ރާއްޖެ އިސްލާމްވުމަކީ ދިވެހިން މިހާތަނަށް ނިންމި އެންމެ ބޮޑު ނިންމުން ކަމަށާއި ދިވެހިންގެ ކާބަފައިންނަކީ ހުރިހާ ގޮތަކުންވެސް ގާބިލު ބައެއްކަން މާޒީން ކަށަވަރުކޮށްދޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ހިޖުރައިން 553 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހު ދިވެހިން އިސްލާމްދީން ގަބޫލުކުރުމާ ގުޅިގެން، ދިވެހިންގެ ސަގާފަތަށާއި އިޖުތިމާއީ މިންގަނޑުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ދިވެހިންގެ ތެރޭގައި ކުރިން ނެތް އެތައް ކަމެއް ތައާރަފުވެ، ކުރީގެ އެތައް ކަމެއް ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ދިވެހިންގެ އަދަބު އިހުތިރާމާއި، އިންސާފު ގާއިމުކުރުމާއި، މެހުމާންދާރީ އަދި އާއިލީ ދިރިއުޅުން ފަދަ ކަންކަން އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް ބަދަލުވެ، ރާއްޖޭގައި އިސްލާމީ ހަޟާރަތެއް ބިނާކުރެވުނު ކަމަށް ވިދާޅުވިއެވެ. މީގެ އެންމެ ސާފު އެއް ހެއްކަކީ ރާއްޖޭގައި ފެންނަން ހުރި ރީތި ހިރިގަލު މިސްކިތްތައް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރެވިފައިވާ އާކިއޮލޮޖިކަލް ދިރާސާތަކާއި ތާރީހީ ހޯދުންތަކަށް އަލިއަޅުއްވާލައްވައި، މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ އެތައް ހާސް އަހަރެއްވީ ދައުލަތެކެވެ. މި ދިރާސާތަކުގެ އަލީގައި އިހު އެވޭލާ ޒަމާނުގައި ދިވެހި މުޖުތަމައުގެ އާންމު ދިރިއުޅުން ބައްޓަންވެފައި އޮތް އަސާސްތައް ހާމަވެފައިވާ ކަމަށާއި، މިއީ ދިވެހި ޝަހުސިއްޔަތު ނެގެހެއްޓުމަށް އިންތިހާއަށް ބޭނުންވާ މައުލޫމާތުތަކެއް ކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖެ އިސްލާމްވުމުން އައި ބަދަލުތައް ދެނެގަތުމަށް އިތުރު ދިރާސާތައް ބޭނުންވާކަން ފާހަގަކުރައްވައި، އެފަދަ ދިރާސާތައް ކުރުމުގެ ގާބިލުކަން ހުރި މީހުން ބިނާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ދިވެހި ގައުމިއްޔަތު އޭގެ ހައްގު މަގާމަށް އިއާދަކުރުމަށްޓަކައި، ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ސިޔާސަތެއް ކަނޑައަޅުއްވައި ހާއްސަ މަޝްރޫއުތަކެއް ހިންގަވަމުން ގެންދަވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

މާޒީއަށް ބަލާއިރު ދިވެހި ކާބަފައިންނަކީ ހުރިހާ ގޮތަކުންވެސް ގާބިލު ބައެއްކަން ޔަގީންވާ ކަމަށާއި، އެމީހުންގެ ގިޔާދަތުގެ މަތިވެރިކަން ނެގެހެއްޓިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ މުހިންމު ސަބަބަކީ އިސްލާމްދީން ކަމަށާއި، ގައުމުގެ އަބްތާލުން ގުރުބާންވެވަޑައިގަތީ އިސްލާމްދީނަށްޓަކައިކަން އެކަމަނާ ވިދާޅުވިއެވެ. މިއަދު ހުޅުވިފައިވާ ދުނިޔޭގައި ހުރި ނުރައްކާތަކާއި ފުރުސަތުތައް ދެނެގަނެ، ރާއްޖެއަކީ އަބަދުވެސް އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ދެމިއޮންނަ ގައުމަކަށް ހެދުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.