ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރެއިލިން މަރާމާތުކުރުމަށް އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންސްޕެކްޝަންގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ އިއްޔެ ފެށި އެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ އިންސްޕެކްޝަންގައި، އެޗްޑީސީގެ ޓީމުން ދަނީ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށް ހާލަތު ބަލަމުން ކަމަށެވެ.

އެ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމާތުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނީ އެޗްޑީސީގެ ކޯޕަރޭޓް ސޯޝަލް ރިސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުންނެވެ.

އެފަދަ އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެއެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށެވެ.

6 ސެޕްޓެމްބަރު 2026: އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރެއިލިން މަރާމާތުކުރުމަށް އެހީ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންސްޕެކްޝަންގެ މަސައްކަތް --- ފޮޓޯ/ އެޗްޑީސީ

މަރާމާތުކުރުމަށް އެދި ލިބޭ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، އެޗްޑީސީން ކަނޑައަޅާ އުސޫލެއްގެ މަތިން ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެފަދަ ތަންތަން މަރާމާތުކުރުމަށް އެހީއަށް އެދުމަށް އެޗްޑީސީން ހުޅުވާލާފައި މިވަނީ، ދާދިފަހުން ފުލެޓުތަކުން ދެ ކުއްޖަކު ވެއްޓި ނިޔާވެފައިވަނިކޮށެވެ. އެއާއެކު އެޗްޑީސީން އަންނަނީ ފުލެޓުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.