ރ. ފުއްގިރީގައި ހުރި 25 ފޫޓުގެ ޓަވަރަކުން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 15:58 އެހާކަންހާއިރު، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ފުއްގިރީގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 25 އަހަރުގެ ފިރިހެނަކު ޓަވަރެއްގެ މަތީގައި މަސައްކަތް ކުރަނިކޮށް ގާތްގަނޑަކަށް 25 ފޫޓު މަތިން ވެއްޓި އަނިޔާވި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ބިދޭސީ މީހާއަށް ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، ބިދޭސީ މީހާގެ ހާލު މިވަގުތު ސީރިއަސް ނޫންކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.