ދައުލަތުގެ މުއައްސާތައް ނާގާބިލުވެއްޖެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ މީހުން ދެކެ ފޫހިވި ކަމުގައިވިޔަސް، ހައްލު ގެނެވޭނީ ސިޔާސީ މީހުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޕީއެންއެފްގެ "ފަހި ސިގްނަލް" ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ފެންނަނީ ގާނޫނުއަސާސީން ގެނެސްފައި އޮތް ހަމަޖެހުމާއި ބާރުތައް ވަކިވުމުގެ ނިޒާމު މަސްހުނިކުރާތަން ކަމަށާއި ހުދުމުހުތާރު ވެރިކަމެއްގެ ސިފަ ޖެހި ނިމިއްޖެ ކަމަށެވެ. އަދި ސަރުކާރުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއް ދެވަނަ ދައުރެއް ބޭނުންފުޅުވާ ކަމަށްވަންޏާ، އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އޮންނަ އިލެކްޝަންސް ކޮމިޝަން (އީސީ) ވެސް ސިޔާސީވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގާނޫނުއަސާސީ ލިޔުނު އިރުގައި، އަދި ގާނޫނުއަސާސީގެ ރޫހަކަށް ވަނީ އީސީއަކީ ސިޔާސީ ފިކުރުން އެއްކިބާވެ އޮތް މުސްތަގިއްލު ތަނެއް ކަމަށްވުން ކަމަށާއި އެއީ ގާނޫނުއަސާސީން މަތިކޮށްފައި އޮތް ޒިންމާއެއް ކަމަށެވެ. ނަމަވެސް މިއަދު އެ ކޮމިޝަންގައި ރައީސަކަށް ރައީސުލްޖުމްހުރިއްޔާ އައްޔަންކުރައްވާ ބޭފުޅެއް ހުންނަވާ އިރު، ކޮރަޕްޝަންގެ މައްސަލަތައް ބަލަން މުނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް މިއަދު އޮތީ އެ ހާލަތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާ ހިސާބުން ސަރުކާރު ބުރަކި ޖައްސަންޖެހޭތީ އަޅުގަނޑު ދަންނަވާލަން ޖެހެނީ، އެހެންވީމާ ގަބޫލުކުރައްވަންތޯއޭ މުއައްސަސާތައް ފެއިލްވީއޭ، ދެން އެހެންވީމާ ސިޔާސީ މީހުން ދެކެ ފެޑަޕްވިޔަސް، ސިޔާސީ މީހުން އެބަ ނުކުންނަން ޖެހޭ. ސިޔާސީ މީހުން މިކަން އިސްލާހުކުރަން ޖެހޭނީ. ސިޔާސީ މީހުން، ގާނޫނުއަސާސީއަށް ފާޑުކިޔާ މީހުން، އަދި ކަންކަން ނިމިގެންދާ ގޮތަށް ފާޑުކިޔާ މީހުން ފާޑުކިޔުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް. އެކަންކަމަށް އަހުލުވެރިކުރުމަށް ކުރާ ކަންކަން އެއީ. އެއްވެސް ދާއިރާއަކުން ނިންމާ ކަމަކާ ދޭތެރޭ ފާޑުނުކިޔޭ ދާއިރާއެއް އޮވެގެން ނުވާނެ. އަންފޯޗުނަޓްލީ އަޅުގަނޑުމެން ހައްލު ހޯދަން ޖެހޭ ކަމެއް މިއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

10 ސެޕްޓެމްބަރ 2026، މާލެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވި ޕީއެންއެފްގެ "ފެހި ސިގްނަލް" ޖަލްސާގެ ތެރެއިން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މި ސަރުކާރަށް ތާއީދުކުރާ ބޮޑެތި މީހުންނާއި ސަނަކިޔާ މީހުންނަށް ބޮޑެތި އަދަދުތަކުގެ ފައިސާ އާއި ހުޅުމާލޭގެ ބިންތައް ލިބެމުންދާ ކަމަށް ތުހުމަތުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ މައްސަލަތައް ނުބަލާތީ ރައްޔިތުންގެ ބޮޑު ޝަކުވާއެއް އޮންނަ ކަމަށާއި އެއީ ކޮރަޕްޝަންގެ މައްސަލަތައް ކަމަށެވެ. ނަމަވެސް އޭސީސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހެއްގެ ގޮތަށް މިހާރު ކޯޓު ފަހައި ނިންމާފައި އޮންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާ ހިސާބަށް ދިޔައީމާ ސިޔާސީ މީހުން މި ތެދުވާން ޖެހެނީ. އެއީ މި ދެންނެވި ކަހަލަ ބާރުތައް، ބުރަކި ނުޖައްސާ ދާއިރު، ބުރަކި ޖައްސަން އުފައްދާފައި ހުރި މުއައްސަސާތަކެއް އެބަހުއްޓޭ، އެކަމަކު މުއައްސަސާތައް ނާގާބިލުވެއްޖެއޭ، މުއައްސަސާތަކުން ކުރާ މަސައްކަތެއް ނެތޭ، މުއައްސަސާތައް ބިރުގެންފި، މުއައްސަސާތައް ހީކަރުވައިފި، ފުރިހަމަ ޑިކްޓޭޓަރެއްގެ ސިފަ އައިސް ނިމުނީމާ އެ ހިސާބުން ސިޔާސީ މީހުންގެ ދައުރު އަނެއްކާ މި އަންނަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ވެސް ގޯސްތައް ހަދާ ކަމަށާއި ޝަރުއީ ދާއިރާއާ މެދު އޮތް ހިތްދަތިކަން އިތުރުވެގެންދަނީ އެކަމުގައި ސަރުކާރުގެ އަތެއްވާތީ ކަމަށެވެ. އަދި ސިޔާސީ މީހުން އެއް ވާހަކައެއް ދައްކާ ނަމަ، އެކަމާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.