ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ފާހަގަކުރާ ބައިނަލްއަގުވާމީ ޕްލެޓްފޯމް "ސުޕަރބްރޭންޑްސް" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ޓްރާންސްމީޑިއާ ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ސުޕަރބްރޭންޑްސް މޯލްޑިވްސް" އިފްތިތާހުކޮށްދެއްވީ ޗީފް ގެސްޓް އަލީ ހުސައިން ދީދީއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ދީދީ ވިދާޅުވި ގޮތުގައި، ސުޕަރބްރޭންޑްސްގެ ސަބަބުން މަޝްހޫރު ބްރޭންޑްތައް ދެނެގަތުމުގެ އިތުރުން، އާ އީޖާދުތަކަށް ފުރުސަތު ހުޅުވިގެންދާނެއެވެ. އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް ބާރުއެޅިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ސުޕަރބްރޭންޑްސް މޯލްޑިވްސްގެ ޗެއާމަން އަދި ޓްރާންސްމީޑިއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ރާއްޖޭގެ ވިޔަފާރިތަކަށާއި ހިދުމަތްދޭ ތަންތަނަށް ބައިނަލްއަގުވާމީ ފެންވަރުގައި ފައިތިލަ ސާބިތުކުރުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން، ސުޕަރބްރޭންޑްސްގެ ކޯޑިނޭޓާ ޝަރީފުލް އިސްލާމް ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ބްރޭންޑްތައް ފާހަގަކުރުމުގެ ބަދަލުގައި، ފެންވަރު ރަނގަޅުކުރުމަށް މިންގަނޑުތަކެއް ކަނޑައަޅައި، ބައިނަލްއަގުވާމީ ފެންވަރަށް ވާސިލުވުމަށް ބްރޭންޑްތަކަށް ހިތްވަރުދޭނެ ޕްލެޓްފޯމެކެވެ.
ސުޕަރބްރޭންޑްސްގައި ބައިވެރިވުމާއި ލިބޭ ފައިދާތައް
ގްލޯބަލް ސުޕަރބްރޭންޑްސް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިންގާ މި ހަރަކާތުގައި ބައިވެރިވެވޭނީ ހަމައެކަނި އެކަމަށް ދައުވަތު ދެވޭ ފަރާތްތަކަށެވެ. "ސުޕަރބްރޭންޑްސް ސްޓޭޓަސް" އެވޯޑުކުރެވޭ ބްރޭންޑްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ.
އޭގެ ތެރޭގައި:
- ލޯކަލް އަދި ބައިނަލްއަގުވާމީ މާކެޓުގައި ބްރޭންޑުގެ ގަދަރާއި އިތުބާރު ބޮޑުވުން
- އެ ބްރޭންޑަކީ އެ ކެޓަގަރީއެއްގެ އެންމެ މޮޅު އެއް ބްރޭންޑްކަން އަންގައިދީ، ކަސްޓަމަރުންގެ ޔަގީންކަން ކަށަވަރުވުން
- ސުޕަރބްރޭންޑްސްގެ ޕަބްލިކޭޝަންތަކާއި މާކެޓިން ކެމްޕޭންތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މީޑިއާ އެކްސްޕޯޝާ ލިބުން
މީގެ 32 އަހަރު ކުރިން ލަންޑަންގައި އުފެދުނު ސުޕަރބްރޭންޑްސް މިހާރުވެސް 85 އަށްވުރެ ގިނަ ގައުމުގައި ހިންގަމުންދާ ކަމަށް ޓްރާންސްމީޑިއާގެ ބަޔާނުގައި ބުނެފައިވެއެވެ. މި ރަސްމިއްޔާތުގައި ސުޕަރބްރޭންޑްސް މޯލްޑިވްސް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 15 މެންބަރުންގެ ނަންތައް އިއުލާންކޮށްފައިވާ އިރު، ރާއްޖޭގެ ސުޕަރބްރޭންޑްސްތައް އިއުލާންކުރާ ފުރަތަމަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އޭޑީކޭ ހޮސްޕިޓަލް
ވިޔަފާރި
އިޒުރެއިލު
ކޮމެންޓް