ނޯވޭގެ ރަސްގެފާނު ހެރަލްޑް 5ވަނަ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ބޮޑުވަޒީރު ޔޯނަސް ގާ ސްޓާރަރް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، ރަސްގެފާނު ހެރަލްޑް 5 ވަނަ އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެ، ގައުމަށް ކުރިމަތިވި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޝާހީ އާއިލާއަށާއި ނޯވޭގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން، އެމަނިކުފާނަކީ މުޅި އުމުރުފުޅުގައި ނޯވޭގެ ޝާހީ ދައުލަތަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވައި، ސާބިތު ހިންގުންތެރިކަމެއް ދެއްކެވި އަދި ނޯވޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުހަނު އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން އާކުރެވޭނެ ބޭފުޅެއް ކަމުގައި ރައީސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރަސްގެފާނު އަވަހާރަވުމަކީ ހަމައެކަނި ނޯވޭއަށް ލިބުނު ގެއްލުމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ހިދުމަތްތަކާއި އަގުހުރި މަސައްކަތްޕުޅުތައް ބަލައިގަންނަ އެންމެހާ ފަރާތްތަކަށް ލިބުނު ފުން ހިތާމައެއް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އަދި ރަސްގެފާނު ހެރަލްޑް 5 ވަނައިގެ ހިދުމަތްތަކުގެ ހަނދާންތަކުން ޝާހީ އާއިލާއަށް ހިތްވަރާއި ތަސައްލީ ލިބި، މި ހިތާމައިގައި ބައިވެރިވާ އެންމެހާ ފަރާތްތަކަށް، ކެތްތެރިކަން ލިބުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް