"އަދަދު" ނޫހުން ހުރަސް އެޅި ކަމަށް ވިދާޅުވެ، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ބާއްވަން ނިންމެވި ނިއުސްކޮންފަރެންސް ކެންސަލް ކުރައްވައިފިއެވެ.

މިއަދު ހަވީރު 4:00 ގައި ބާއްވަން އޮތް ނިއުސްކޮންފަރެންސް ކެންސަލް ކުރެއްވި ކަމަށް ވިދާޅުވެ 4:30 އެހާކަންހާއިރު މުންދު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މިއަދު ނިއުސްކޮންފަރެންސް ބާއްވަން ނިންމަވައި، އެހެން ފަހަރުތަކެކޭ ވެސް އެއް ފަދައިން، ނިއުސްކޮންފަރެންސަށް މީޑިއާ ތަކަށް ދައުވަތު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށް ހަމަޖެހިފައި އޮންނަ މީޑިއާ ގްރޫޕްގައި ހިމެނޭ މީޑިއާ ތަކަށް ރަސްމީކޮށް ކަމަށެވެ.

ނަމަވެސް އެ ގްރޫޕުގައި އަދަދު ނޫސް ނުހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ދެތިން މަސްކުރިން އަދަދު ނޫހުން ޣައިރު ގާނޫނީ އަމަލުތަކެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިންގުމާ ގުޅިގެން، އަދި ޖިނާއީ މައްސަލަތަކެއް އެފަރާތާ ބެހޭގޮތުން ކުރިއަށް ދާތީ އެ މައްސަލަތައް ވަކި ގޮތަކަށް ނިމެންދެން، އެ ހިސާބުން ފެށިގެން އަދަދު ނޫސް ވަނީ އެ ގްރޫޕުން އުނިކޮށްފައި"

އެހެންކަމުން ވޭތުވެދިޔަ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާވައި އިނިްތިޒާމުކޮށްގެން ބޭއްވި، އެއްވެސް ޕްރެސް ކޮންފަރެންސެއްގައި އަދަދު ނޫހުގެ އެއްވެސް ނޫސްވެރިއަކު ބައިވެރި ކޮށްފައި ނޯންނާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ހަމަ އެގޮތަށް ގްރޫޕުގައި މިއަދުގެ ނިއުސްކޮންފަރެންސަށް ފުރުސަތު އެރުވުމުން އެ ކަމަަށް އޮތް ވަގުތުގައި ވިއްސަކަށް ނޫސްވެރިން ނިއުސްކޮންފަރެންސަށް ނަން ނޯޓް ކުރި ކަމަށެވެ. އަދި މި ނިއުސް ކޮންފަރެންގައި ބައިވެރިވާން ބޭނުންވާ ކަމަށް ބުނެ ލީވާންގެ ނަން ޖަހައިފައި "އަދަދު" ނޫހުން މެސެޖެއް ފޮނުވި ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރއިްޔާގެ އޮފީހަކުން އެއަށް އެކްނޮކެޖްމެންޓެއް ނުވަތަ، ތިބޭފުޅާގެ ތި ހުށަހެޅުއްވުން ބަލައިގެންފީމޭ ނުވަތަ ލިބިއްޖެއެކޭވެސް ބުނެފަކާ ނޯންނާނެ،"

ނަމަވެސް ނިއުސްކޮންފަރެންސަށް ދައުވަތު ދޭން އަމަލު ކުރަމުން އަންނަ ތަރުތީބުތަކާއި ގަވާއިދާއި އުސޫލުގެ ތެރެއިން ކަންކަން މިއަދުގެ ނިއުސްކޮންފަރެންސްގެ ކަންތައްތައް ވެސް ކުރިއަށް ގޮސް، ނިއުސްކޮންފަރެންސްގެ ވަގުތު ކައިރިވެފައި ވަނިކޮށް "އަދަދު" ނޫހުގެ ލީވާން، ޕީއެސްއެމްގެ ނިއުސްކޮންފަރެންސް ބާއްވާ ސްޓޫޑިއޯއަށް ވަދެ ނުނިކުތީ ކަމަށް މުންދު ވިދާޅުވިއެވެ.

"އޭނަ ވަދެ އެތާ އިނދެ، އެތަނުން ނުކުންނަށް ބޭނުން ނުވާތީވެ ނިއުސްކޮންފަރެންސް މިދަނީ ލަސްވަމުން އެހެންވީމަ އަޅުގަނޑު މި ނިންމީ އޭނާ އެކަމަށް ހުރަސް އަޅަމުންދާތީވެ، ނިއުސްކޮންފަރެސް ކުރިއަށްގެންދަން އޮތް ވަގުތުވެސް މި ހަމަވަނީ ސަބަބަކީ މިއީ ލައިވްކުރާ އެއްޗަކަށް ވީތީވެ، އެހެން ޓީވީތަކުންވެސް ލައިވްގެ ވަގުތަށް އިހްތިރާމްވެސް ކުރަންޖެހޭ،"

މުންދުގެ ވީޑިއޯ މެސެޖުގައި "އަދަދު" ނޫސް ސިފަ ކުރެއްވީ ގައިރު ގާނޫނީ ކަންކަމުގައި އުޅޭ ބައެއްގެ ގޮތުގައެވެ.

"އަޅުގަނޑު ދަންނަވާނީ ޑްރަމާޔާ ފިލްމު ކުޅުމާއި، ގައިރުގާނޫނީ ކަންތައް ކުރުމުގައި އުޅޭ މީޑިއާގެ ނަމުގައި، ނުވަތަ މީޑީޔާގެ ތޮފި އަޅައިގެންއުޅޭ، ތި ހުރިހާ އެއްމެނަށްވެސް އިތުރު ތައާރަފަކަށް ބޭނުންނުވާ "އަދަދު" ނޫޙުން މިއަދުގެ ޕްރެސް ކޮންފަރެންސަށް ހުރަސް އެޅުމަށްޓަކައި އެބޭފުޅުންގެ އިތުރު ޑްރާމާއެއް މިހާރު ހަމަ ވަގުތުން ކުރިއަށް އެބަދޭ،" އަދަދު ނޫހުން ކުރަމުންދިޔަ ކަންތަކާ ގުޅިގެން މުންދު ވިދާޅުވިއެވެ.