އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒްގެ ދައުރު މިއަހަރު ޑިސެމްބަރު އެއްތިރީސް ވަނަ ދުވަހު ހަމަވާނެއެވެ. އޭނާ މިހާރު ފުރިހަމަ ކުރައްވަމުން އެގެންދަވަނީ ދެވަނަ ދައުރުގެ ދުވަސްތަކެވެ. ދައުރެއްގެ ދިގުމިނަކީ ފަސް އަހަރެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވީ 2017 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުއެވެ.
ގުޓޭރެޒްއަކީ ދެ ދައުރެއްގައި ޕޯޗުގަލްގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ އދ.ގެ ތާރީޚުގައި ނުވަވަނަ ސެކްރެޓަރީ ޖެނެރަލްއެވެ. އޭގެތެރެއިން ޔޫރަޕަށް ނިސްބަތްވާ ހަތަރުވަނަ ސެކްރެޓަރީ ޖެނެރަލްއެވެ. އެންމެ ފުރަތަމަ އެ މަގާމު ފުރުއްވި ޔޫރަޕުގެ ބޭފުޅަކީ ނޯވޭގެ ޓްރަގްވޭ ލާއީއެވެ. ދެން ސުވިޑަންގެ ޑޭގް ހެމަޝަލްޑެވެ. އެއަށްފަހު އޮސްޓްރިއާގެ ކާޓް ވާލްޑްހައިމެވެ. އެފްރިކާއަށް ނިސްބަތްވާ ދެބޭފުޅަކުވެސް އެމަގާމު ފުރުއްވައިފިއެވެ. އެއީ މިސްރުގެ ބުތުރަސް ބުތުރަސް ޣާލީ އާއި ގާނާގެ ކޯފީ އަނާނެވެ. އޭޝިއާއިންވެސް ދެ ބޭފުޅެކެވެ. ބަރުމާގެ އޫ ތާންޓާއި ދެކުނުކޮރެޔާގެ ބާންކީ މޫނެވެ.
ދެކުނު އެމެރިކާ ބައްރުން އެންމެ ބޭފުޅެކެވެ. އެއީ ޕެރޫގެ ހާވިއާރ ޕެރޭޒް ޑިކްއޭލިއަރ އެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އުފެއްދިތާ މިހާރު 80 އަހަރެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އެ މުއްދަތުގެ ތެރޭގައި 9 ބޭފުޅަކު ފެނިއްޖެއެވެ. އެކަމަކު އަދި މިހާތަނަށް އެއްވެސް އަންހެން ބޭފުޅަކު ނުފެނެއެވެ. އދ.ގެ އެންމެ އިސް މަގާމުކަމަށްވާ ސެކްރެޓަރީ ޖެނެރަލް ކަމަށް އަންހެން ބޭފުޅަކު މިހާތަނަށް އައްޔަނެއް ނުކުރެވެއެވެ. މިހާތަނަށް އެމަގާމު ދެމިއޮތީ ސައްތައިންސައްތަ ފިރިހެން މަގާމެއްގެ ގޮތުގައެވެ. މިހާރު އެމަގާމުގައި ހުންނެވި އުމުރުން 77 އަހަރުވީ އެންޓޯނިއޯ ގުޓޭރެޒްގެ ދައުރު ނިމުމުގެ ކުރިން މިއަހަރުގެ ފަހުކޮޅު އެ މަގާމަށް އައު ބޭފުޅަކު އައްޔަން ކުރާނެއެވެ. ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިންނެވެ. ޖުމްލަ 8 ބޭފުޅަކު ކުރިމަތިލާފަައިވެއެވެ. އަންހެން ފަސްބޭފުޅުންނާއި ފިރިހެން ތިންބޭފުޅުންނެވެ. މީގެތެރެއިން ހަ ބޭފުޅުންނަކީ މެދުތެރޭ އެމެރިކާޔާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ ބޭފުޅުންނެވެ.
