ބެންޖަމިން ނަތަންޔާހޫއަކީ އިޒްރޭލުގެ ތާރީޚުގައި އެންމެ ގިނަދުވަހު ވެރިކަންކުރި ބޮޑުވަޒީރެވެ. އިޒްރޭލުގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީވެސް ނަތަންޔާހޫގެ ވެރިކަމުގަައެވެ. އެއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން އިޒްރޭލުގެ ތެރެއަށްވަދެ ގާތްގަޑަކަށް ހައެއްކަ ގަޑިއިރު އިޒްރޭލު ކުޑަކަކޫ މައްޗަށް ތިރިކޮށްފައި ބޭއްވި އޮޕަރޭޝަނެވެ. އިޒްރޭލުގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ގަތުލުއާއްމުވެސް ހިގާފައިވަނީ ނުވަތަ ހިގަމުންދަނީވެސް ނަތަންޔާހޫގެ ވެރިކަމުގައެވެ. އެއީ ކުރިން މިދެންނެވި ތާރީޚުން ފެށިގެން މިއަދާ ހަމަޔަށްވެސް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ގަތުލުއާއްމެވެ. މި ގަތުލުއާއްމުގައި ފަލަސްތީނުގެ އެއްލައްކަޔަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. މިހުރިހާކަމެއް މިހެން ހުރުމާއެކުވެސް ނަތަންޔާހޫގެ ވެރިކަން އޭނާ އެބަދަމަހައްޓައެވެ. ދޮގުހަދަައިގެންނެވެ. އޮޅުވާލައިގެންނެވެ.
ނަތަންޔާހޫ މިހާރު ތައްޔާރުވަމުން އެގެންދަނީ އަނެއްކާވެސް އައު އިންތިޚާބަކަށެވެ. ކުރިއަށްއޮތް އޮކްޓޫބަރު މަހުގެ ހަތާވީސް ވަނަ ދުވަހު އިޒްރޭލުގައި ބާއްވާ އާއްމު އިންތިޚާބަށެވެ. މިއީ އޭނާގެ ސިޔާސީ ކެރިއަރުގެ ތޭރަވަނަ އާއްމު އިންތިޚާބެވެ. މިފަހަރުވެސް އޭނާ ބޭނުންކުރަމުންދާ މަކަރާއި ހީލަތަކީ މީގެކުރިންވެސް އޭނާ ބޭނުންކޮށްފަައިވާ އުކުޅުތަކެވެ. ފޮތަކީ ހަމަކުރީގެވެސް ފޮތެވެ. ކިޔަނީ އެކައްޗެކެވެ. ހަދަނީ ހަމަކުރީގައިވެސް ހަދާފައިވާ ދޮގުތަކެވެ. އެެއީ ކޮން އުކުޅުތަކެއް ބާވަައެވެ. ކޮން ދޮގުތަކެއް ބާވަައެވެ. ނަތަންޔާހޫ ބުނާގޮތުން އޭނާއަކީ އަނިޔާ ލިބިފައިވާ މީހާއެވެ. އިޒްރޭލަކީ އަނިޔާ ލިބެމުންދާ ދައުލަތެވެ. މިކަން ހައްލުކޮށް އިޒްރޭލުގެ މަސްލަހަތު ދިފާއު ކުރުމަށްޓަކައި އޭނާއަށް ވޯޓުދިނުން ލާޒިމެވެ. ނަތަނަޔާހޫ ކުރީގައިވެސް ކިޔަމުން އައީ މިލަވައެވެ. މިހާރު ކިޔަމުންދަނީވެސް މިލަވައެވެ. އޭނާގެ ސިޔާސީ ކެރިއަރު ދެމެހެއްޓުމުގެ އުކުޅަކީ ރައްޔިތުންގެ ހަމްދަރުދީ ހޯދުމުގެ އުކުޅެވެ.
ޖުމްލަ ތިންފަހަރެެއްގެ މަތިން މިހާތަނަށް 18 އަހަރު ނަތަންޔާހޫ ވަނީ މިއުކުޅު ބޭނުންކޮށްގެން ވެރިކަން ކޮށްފަައެވެ. އޭނާ ހީކުރާގޮތުގައި މިއުކުޅު ބޭނުންކޮށްގެން މިފަހަރުވެސް ރައްޔިތުން އޭނާއަށް ވެރިކަމުގެ އައު ދައުރެެއް ދީފާނެއެވެ. އެކަމަކު މިފަހަރު މަންޒަރު ފެންނަނީ ތަފާތުކޮށެވެ. އިދިކޮޅު ފަރާތްތަކުގެ އަޑުވެސް ވަރަށް ގަދައެވެ. ނަތަންޔާހޫގެ ކޮރަޕްޝަނުގެ ވާހަކަތަކާއި އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު ހަތެެއްގައި ކުރިމަތިވި ނާކާމިޔާބީއަކީ ޚުދު ނަތަންޔާހޫގެ ދޯދިޔާކަމުން ކުރިމަތިވި ނާކާމިޔާބީއެއް ކަމުގެ އަޑުތައް ވަކިން ގަދައެވެ. އިޒްރޭލުގެ އެންމެ ބޮޑު ނޫސްކަމުގައިވާ ހާރެޒްގައި ޝާއިއުކުރި ރިޕޯޓެއްގެ ސަބަބުންވެސް ނަތަންޔާހޫގެ ކެމްޕޭނަށް ވަނީ ވަރަށްބޮޑު ލޮޅުމެއް އަރައިފައެވެ. އޮކްޓޫބަރު ހަތެއްގެ ހަމަލާގެ މާކުރިން އެފަދަ ހަމަލައެއް ރޭވެމުން ފައްކާވަމުން އަންނަކަމުގެ މައުލޫމާތު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުން އިޒްރޭލަށް ދީފައިވާ ކަމަށްވެއެވެ. ޔޫއޭއީއަކީ އަރަބީންގެ ތެރެއިން އިޒްރޭލުގެ މިތުރެކެވެ.
ކޮންމެއަކަސް މިދެންނެވި މައުލޫމާތުގެ އަލީގައި ކުރަންޖެހޭ އެއްވެސްކަމެއް އަދި އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނަތަންޔާހޫގެ ސަރުކާރުން އަޅައިފައެއް ނުވެއެވެ. ހާރެޒް ނޫހުގައި ޝާއިއުކުރި ރިޕޯޓުގައި ހުރީ އެވާހަކަތަކެވެ. މިކަމާ އައިރުޅީގައި ނަތަންޔާހޫ ވަނީ ހާރެޒް ނޫހާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފަައެވެ. ދުޝްމަނުންނާ ގުޅިގެން އިޒްރޭލަށް ގެއްލުންދޭން އުޅޭކަމަށް ތުހުމަތުކޮށްފަަައެވެ. އޭނާގެ އިންތިޚާބީ ހައްގެއް ނިގުޅައިގަންނަން ދިމާކުރާކަމަށް ތުހުމަތުކޮށްފައެވެ. ކޮންމެއަކަސް ނަތަންޔާހޫގެ ކޮންމެ ނާކާމިޔާބީއެއްގެ ޒިންމާ އޭނާ އަޅުވަމުން ގެންދަނީ އެހެން މީހުންގެ ބޮލުގައެވެ. އަޑީ ދައުލަތުން އޭނާއާ ދެކޮޅު ރޭވުންތައް ރާވަނީއޭ ބުނަމުންނެވެ. މިޒާތުގެ ވާހަކަތަކަށް ހެއްލޭ މީހުން އަދިވެސް ވަރަށް ގިނައެވެ. މިޒާތުގެ ދޮގުތައް އަދިވެސް ގަދަޔަށް އެބަވިކެއެވެ. އެހެންވީމާ ކަނާތުފިޔައިގެ މީހުންގެ ތެރޭގައި އަދިވެސް ނަތަންޔާހޫ ވަރަށް މަގުބޫލެވެ. އެއީ އަދަދުގެ ގޮތުން މަދުބައެއްވެސް ނޫނެވެ. ގިނަބައެކެވެ.
