ރާއްޖޭގެ އިންޝުއަރެންސާ ބެހޭ ގާނޫނު ތަންފީޒުކުރުމަށްޓަގައި އެ ގާނޫނުގެ ދަށުން ހެދި ދެ ގަވާއިދަކަށް އަމަލުކުރަން ފަށައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވައިލި އެ ދެ ގަވައިދުގެ ތެރޭގައި ހިމެނެނީ، އިންޝުއަރެންސަށް ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދާއި އިންޝުއަރެންސްގެ އާންމު މާއްދާތަކުގެ ގަވާއިދެވެ.

ރިސްކާ ގުޅޭ ގަވާއިދަކީ ރާއްޖޭގައި ހުރި ރިސްކުތައް ކަމަށް ބަލާނެ ކަންކަން ކަނޑައެޅުމަށާއި އެފަދަ ރިސްކެއް ކަވަކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމަށް އޮންނަ އޮތުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމެވެ.

އޮތޯރިޓީގެ ވެބްސައިޓުގައި އެކަންކަން ބަޔާންކުރާނެ ހާލަތްތަކުގެ އިތުރުން އިސްތިސްނާ ހޯދުމަށް އޮތޯރިޓީއަށް ހުށަހެޅިދާނެ ހާލަތްތައް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި ރިސްކުތަކާއި ރިސްކުތައް ކަވަރު ކުރުމަށްޓަކައި ލައިސެންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއް ނޫން ފަރާތެއްގެ އިންޝުއަރެންސް ޕޮލިސީއެއް ނެގުމާއި އެކަމާ ގުޅޭ މަޝްވަރާ ކުރުމުގައި އަމަލުކުރަން ޖެހޭނެ ގޮތްތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ރިސްކުގެ ގޮތުގައި ހިމަނާފައިވާ ފަސްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހުރި ބިން ހިމެނޭ ގޮތަށް ނުއުފުލޭ އަދި އުފުލޭ މުދަލަށް ކުރިމަތިވެފައިވާ ރިސްކާއި، ދިރިއުޅޭ މީހުންނާ ގުޅޭ ރިސްކްތަކާއި، ރާއްޖޭގައި ހުރި މުދަލާއި ރާއްޖޭގައި އުޅޭ މީހެއްގެ ލަޔަބިލިޓީއާ ގުޅޭ ރިސްކުތަކާއި، ގާނޫނާ އެއްގޮތަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާ ގުޅޭ ރިސްކުތައް ވެސް އެކަމާބެހޭ ހާއްސަ ގަވާއިދުގައި ހިމެނެއެވެ.

އިންޝުއަރެންސްގެ އާންމު ގަވާއިދުގައި، ކަނޑައަޅާފައިވަނީ، ރާއްޖޭގައި ހުރި އިންޝުއަރެންސް ވިޔަފާރިއެއް ސޮލިސިޓްކުރުމަށް ގާނޫނުގައި ހުއްދަ ކުރެވިފައިވާ ފަރާތްތަކަށް ސޮލިސިޓްކުރެވޭނެ ދާއިރާތަކާއި، އިންޝުއަރެންސް ބްރޯކަރު ކަމުގެ ލައިސަންސް ދޫކުރުމުގައި ބަލާނެ ކަންކަމާއި ބްރޯކަރު ކަމުގެ ލައިސަންސަށް އެދި ހުށަހަޅަން ޖެހޭ މައުލޫމާތާއި، އިންޝުއަރެންސާ ބެހޭ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތަކެވެ.

ލައިސެންސް ދިނުމުގައި ބަލާނެ ޝަރުތުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ ބްރާންޗްތަކާއި ސަބްސިޑަރީތަކަށް ލައިސެންސް ދިނުމުގައި ބަލާ ޝަރުތުތަކާއި އިންޝުއަރެންސް ކުންފުނިތަކުން ބަހައްޓަން ޖެހޭ ސެކިއުރިޓީ ޑިޕޮސިޓާއި އިންޝުއަރެންސް ފަންޑް ގާއިމްކުރުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް ވެސް މި ގަވާއިދުގައި ވެއެވެ.

މި ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގާ ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ބަހައްޓަން ޖެހޭނެއެވެ.