ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ހިމެނިވަޑައިގަންނަވާ ގޮތަށް، އެ ގައުމުގެ ވަޒީރުންނާއި ސިޔާސީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަހަރީ މުސާރަ ބޮޑުކުރަން ސިންގަޕޫރު ސަރުކާރުން ނިންމައިފިއެވެ.

މި ބަދަލާއެކު ބޮޑުވަޒީރުގެ އަހަރީ މުސާރަ ތިން މިލިއަން ހަ ލައްކަ ސިންގަޕޫރު ޑޮލަރަށް އަރާނެކަން ފާހަގަކުރައްވައި، އަންގާރަ ދުވަހު ގާނޫނުހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ވޮންގް ވިދާޅުވީ، މުސާރައަށް އިތުރުވާ މިންވަރު ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ނިޔަލަށް ސަދަގާތް ކުރައްވާނެ ކަމަށެވެ.

ފަނަރަ އަހަރަށްފަހު ސިޔާސީ މަގާމުތަކުގެ މުސާރަތައް ބޮޑުކުރަން ނިންމި މައިގަނޑު ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ، އަމިއްލަ ދާއިރާތަކުގައި މަސައްކަތްކުރާ ގާބިލު މީހުން ސިޔާސީ ދާއިރާއަށް ނެރުމަށާއި ކޮރަޕްޝަނުން ސަލާމަތްވެފައިވާ ސާފު ސަރުކާރެއް ދެމެހެއްޓުމަށް މިފަދަ މުސާރައެއް ދިނުން މުހިންމު ވުމެވެ.

މި ބަދަލުގެ ދަށުން އާދައިގެ ވަޒީރެއްގެ އަހަރީ މުސާރަވެސް އެއް މިލިއަން އަށްލައްކަ ސިންގަޕޫރު ޑޮލަރަށް ބޮޑުވާނެއެވެ. ނަމަވެސް މި އާ މިންގަނޑަށް މުސާރަތައް ބަދަލުވުމުގެ ކުރިން، އޮކްޓޯބަރު މަހުގެ ތެރޭގައި ފުރަތަމަ ގެންނާނީ ނުވަ އިންސައްތައިގެ ކުރިއެރުމެއް ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ސިންގަޕޫރުގެ އާންމު ރައްޔިތުންނަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަޒީރުންގެ މުސާރަ އިންތިހާއަށް ބޮޑުވުމަކީ އެ ގައުމުގައި އަބަދުވެސް ބަހުސްކުރެވެމުން އަންނަ މައްސަލައެކެވެ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާ މި ދަނޑިވަޅުގައި މުސާރަތައް ބޮޑުކުރުމުން އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.