ދުނިޔޭގެ ގައުމުތަކާއި ބައްރުތަކުގެ އަސްލު ބޮޑުމިން ދައްކުވައިދޭ އާ ޗާޓެއް ބޭނުންކުރުމަށް ބާރުއަޅައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ. މިދިޔަ ހުކުރު ދުވަހު ފާސްކުރި މި ގަރާރުގެ މަގުސަދަކީ 16 ވަނަ ގަރުނުން ފެށިގެން އާންމުކޮށް ބޭނުންކުރަމުން އަންނަ "މާކޭޓާ" ޕްރޮޖެކްޝަންގެ ބަދަލުގައި، ގައުމުތަކުގެ ނިސްބަތްތައް ރަނގަޅަށް ދައްކުވައިދޭ "އީކުއަލް އާތު" ޕްރޮޖެކްޝަން ބޭނުންކުރުމަށް ސަރުކާރުތަކަށާއި ސްކޫލްތަކަށް ބާރުއެޅުމެވެ.
އެފްރިކަން ޔޫނިއަންގެ ފަރާތުން ޓޯގޯއިން ހުށަހެޅި މި ގަރާރު ފާސްކޮށްފައިވަނީ 164 ގައުމުގެ ތާއީދާއެކުގައެވެ. މި ގަރާރާ ދެކޮޅަށް ވޯޓުލީ އެމެރިކާއިން އެކަންޏެވެ. އަދި އެސްޓޯނިއާ، ޖޯޖިއާ، ލިތުއޭނިއާ، މޮލްޑޯވާ، ސާބިއާ އަދި ޔޫކްރެއިން އިން ވަކިކޮޅަކަށް ވޯޓުލާފައެއް ނުވެއެވެ. އދ.ގެ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، 1569 ވަނަ އަހަރު ކަނޑުދަތުރުފަތުރަށް ފަރުމާކުރި މާކޭޓާ ޗާޓުގައި އެފްރިކާ ބައްރާއި ގްރީންލޭންޑްގެ ބޮޑުމިން އެއްވަރެއްގެ ގޮތުގައި ފެންނަން އޮތް ނަމަވެސް، ހަގީގަތުގައި އެފްރިކާ 14 ގުނަ ބޮޑުވާނެއެވެ.
ވޯޓުލުމުގެ ކުރިން ވާހަކަދައްކަވަމުން ޓޯގޯގެ ހާރިޖީ ވަޒީރު ރޮބަޓް ޑުސޭ ވިދާޅުވި ގޮތުގައި، ޗާޓުތަކަކީ މީހުންގެ ވިސްނުމަށާއި ތައުލީމަށް ނުފޫޒު ފޯރުވާ އެއްޗެކެވެ. އެހެންކަމުން ނުބައި ނިސްބަތްތަކެއް ދައްކުވައިދޭ ޗާޓެއް ބޭނުންކުރުމަކީ ޖީލުތަކަކަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ގަރާރަށް ތާއީދުކޮށް ފަރަންސޭސިވިލާތުން ވެސް ވަނީ މާކޭޓާ ޗާޓު ބޭނުންކުރުން ހުއްޓާލާނެ ކަމަށް އިއުލާންކޮށްފައެވެ. ފަރަންސޭސި ހާރިޖީ ވަޒީރު ޖީން-ނޮއެލް ބަރޯ ވިދާޅުވީ، ޗާޓު ބަދަލުކުރުމަކީ ދުނިޔެ ބަދަލުވާނެ ކަމެއް ނޫން ނަމަވެސް، އެއީ ހަގީގަތް ހާމަކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
މި ގަރާރާ ދެކޮޅަށް އެމެރިކާއިން ވޯޓުލީ ސަބަބެއް ކަމަށް އެ ގައުމުގެ މަންދޫބު ވިދާޅުވީ، މިއީ ހައްދުފަހަނަޅާފައިވާ ފިކުރީ މަސައްކަތެއް ކަމަށް ދެކޭތީ ކަމަށެވެ. އދ. އިން ފާސްކުރި މި ގަރާރަކީ ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމު ގަރާރަކަށް ނުވި ނަމަވެސް، މިއީ ޗާޓުތަކުގައި އެފްރިކާ ދައްކުވައިދޭ ގޮތް ބަދަލުކުރުމަށް އެ ބައްރުގެ ގައުމުތަކުން ކުރަމުން އައި މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ވޮޝިންޓަން ޕޯސްޓާއި ދަ ގާޑިއަންއިން ރިޕޯޓުކޮށްފައިވެއެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް