މާލޭގެ ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިއަދު ބުނީ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1:12 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓުގައި 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ އެއްވެސް ލައިސަންސެއް އޮތް މީހެއް ނޫން ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގީ ވޭވް 125 ބްރޭންޑުގެ ކަޅު ކުލައިގެ ސައިކަލަކާއި އެކްޒައިޓާ 150 ބްރޭންޑުގެ ސައިކަލެއް ޖެހިގެންނެވެ.
"އެކްސިޑެންޓުވި ވަގުތު ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ދިޔައީ ވިއްސައިގެން. ބޯ ފަޅައިގެން ގޮސް ވަރަށް ގިނަ ލޭ ފައިބައިފައި ހުރި." މަންޒަރު ދުށް މީހަކު "ވަން" އަށް ބުންޏެވެ.
"ވަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރުވެސް މަގުމަތީގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އަދި އެކްސިޑެންޓުވި ދެ ސައިކަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް ފަރުވާ ދިނުމަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާކަންވެސް އެނގިފައިވެއެވެ.
"އެކި ވަރުގެ އަނިޔާތައް އެބަހުރި. މިހާރު ފަރުވާދެނީ އައިސީޔޫގައި ހާލު ކްރިޓިކަލް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުންޏެވެ.
މީގެ އިތުރުން އެކްސިޑެންޓުވި ދެ ފިރިހެނުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު އެ ދެ މީހުންގެ މޫނުގެ ކަށިގަނޑު އެކި ތަންތަނުން ބިންދައިގެން ގޮސްފައިވާ ކަމަށް "ވަން" އަށް އެނގިފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.
"އިންޓާނަލީ ބްލީޑިން އެބަހުރި ދެ މީހުންގެވެސް" މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް