ރާއްޖޭގެ ހުރިހާ ރަށެއްގައި ޒިކުރާއި ނަސޭހަތް ބޯޑު ބަހައްޓަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި މިމަހުގެ 13 ގައި ބާއްވާ އިވެންޓުގައި ރާއްޖޭގައި ހަދާ އެންމެ ބޮޑު މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"އަދި ކުރިން އަޅުގަނޑު އިއުލާން ކޮށްފަ އޮތް ވަރަށް މުހިންމު މަޝްރޫއެއް ރިވެތި ނަސޭހަތާއި ޒިކުރުތައް އަޅުގަނޑުމެންގެ މަގުމަތިން ފެންނާނެ ކަހަލަ މަޝްރޫއެއް. ކުރިން އަޅުގަނޑު މޭޔަރަކަށް ހުރިއިރު މާލޭގައި ހިންގާފަ ހުންނާނެ. ދެން މިހާރު މިއުޅެނީ ރާއްޖޭގެ ހުރިހާ ރަށެއްގަ ނަސޭހަތް ބޯޑުތައް ބެހެއްޓުމުގެ މަޝްރޫއު ސަރުކާރުން ފަށަން. މި ދެންނެވި ތާރީހުގައި، 13 ސެޕްޓެމްބަރުގައި ފަށާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއް އަހަރު ދުވަހުގެ އެ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއްގެ އާންމު ހުރިހާ ސަރަހައްދެއްގައި، މައި ހުރިހާ މަގެއްގައި ޒިކުރު ބޯޑުތައް، ނަސާހަތް ބޯޑުތައް ބެހެއްޓިގެންދާނެ ކަމަށާއި އޭގެ ބޭނުމަކީ ހިނގާފައި ދާއިރު، ދުއްވާފައި ދާއިރު އެ މެސެޖުތައް ފެންނަން ހުރުން ކަމަށެވެ.

"ހަނދާންކޮށްދިނުމަކީ ދީނުގަ އޮންނަ ގޮތް. ހަނދާންވީމަ، ހިތްވަރެއް ލިބޭނެ ރަނގަޅު ކަންތައްތައް ކުރަން. އެހެންވީމަ ބޮޑު މަޝްރޫއެއް އެބަ ފަށަން އިރާދަކުރެއްވިއްޔާ ސަރުކާރު ބަޖެޓުން. އަދި އާންމު ރައްޔިތުން، މަދަނީ ޖަމިއްޔާ ޖަމާއަތްތައް އެހީތެރިކަން ދީގެން މި މަޝްރޫއު މި ހިންގަނީ. އެހެންވީމަ، އިރާދަކުރެއްވިއްޔާ އެ މަޝްރޫއު އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.