ސިޔާސީ ގޮތުން ވާދަކުރާ މީހަކަށް ވާތީ، އެ މީހަކު ޖަލަށްލައިގެން ނުގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން އެހެން ވިދާޅުވެފައިވާ އިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމުން ޔާމީންގެ އޭރުގެ ވާދަވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިފައެއް ނުވެއެވެ. ނަޝީދަށް ހުކުމް އިއްވާފައިވަނީ ޔާމީންގެ ވެރިކަމުގެ ތެރޭގައި، 2015 ވަނަ އަހަރުއެވެ. ނަޝީދުގެ އިތުރުން ޔާމީންގެ ބޭބޭފުޅު، ކުރީގެ މައުމޫން އަބްދުލްޤައްޔޫމް ހިމެނޭހެން ސިޔާސީ ގިނަ ބޭފުޅުންތަކެއްގެ މައްޗަށް ވަނީ ޖަލު ހުކުމް އިއްވައިފައެވެ.

ޖަލްސާގައި ޔާމީން ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ބޭފުޅުންތަކެއް ޖަލަށްލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހިންގި ކަންތައްތަކަކާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަކަށް ފަހުގައެވެ. އަދި އެ ބޭފުޅުންގެ މައްޗަށް ހުކުމް އައީ ހެކީގެ މައްޗަށް ބިނާކޮށް ކަމަށާއި، ކުށުން ބަރީއަވުމަށް ތިން މަރުހަލާގެ ކޯޓުން ލިބުނު ފުރުސަތުގެ ބޭނުން އެ ބޭފުޅުން ނުހިއްޕަވާ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ. އެ ބޭފުޅުންގެ ދޫފުޅު ބަންދުވެފައި ހުރި ކަމަށާއި، ކޯޓުގައި ވާހަކަދެއްކެވީ ގާނޫނީ ވަކީލުން ކަމަށް ވެސް ވިދާޅުވިއެވެ.

އެކަމާ ހިލާފަށް، އެ މަނިކުފާނުގެ މައްސަލަތަކުގައި ވަރުގަދަ ވަކީލުން ތިއްބެވި ނަމަވެސް، ކޯޓުގައި އަމިއްލަފުޅު ދުލުން މައުސޫމްކަން ކިޔައިދެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ. "އަޅުގަނޑަކީ ތިވަރުގެ ބޮޑު މުޖުރިމެއް ނަމަ، އަޅުގަނޑު ރާއްޖޭގައި ނުހުންނާނެ. އަޅުގަނޑު ފިލައިގެން ހިނގައިދާނެ،" ޔާމީން ވިދާޅުވިއެވެ. އަދި ބިރުގަންނަ މީހުން އުޅޭނީ ގޮސް ފިލައިގެން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ތިން އަހަރު ދުވަހު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމުން ކުރި އަސަރުތަކަށް އަލިއަޅުއްވާލައްވައި، އެއީ އަނިޔާ ކަމަށް ޔާމީން ސިފަކުރެއްވިއެވެ. ހާއްސަކޮށް އަންހެން ބޭފުޅުންނަށް މުހާތަބުކުރައްވައި ޔާމީން ވިދާޅުވީ، އެ މަނިކުފާނާއެކު އަނބިކަނބަލުންނާއި މައުސޫމް ކުދިން ވެސް ގައިދުވި ކަމަށެވެ. އެހެންކަމުން އެވަރުގެ ބަޔަކަށް ރާއްޖޭގެ ވެރިކަން ދޭންވީތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި ސިޔާސީ ކަންކަމާ ދުރުގައި ހުންނެވި ނަމަ ޖަލަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޕީއެންއެފުން މިހާރު ކުރަމުންދާ މަސައްކަތަކީ އަމިއްލަ ޒާތީ މަންފާއެއް ހާސިލުކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ގައުމީ މަސައްކަތެއް ކަމަށް ޔާމީން ވިދާޅުވިއެވެ.