ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން ޓެކްސް ކޮމިޝަނަރާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިތުރު ބާރުތައް ދޭން (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މމި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ މިމަހުގެ 26 ވީ ބުދަދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ، މި އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލްގައި މީރާ ގެ އިދާރީ ބާރުތަކާއި ގާނޫނުގެ ދަށުން މީރާއިން ހިންގާ އޮޑިޓުތަކާއި ތަހުގީގުތައް ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތުތަކާއި، ޓެކުހުގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖައާކޮށް އުސޫލުތައް އިތުރަށް ހަރުދަނާކޮށްފައިވެއެވެ.
މިގޮތުން، ޓެކުހާ ގުޅޭ ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ މައުލޫމާތު ހުރި ކޮންމެ ފަރާތަކުން، އެ މައުލޫމާތު މީރާއަށް ހުށަހެޅުމަށް އެންގުމުގެ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިދޭގޮތަށް ބިލް ވަނީ އިސްލާހުކޮށްފައެވެ.
މީގެ އިތުރުން، ޓެކުހާ ގުޅޭ އިތުރު ކުށްތަކާއި ކުށުގެ އަދަބުތައްވެސް ގާނޫނަށް ގެނައި އިސްލާހުގައި ކަނޑައަޅައިފައިއެވެ.
މީގެއިތުރުން ޓެކްސް ދައްކާ ފަރާތެއްގެ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި މީރާއިން ރިއާޔަތްކުރާނެ ކަންކަމާއި، ނުވަތަ މީރާއިން ޓެކުހުގެ އަދަދު ކަނޑައެޅުމުގައި ބޭނުންކުރާނެ މައުލޫމާތު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތަކާއި، ޓެކްސް ބަޔާން ހުށަހެޅުމަށް ދެވޭނެ މުއްދަތުތަކާއި، ފިޔަވަޅު އަޅައިފައިވާ ފަރާތްތަކުން، އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ އިހްތިޔާރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންވާކަމާއި، އެކަމުގެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ބޭރުގެ އިދާރާތަކާއެކު ގުޅިގެން ޓެކްސް އެގްޒެމިނޭޝަން ހިންގުމާއި، ކަންޓްރީ-ބައި-ކަންޓްރީ (ސީބީސީ) ރިޕޯޓިންގ އަދި ކޮމަން ރިޕޯޓިން ސްޓޭންޑަޑް (ސީއާރްއެސް) އުއޫލުތައް ގާނޫނަށް ގެނައި އިސްލާހުގައި ވަރުގަދަކޮށްފައިވެއެވެ. އަދި ސީއާރްއެސް އިލްތިޒާމްތަކާ ހިލާފުވާ ފަރާތްތައް 250،000 (ދެލައްކަ ފަންސާސްހާސް) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ ގޮތަށް އިސްލާހުގައި ހިމަނާފައިވެއެވެ.
މި އިސްލާހުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުން ހިފަހައްޓަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި، އޮޑިޓާ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތީން މާލީ ބަޔާން އާންމުކުރުން ވަނީ ގާނޫނީގޮތުން ލާޒިމްކޮށްފައެވެ.
މި އިސްލާހުގައި، މި ގާނޫނުގެ ދަށުން މަދަނީ އަދި ޖިނާއީ ދައުވާ އުފުލޭނެ މުއްދަތުތައްވެސް ބަޔާންކޮށްފައިވެއެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.
އިބްރާހިމް ޒަކީ
ޓެކްސްގެ މައްސަލަތައް
ޓެކްސްގެ މައްސަލަތައް
ކޮމެންޓް