ދުނިޔޭގެ މުހިންމު މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް އިޝްތިހާރުކުރުމުގެ މަގުސަދުގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ދުނިޔޭގެ މަޝްހޫރު އެއާލައިން އެމިރޭޓްސްއާ ދެމެދު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ ހަވާސާގައެވެ. މި އެމްއޯޔޫގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަބްދުﷲ ޔާސިރެވެ. އަދި އެމިރޭޓްސްގެ ފަރާތުން ސޮއިކުރެއްވީ ވެސްޓް އޭޝިއާ އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ސީނިއާ ވައިސް ޕްރެޒިޑެންޓް – ކޮމާޝަލް އޮޕަރޭޝަންސް، އީސާ ސުލައިމާން އަހްމަދެވެ.

މި އެއްބަސްވުމުގެ ދަށުން، ދެފަރާތުން ގުޅިގެން ޑެސްޓިނޭޝަން މާކެޓިން ވަރުގަދަކުރުމަށާއި، މާކެޓްތަކުގައި ރާއްޖެއަށް އޮންނަ ތަރުހީބު އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޓްރެވަލް ޓްރޭޑް ގުޅުންތައް ހަރުދަނާކުރުމާއި، ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭންތައް ހިންގުމާއި، ފެމިލިއަރައިޒޭޝަން (ފެމް) ދަތުރުތައް އިންތިޒާމުކުރުމުގެ އިތުރުން، އެމިރޭޓްސްގެ ނެޓްވޯކްގައި ހިމެނޭ ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާ ގުޅިގެން ހިންގާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ވީއެމްސީގެ ސީއީއޯ އަބްދުﷲ ޔާސިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވައިގެ ދަތުރުފަތުރާއި ޑެސްޓިނޭޝަން މާކެޓިން ގުޅިގެން މަސައްކަތްކުރުން މުހިންމެވެ. އަދި އެމިރޭޓްސް ފަދަ ދުނިޔޭގެ އެންމެ ބޮޑު އެއް އޭވިއޭޝަން ނެޓްވޯކަކާ ގުޅިގެން މަސައްކަތްކުރުމުން، މުހިންމު މާކެޓްތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް އުފުލިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމިރޭޓްސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އީސާ ސުލައިމާން އަހްމަދު ވިދާޅުވީ، ރާއްޖެ އިޝްތިހާރުކުރުމަށް އެ އެއާލައިނުގެ ނެޓްވޯކް މެދުވެރިކޮށް ވީއެމްސީއަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖެއާ މެދު އޮންނަ ހޭލުންތެރިކަން އިތުރުވެ، ދަތުރުވެރިންގެ ފަރާތުން ރާއްޖެއަށް އޮންނަ ޑިމާންޑަށް އެދެވޭ އެއްބާރުލުމެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.