ކުރިއަށްއޮތް ދުވަސްތަކުގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ވަސީލަތްތައް ހިމެނޭގޮތަށް އިމާރާތެއް ކުރުމަށް ގަސްތު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެ ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ، އިންޖިނިއަރިންގެ ދާއިރާގައި އެކިއެކި މަސައްކަތްތައް ކުރަމުން އަންނަ ފަރާތްތަކުގެ މަސައްކަތްތަކީ ވަރަށް ބުރަ، މަސައްކަތްތަކެއްކަން ފާހަގަކުރަން ޖެހޭ ކަމަށެވެ. އެ ދާއިރާތަކުން ރާއްޖެއަށް ވަރަށް ގިނަ އަދަދަކަށް ދިވެހިން އިތުރު ކުރާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ކުދިން އިތުރުވެގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން އިންޖިނިއަރިންގެ ދާއިރާއިިން ދިވެހިން އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން ތަހުލީލުތައް ކުރެވޭ، އެކިކަހަލަ ރިސާޗްތައް ކުރެވޭ، "ސްޓޭޓް އޮފްދަ އާޓްސް" އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް އިމާރާތެއް އެޅުމަށް ގަސްތުކުރަން، މި އިމާރާތުގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް، ސޮފްޓްވެއާ އިންޖިނިއަރިން، އެއާ ކްރާފްޓް އަދި އެއޮރިޓިކަލް އިންޖިނިއަރިން، ރޮބޮޓިކްސް، އޭއައި ޑިޖިޓަލް އިންޖިނިއަރިން، މިހެންގޮސް އެކި އެކި އިންޖިނިއަރިން ދާއިރާތަކުން އެކްސްޕެރިމެންޓްތައް ހަދައި މި ދާއިރާއިން ކުރިއަށް ދިއުމަށް، އަދި މިދާއިރާގައި ކިޔެވުމަށް ބޭނުންވާ ހުރިހާ ކުދިންނާއި އަދި ރާއްޖޭން ބޭރުން ވެސް ރާއްޖެ އައިސް ތަހުލީލުތައް ކުރުމުގެ ފުރުސަތު ލިބޭ ފެންވަރުގެ އިމާރާތެއް ގާއިމުކުރަން ސަރުކާރުން ގަސްތުކުރަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިކަމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމެންޓްގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެކަންކަން ކުރިއަށް ގެންދަވާނީ ސަރުކާރުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަކަށް ދެމެހެއްޓެނިވި ގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"މިކަން ވެެގެންދާނީ ރާއްޖޭގެ އެކިއެކި އިންޖިނިއަރިންގެ ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިން އިތުރުވެގެން ދިއުމަށާއި އަދި ރާއްޖެއަކީ އިންޖިނިއަރިންގެ އެކި ފީލްޑް ތަކުގައި، ތަރައްގީގެ މައިދާނުގައި ވަރަށް މަތީ ފެންވަރަކަށް ގެންގޮސްދޭނެ ކަމަަކަށް،" ރައީސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް