މަދަނީ މައްސަލަތައް އަވަސްކުރުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޝަރުއީ ނިޒާމު މިނިވަން ކުރުމަށްޓަކައި، ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވިފައިވާ ކަމަށާއި އެންމެ ބޮޑު އެއް ކަމަކަށް މިހާރު ބަޖެޓް އެއްކޮށް ވަކިކޮށްދީފައިވާ ކަމަށެވެ.
ބަޖެޓް ބޮޑުކޮށް، ވަކިކޮށްދީ، އެ ބޭފުޅުން ބޭނުންވާ ގޮތަކަށް ކޮންމެ ދުވަހެއްގެ މަސައްކަތްތަކަށް ހިރަދުކުރެވޭ ގޮތަށް މިހާރު އެވަނީ މިނިވަންކޮށްދީފައި ކަމަށާއި ސުޕީރިއާ ކޯޓް ކޮމްޕްލެކްސް އެޅުމަށްޓަކައި ސޮއިކުރެވި އެކަމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ޑްރަގް ކޯޓާއި، ކްރިމިނަލް ކޯޓު ނުހިނގައި ހުއްޓިފައި އޮތުމުން އިމާރާތެއް އަޅައިދީ، ތަން ބަދަލުކުރެވި ބާރު ސްޕީޑުގައި މިހާރު ހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާންމު ރައްޔިތުންގެ މައްސަލަތައް އިތުރަށް ވެސް އަވަސް ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ސަރުކާރުން ގާނޫނީ ގޮތުން ގެނެވެން ހުރި ބަދަލުތައް ގެނެސްގެން ނިޒާމު ހަރުދަނާ ކުރަން މަސައްކަތް ކުރާނެ ކަމަށާއި މިގޮތުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ހުޅުވިގެން ދާއިރުގައި ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން ބައެއް އިސްލާހު ހުށަހަޅާނެ ކަމަށެވެ.
"މަދަނީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވޭ. ވަރަށް ލަސްތައް ވޭ. މަދަނީ މައްސަލަތަކަށް ދިމާވާ ދަތިތައް އެ ޕްރޮސެސްގައި ނަގާ ޓައިމް އެފިޝަންޓްކޮށް، އަވަސް ކުރުމަށްޓަކައި، އިޖުރާއަތްތައް ފަސޭހަކުރުމަށްޓަކައި މަދަނީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތަކެއް އަޅުގަނޑުމެން ހުށަހަޅާނަން. އޭގެ އިތުރަށް މަދަނީ ކުދިކުދި މައްސަލަތަކަށް ފަސޭހައިން ކޯޓަށް ހުށަހެޅޭނެ ގޮތަށް އަދި އަވަހަށް މައްސަލަތައް ނިމޭނެ ގޮތަށް ނިޒާމެއް ގާއިމުކުރުމަށްޓަކައި ސްމޯލް ކްލެއިމްސް ކޯޓެއް ގާއިމުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުށަހަޅާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްމޯލް ކްލެއިމްސް ކޯޓެއް ގާއިމުކުރުމަކީ މެނިފެސްޓޯގައި ވެސް ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި އެއީ ކުދި މައްސަލަތައް ފަސޭހައިން ހުށަހެޅި، އަވަހަށް ނިންމައިދެވޭނެ ކޯޓަކަށް ވެގެންދާނެ ކަމަށެވެ. އެހެންކަމުން އެކަހަލަ ކަންތައްތައް ފަސޭހަވާނެ ގޮތަށް ސްމޯލް ކްލެއިމްސް ކޯޓެއް ގާއިމުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު ހުށަހެޅުމާއި، އަދި ބޮޑެތި ވިޔަފާރިތަކާ ގުޅިފައި ހުރި މައްސަލަތައް ވެސް ފަސޭހައިން އިޖުރާއީ ގޮތުން އޮންނަ ޕްރޮސީޖާ ފަސޭހަކުރެވި އަވަސްކަމާއެކީގައި ބެލޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.
"މިހާރު އެބަހުރި ކޯޓުތަކުގައި ވިޔަފާރިއާ ގުޅޭ އާންމު ރައްޔިތުންގެ ބައިވަރު މައްސަލަތައް، މިލިއަންސް އޮފް މިލިއަންސް ރުފިޔާގެ މައްސަލަތައް ލަސްކަމާ އެކީގައި ހިނގަނީ. އެހެން ނަމަވެސް، އެއީ އަވަސްކުރެވިދާނެ ކަންކަން. އެހެންވީމަ، ވިޔަފާރިތަކަށް ފަހިކޮށްދިނުމަށްޓަކައި އެބަޖެހޭ ޝަރުއީ އިދާރާ ވެސް އެފިޝަންޓް ވާން. އެގޮތުން އެހެންވީމަ، އަޅުގަނޑުމެން ބޮޑެތި ވިޔަފާރީގެ މައްސަލަތައް ވެސް އަވަހަށް ބެލޭނެ އިޖުރާއަތްތައް ކަނޑައަޅާ ކޮމާޝަލް ޑިވިޝަނެއް ގާއިމުކުރުމަށް، މަދަނީ ކޯޓުގައި، ސިވިލް ކޯޓުގައި، ނޫނިއްޔާ ހަމަ ވަކިން މާކަންޓައިލް ކޯޓެއް ގާއިމުކުރުން ކަމަށް ވަންޏާ އެގޮތަށް ވިޔަސް އަޅުގަނޑުމެން މިހާރު ފަންނީ ދިރާސާ މި ނިމެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިވިލް ކޯޓުގަ ވަކި ކޮމާޝަލް ޑިވިޝަނެއް ގާއިމުކޮށްދީގެން އިޖުރާއަތްތައް އެފިޝަންޓް ކޮށްދިނުން ނުވަތަ ވަކިން ކޯޓެއް ގާއިމުކުރުން ކަމަށްވަންޏާ އެގޮތަށް ވިޔަސް މި ފެށޭ މަޖިލީހުގެ ދައުރަށް ސަރުކާރުން އޮކްޓޯބަރު މަހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންގެ ކުދިކުދި މައްސަލަތަކަށް ވަކިން ހާއްސަ ކޯޓެއް، ކުދިކުދި ވިޔަފާރިތަކާއި އާންމު ފަރާތްތަކުގެ ކުދި މައްސަލަތައް އަވަހަށް ހުށަހެޅި ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު