ވިކްޓޯރިއާ ބެކަމްގެ ފެޝަން އަދި ބިއުޓީ ކުންފުނި ވުޖޫދަށް އައިތާ 18 އަހަރު ފަހުން ފުރަތަމަ ފަހަރަށް ފައިދާވެއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2008 ވަނަ އަހަރު އުފެއްދި "ވިކްޓޯރިއާ ބެކަމް ހޯލްޑިންގްސް ލިމިޓެޑް" އަށް 2025 ވަނަ އަހަރު އޮޕަރޭޓިންގ ޕްރޮފިޓްގެ ގޮތުގައި 7.3 މިލިއަން ޕައުންޑް ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 1.6 މިލިއަން ޕައުންޑްގެ ގެއްލުމާ އަޅައި ބަލާއިރު ބޮޑު ކުރިއެރުމެކެވެ. ކުންފުނީގެ އާމްދަނީ ވެސް ވަނީ 15 އިންސައްތަ އިތުރުވެ، 129.8 މިލިއަން ޕައުންޑަށް އަރާފައެވެ.

މި ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ 2019 ވަނަ އަހަރު ތައާރަފުކުރި "ވިކްޓޯރިއާ ބެކަމް ބިއުޓީ" އަށެވެ. ހާއްސަކޮށް އެ ބްރޭންޑުން ނެރުނު "ދަ ފައުންޑޭޝަން ޑްރޮޕްސް" ގެ ސަބަބުން ސްކިންކެއަރ ވިޔަފާރި ވަނީ ދެގުނަ ބޮޑުވެފައެވެ. ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވެސް ވިޔަފާރީގެ ކުރިއެރުން ވަނީ ދެމެހެއްޓިފައެވެ.

މިކަމާ ގުޅިގެން ފައިނޭންޝަލް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވިކްޓޯރިއާ ބެކަމް ބުނީ، ފައިދާވާން ފެށި މި ވަގުތަށްޓަކައި އެންމެން ގުޅިގެން ވަރަށް ދުވަހު ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

“ވިޔަފާރީގައި ދިމާވި މައްސަލަތަކާ ގުޅޭގޮތުން އަހަރެމެން ވާނީ ވަރަށް ހާމަކަން ބޮޑުކޮށް ވާހަކަދައްކާފައި. ނަމަވެސް މިހާރު އެކަންކަމުން އަރައިގަނެވި، ރަނގަޅު ދުވެއްޔެއްގައި ވިޔަފާރި އަންނަނީ ކުރިއަރަމުން،” އޭނާ ބުންޏެވެ. އަދި ގިނަ އަހަރުތަކެއް ފަހުން މީހުން މިހާރު އޭނާގެ ބްރޭންޑަކީ ހަމައެކަނި ސެލެބްރިޓީ ބްރޭންޑެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް ވިކްޓޯރިއާ ފާހަގަކުރިއެވެ.

މީގެ ކުރިން އެތައް މިލިއަން ޕައުންޑެއްގެ ގެއްލުމާ ކުރިމަތިލާން ޖެހުމުން، ވިކްޓޯރިއާގެ ފިރިމީހާ ޑޭވިޑް ބެކަމް ވަނީ ވިޔަފާރި ސަލާމަތްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިހާރު ލިބެމުންދާ ކުރިއެރުމާއެކު، އަންނަ ސެޕްޓެންބަރު މަހު އެމެރިކާގެ ނިއުޔޯކްގައި ކުންފުނީގެ ފުރަތަމަ ދާއިމީ ފިހާރަ ހުޅުވަން ވަނީ ނިންމާފައެވެ.