ހުޅުމާލޭގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް، ހުޅުމާލެ ކަފިހިހުރަސްތަކުގައި ލައިޓް ހަރުކުރަން ހުޅުމާލެ ޕޮލިހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި (އެޗްޑީސީ)އިން މަޝްވަރާކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް އެކެއްގެ ޕޮލިހުގައި އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕްކެޓާ އޮފް ޕޮލިސް އިބްރާހީމް ހަލީލްއާއި، ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ހަނީފްއާއި، އެހެނިހެން ފުލުހުންގެ އިތުުރުން އެޗްޑީސީގެ ޕްލޭނިން ހެޑް އަހުމަދު ޝާހިދުއާއި، އެޗްޑީސީގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިކަމަށެވެ.
އެ ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ކަމަށް ފާހަގަކުރެވޭ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި، ފުޅާދާއިރާއެއްގައި މަޝްވަރާކުރި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން، މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި މައިގަނޑު ތިން ދާއިރާއަކުން (އިންޖިނިއަރިން، އެންފޯސްމަންޓް އަދި އެޑިއުކޭޝަން) މަސައްކަތް ކުރުމަށް ހިޔާލު ބަދަލުކުރި ކަމަށެވެ. ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށާއި، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖުކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކާމެދު މަޝްވަރާކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.
ފާތިމަތު ލިއުޝާ
މަގުމަތީގެ ރައްކާތެރިކަން
މަގުމަތީގެ ރައްކާތެރިކަން
މަގުމަތީގެ ރައްކާތެރިކަން
ކޮމެންޓް