ނަތަންޔާހޫގެ އެންމެބޮޑު ނާކާމިޔާބީއަކީ އޮކްޓޫބަރު ހަތެއްގެ ހަމަލާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު އެކަމުން ރެކިގަތުމަށްޓަކައި ނަތަންޔާހޫ ދައްކާ އުޒުރަކީ ސިފައިންގެ ކޮމާންޑަރުން އޭނާއަށް އޮޅުވައިލި ވާހަކައެވެ. އޭނާ ނިދިން ހޭލައްވަން އިންކާރުކުރި ވާހަކައެވެ. ސައްހަ މައުލޫމާތު ނުދީ އެތައް ގަޑިއިރަކަށް ހިފެހެއްޓި ވާހަކައެވެ. ކޮންމެއަކަސް އޭނާގެ ކުށެއްނެތެވެ. އޭނާއަށް ބަޔަކު އޮޅުވައިލީއެވެ. ދޮގުހެދީއެވެ. މިކަން ރައްޔިތުންނަށް އެންގުމަށް ނަތަންޔާހޫ ގެންދަނީ އޭނާގެ އަންހެނުންވެސް ބޭނުން ކުރަމުންނެވެ. އެދުވަހުގެ ކަންކަން ހިގައިދިޔަގޮތް އެންމެ ރަގަޅަށް އެނގޭނީ އަންހެނުންނަށޭ ކިޔައިފައެވެ. ނަތަންޔާހޫގެ ފަރާތުން މިފެންނަ މަކަރާއި ދޮގާއި ހީލަތުގެ އުކުޅުތަކަކީ ޕޮޕިއުލިސްޓް ފިކުރުގެ ލީޑަރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް ބޭނުންކޮށް އުޅޭ ބައު އުކުޅުތަކެކެވެ. އެމެރިކާގެ ޑޮނަލްޑް ޓްރަމްޕާއި ހަންގޭރީގެ ވިކްޓަރ އޮރްބާނާއި އިންޑިޔާގެ ބީޖޭޕީގެ ބައެއް ލީޑަރުންވެސް މި އުކުޅުތައް ވަނީ ބޭނުންކޮށްފައެވެ.
އިޒްރޭލުގެ ޔަހޫދީން ބެހިގެންވަނީ މައިގަޑު ގޮތެއްގައި ދެބަޔަކަށެވެ. އެއްބަޔަކީ އަޝްކެނާޒީންނެވެ. އެއީ މެދުތެރޭ ޔޫރަޕާއި އިރުމަތީ ޔޫރަޕުން ހިޖުރަކުރި މީހުންނާއި އެމީހުންގެ ދަރީންނެވެ. އިޒްރޭލުގެ މަހުޖަނުންނާއި ކުރީގެ ސިޔާސީ ލީޑަރުން ނިސްބަތްވަނީ މި ގްރޫޕަށެވެ. މިއީ ނަތަންޔާހޫގެ ފިކުރު ބަލައިގަންނަ ބައެއް ނޫނެވެ. ނަތަންޔާހޫގެ ދޮގުތައް އަޝްކެނާޒީންގެ ތެރެއަށް މާކެޓެއް ނުކުރެވެއެވެ. ޚުދު ނަތަންޔާހޫއަކީ އަޝްކެނާޒީ އަކަށްވާއިރުވެސް މެއެވެ. އޭނާގެ އަމާޒަކީ މިޒްރާހީ ޔަހޫދީންނެވެ. މިއީ މެދުފަންތިއާއި އޭގެ ދަށުގެ އެކި ގިންތިތަކުގެ މީހުންނެވެ. އިޒްރޭލުގެ ޒަމާންވީ ބޮޑުންނަށް ނަފުރަތު ކުރުމަކީ މިޒްރާހީންގެ އާދައެކެވެ. މިއީ މެދުއިރުމަތީގެ އެކި ގައުމުތަކުން ހިޖުރަކުރި ޔަހޫދީންނެވެ. އެމީހުންގެ ތެރޭގައި ނަތަންޔާހޫގެ ދޮގުތައް ވިކެއެވެ. އެމީހުންގެ ބާރު ދެމެހެއްޓުމަށް އޮތްމަގަކީ ނަތަންޔާހޫގެ ވެރިކަން ދިފާއުކޮށްދިނުން ކަމަށްވެސް ހީކުރެއެވެ. މިހެން މިކަންއޮތީމާ މިފަހަރުގެ އިންތިޚާބު ކޮންމެ ކޮޅަކަށްވެސް ނިމުމުގެ ފުރުސަތު އެބައޮތެވެ.
އިމާދު ލަތީފު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް