނެއެވެ.