އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ބޭންކަށް ހުށަހަޅާ ޕާސަނަލް ލޯނުތައް މިއަދުން ފެށިގެން އިސްލާމިކް ބޭންކިން އުސޫލުން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތަށް އެކުލަވާލާފައިވާ "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން، އާންމު ފަރުދުން މިހާރު ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ވެސް ޝަރުއީ ހަމަތަކާ އެއްގޮތް ހިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ހިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވީ ނަމަވެސް، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ކޮންވެންޝަނަލް ބޭންކިން ހިދުމަތް ވެސް ލިބޭނެ ގޮތް ބޭންކުން ހަމަޖައްސައިދޭނެއެވެ.
މި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލުން ވަނީ އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިން ބްރާންޗްތަކަކަށް ބަދަލުކޮށްފައެވެ. އަދި އެ ބްރާންޗްތަކުން މިހާރު ހިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިންއަށް އިސްކަންދީގެންނެވެ. ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުގެ އިސްލާމިކް ބޭންކިން ފަންޑު ހުންނަނީ ކޮންވެންޝަނަލް ފަންޑުތަކާ މުޅީން ވަކިކޮށް، ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.
މި ބަދަލާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ތައާރަފުކުރި ފަހުން ވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
"މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ބޭންކުގެ މަގުސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުން،" ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިން ހިދުމަތްދެމުން އަންނަނީ ބީއެމްއެލުންނެވެ. އޭގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން ކާޑުގެ ހިދުމަތް ހިމެނެއެވެ. ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑު ވެސް ދޫކުރަމުން އަންނަނީ އެ ބޭންކުންނެވެ. އާންމު ފަރުދުންގެ ބޭންކިން ހިދުމަތްތައް އިސްލާމިކް ބޭންކިން ހިދުމަތްތަކަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން ފުޅާކުރުމަށް ބީއެމްއެލްއިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް