އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ 14 މައްސަލައެއް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރަން ޖެހޭގޮތަށް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު އެގޮތަށް ފާސްކުރީ ސިޓީ ކައުންސިލްގެ 11 އޮޑިޓް ރިޕޯޓެއް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު، އެ އޮޑިޓް ރިޕޯޓްގައި ހިމެނޭ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަތަކަށް އަޅަންޖެހޭ ފިޔަވަޅުތައް ހިމަނައިގެން މަޖިލީހަށް ހުށަހެޅި އެ ކޮމިޓީގެ ރިޕޯޓުގައި ހިމަނައިގެންނެވެ.

އެ އޮޑިޓް ރިޕޯޓްތަކަކީ، 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި 2015 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ހުރި އޮޑިިޓް ރިޕޯޓުތަކެވެ.

މި އޮޑިޓް ރިޕޯޓްތަކުން ފާހަގަކުރެވޭ ކަންކަމުގައި ކޮރަޕްޝަން ހިމެނޭތޯ، ބަލަން އޭސީސީއަށް އެންގުމާއެކު، ބައެއް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރުމަށާއި، އަނެއްބައި ތަހުގީގުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޮންމެ ދެ މަހަކުން ކޮމިޓީއަށް ހުށަހަޅަން އޭސީސީއަށް އަންގަންވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ކޮރަޕްޝަނަށް ތުހުމަތުކުރި މައްސަލަތައް:

  • މާމެންދޫ ސަރަހައްދުން ބަދަލުދިން ގޮތުގެ މައްސަލަ
  • ކުއްޔަށް ދޫކޮށްފައިވާ ބައެއް ބިންތަކުގެ މުއްދަތު އިތުރުކޮށްދިން މައްސަލަ
  • ހިތަދޫ އަވަށު އޮފީހަށް ޕިކަޕް ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތުގެ މައްސަލަ
  • ފޭދޫ އަވަށު މުނިސިޕަލް މަސައްކަތަށް ބޭނުންވާ ސްނޯކަލް ލިފްޓް ގަތުމުގެ މަސައްކަތް
  • ވަކި ފަރާތަކަށް ފައިސާ ހޯދައިދިނުމުގެ ގޮތުން މަގާމު އުފައްދައި ވަޒީފާދީފައިވާ ކަމަށް ބުނާ މައްސަލަ
  • މަރަދޫ މަސްމާރުކޭޓް ގާއިމުކުރުމުގެ މަސައްކަތުގެ ބިޑިން ޕްރޮސެސް ކުރިއަށް ގެންދިއުމުގެ މައްސަަލަ
  • ކައުންސިލް އިދާރާ މަރާމާތުގެ މަސައްކަތް އެއްބަޔަކު ހިއްސާވާ ބައެއްކަން އެނގިހުރެ މަސައްކަތް ހަވާލުކުރުން
  • އެކި އަވަށްތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ބައެއް ބިންތަކަށް އާއްމުކޮށް އިއުލާންކުރުމެއްނެތި ބިން އިތުރުކޮށްދިނުން
  • ކައުންސިލް އިދާރާއިން އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާ ކަމަށް ބުނާ މައްސަލަ
  • އެއްބަސްވުން އާނުކޮށް، ކައުންސިލް އިދާރާގެ ބެލުމުުގެ ދަށުގައި ހުރި ބައެއް ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ދިން މައްސަލަ
  • އިއުލާންކުރުމަކާ ނުލައި ކައުންސިލް އިދާރާއިން މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ހިދުމަތްތަކާއި ތަކެތި ހޯދާފައިވާ މައްސަލަ
  • މަރަދޫ ބޮޑުމަގުގައި ތާރު އަޅަން މަގު ލެވެލްކުރި އިރު، މަގުމައްޗަށް ހުރި ގޯތިތަކުގެ ވެރިން ހިތްހަމަޖެހޭ ބަދަލެއް ދިން މައްސަލަ

މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް އަދި 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ހިދުމަތުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ ކުށެއް އެ ރިޕޯޓްތަކުގައި އެކުލެވޭ ކަމަށް އެ ހިދުމަތަށް ފާހަގަކުރެވޭނަމަ، އެ މައްސަލައެއް ތަހުގީގުކޮށް، އެ މައްސަލަތަކުގެ އަދާހަމަ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރުމަށާއި، އޭސީސީއާއެކު ޖޮއިންޓް އިންވެސްޓިގޭޝަނަށް ދާ މައްސަލަތަކުގެ އަދާހަމަ މައުލޫމާތު ކޮންމެ ދެ މަހަކުން ކޮމިޓީއާ ހިއްސާކުރުމަށް ފުލުހުންނަށް އަންގަންވެސް ފާސް ކޮށްފައިވެއެވެ.

އަދި އޮޑިޓް ރިޕޯޓްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް އޭސީސީން އެންގުމަށާއި، އެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޮންމެ ދެ މަހަކުން ކޮމިޓީއަށް ހުށަހެޅުމަށާއި، އެ މައްސަލަތައް ނިންމި ގޮތުގެ ރިޕޯޓް އެ ކޮމިޓީއާ ހިއްސާ ކުރުމަށް އޭސީސިއަށް އަންގަންވެސް ފާސްކޮށްފައިވެއެވެ.