އަނެއް ދެބޭފުޅުން ނިސްބަތްވަނީ އެފްރިކާއަށެވެ. މިފަހަރު އދ.ގެ ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލާފައިވާ އަންހެނުންގެ ގިނަކަމާއި އަދި މިކަމަށް ކުރިމަތިލި ގިނަ ކެންޑިޑޭޓުންނަކީ މެދުތެރޭ އެމެރިކާޔާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ ކެންޑިޑޭޓުންކަމަށްވީމާ ދެކަމެއްގެ ހިލަން އެބަވެއެވެ. އދ. ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެނަކު މިމަގާމަށް އައްޔަން ކުރެވުން ވަރަށް ކައިރިއެވެ. ކޮންމެ ބޭފުޅަކު އައްޔަންކުރިއަސް އެބޭފުޅަކު ވާނީ ދެކުނު އެމެރިކާ ނުވަތަ މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ބޭފުޅަކަށް ކަމަށްވެސް ގަބޫލު ކުރެވެއެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލެވޭ ގޮތަކީ ކޮބައިބާވައެވެ. މީހަކު މިހެން ހުރެފައި ހަމަބޭނުންވީމާ ސީވީއެއް ހުށައަޅައިގެން ކުރިމަތިލެވޭ އުސޫލެެއް ނޯވެއެވެ. އދ.ގެ ޖުމްލަ 193 މުސްތަގިއްލު މެންބަރުންގެ ތެރެއިން މަދުވެގެން އެއް ގައުމަކުން އެ ކެންޑިޑޭޓަކު ބަލައިގަންނަން ޖެހެެއެވެ.
ކިތަންމެ ގިނަ ގައުމަކުންވެސް އެއް ކެންޑިޑޭޓަކު އެންޑޯޒް ކުރެވިދާނެއެވެ. އެގޮތަަށް އެންޑޯޒްކޮށްފައި އދ. އާއްމު މަޖިލީހުގެ ރައީސާއި ސަލާމަތީ މަޖިލީހުގެ ރައީސަށް ރަސްމީގޮތުން އެ ގައުމަކުން ނުވަތަ ގައުމުތަކަކުން ސިޓީ ފޮނުވީމާ ދެންއެއޮތީ ކެންޑިޑޭޓަކަށް ވެފައެވެ. ކެންޑިޑޭޓަކަށް ވުމުގެ ސުންގަޑިޔަކީ މިއަހަރުގެ އެޕްރީލް އެއްވަނަ ދުވަހެވެ. އެ ތާރީޚު މީގެ ފަސްމަސް ކުރިން އޮތީ ހަމަވެގެން ގޮސްފައެވެ. މިހާރު މިފެންނަ 8 ކެންޑިޑޭޓުންނަކީ މިދެންނެވި ގޮތަށް އެކި ގައުމުތަކުން މިއަހަރުގެ އެޕްރީލް އެއްވަނަ ދުވަހުގެ ކުރިން ހުށައަޅާފައިވާ ކެންޑިޑޭޓުންނެވެ. މިފަހަރުގެ ކެންޑިޑޭޓުންނަކީ ކޮބައިބާވައެވެ. އެންމެ ފުރަތަމަ ކެންޑިޑޭޓަކީ ގަޔާނާގެ ކެރޮލައިން ރޮޑްރިގޭޒް ބާކެޓެވެ. އޭނާގެ ނަން ނޮމިނޭޓްކުރީވެސް ގަޔާނާއިންނެވެ. އެކަމަނާއަކީ މިހާރުވެސް ގަޔާނާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރެވެ. ދެވަނަ ކެންޑިޑޭޓަކީ ކޮސްޓަރިކާގެ ރެބޭކާ ގްރީންސްޕޭނެވެ. އެކަމަނާގެ ނަން ހުށައެޅީވެސް ކޮސްޓަރިކާއިންނެވެ.
މިވަގުތު އެކަމަނާ ހުންނެވީ އދ. ގެ ގުނަވަނެއް ކަމުގައިވާ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. މަތީގައި ބަޔާން ކުރެވުނު ރަސްމީ 8 ކެންޑިޑޭޓުންގެ ތެރޭގައި އެއްގައުމަކަށް ނިސްބަތްވާ ދެ ކެންޑިޑޭޓަކުވެސް އެބަތިއްބެވިއެވެ. މާރިއާ ފެރްނާންޑާ އެސްޕިނޯޒާ އާއި އިވޯން އެބާކީ ނިސްބަތްވަނީ އިކުއެޑޯރަށެވެ. މިއިން އެކަކުވެސް އިކުއެޑޯރަކުން ރަސްމީކޮށް އެންޑޯޒެއް ނުކުރެއެވެ. މާރިއާ ފެރްނާންޑާ އެސްޕިނޯޒާގެ ނަން ހުށައެޅީ އެންޓިގުއާ އެންޑް ބަރްބޫޑާއިންނެވެ. އެކަމަނާއަކީ އިކުއެޑޯރުގެ ޚާރިޖީވަޒީރުކަންވެސް ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ. އިވޯން އެބާކީގެ ނަން ހުށައެޅީ ޓޮންގާއިންނެވެ. އެކަމަނާއަކީ އިކުއެޑޯރުގެ ކުރީގެ އިންޑަސްޓްރީ މިނިސްޓަރެވެ. ސަފީރުކަންވެސް ކުރެެއްވިއެވެ. އެންމެ ގިނަ ގައުމު ގުޅިގެން ހުށައެޅި ނަމަކީ ޗިލީގެ މިޗޭލެ ބެޗެލެޓްގެ ނަމެވެ. އެކަމަނާގެ ނަން ހުށައެޅީ ޗިލީ އާއި މެކްސިކޯއާއި ބްރެޒިލް ގުޅިގެންނެވެ.
އެކަމަނާ ވަނީ ޗިލީގެ ރައީސްކަންވެސް ކުރިން ކުރައްވައިފައެވެ. ގުޅިގެން ނަން ހުށައެޅުމަށްފަހު ޗިލީން ވަނީ އެކަމަނާއަށް ކުރި ތާއީދު ނަގައިފައެވެ. އެކަމަކު ބްރެޒިލްއާއި މެކްސިކޯގެ ތާއީދު އަދިވެސް އެބައޮތެވެ. މެދުތެރޭ އަދި ދެކުނު އެމެރިކާގެ ހަވަނަ ކެންޑިޑޭޓަކީ ފިރިހެން ބޭފުޅެކެވެ. އާޖެންޓީނާގެ ރަފޭލް ގްރޯސީއެވެ. އޭނާގެ ނަން ހުށައެޅީވެސް އާޖެންޓީނާއިންނެވެ. މީނާއަކީ އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާގެ ޑިރެކްޓަރ ޖެނެރަލެވެ. އީރާނުގެ ނިއުކުލިއަރޭ ކިޔައިގެން ދޭތެރެ ދޭތެރެއިން ދުނިޔޭގައި ބިރުވެރިކަން އުފައްދައި އީރާނާ ދޭތެރޭ ރުޅިވެރިކަން އުފެއްދުމުގެ އެއްމޭސްތިރިޔަކީ މީނާއެވެ. ދެން ތިއްބެވީ އެފްރިކާގެ ފިރިހެން ދެ ކެންޑިޑޭޓުންނެވެ. އެއްބޭފުޅަކީ ޔޫގެންޑާގެ އޮލާރާ އޮޓުންނޫއެވެ. އޭނާގެ ނަން ހުށައެޅީވެސް ޔޫގެންޑާއިންނެވެ. އޮލާރާއަކީ ޔޫގެންޑާގެ ޚާރިޖީވަޒީރު ކަމާއި އދ. ގައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަނެއް ބޭފުޅަކީ ސެނެގޯލްގެ ކުރީގެ ރައީސް މަކީ ސަލްއެވެ.
ސަލް ނަން އެންމެ ފުރަތަމަ ހުށައެޅީ ރުވާންޑާއިންނެވެ. ފަހުން އޭނާގެ ގައުމުކަމަށްވާ ސެނެގޯލުންވެސް ވަނީ މަކީ ސަލް އެންޑޯޒް ކޮށްފައެވެ. ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މަގާމަށް ހޮވޭނީ ސަލާމަތީ މަޖިލީހުގެ ފަނަރަ ގައުމުގެ ތެރެއިން މަދުވެގެން ނުވަ ގައުމެއްގެ ތާއީދު ލިބޭ، އަދި ވީޓޯގެ ބާރު ލިބިފައިވާ ފަސް ގައުމުގެ ތެރެއިން އެއްވެސް ގައުމަކުން ދެކޮޅު ނުހަދާ ކެންޑިޑޭޓެކެވެ. އެ ކެންޑިޑޭޓެއްގެ މަގާމު ކަށަވަރުވާނީ އާއްމު މަޖިލީހުގައި ނެގޭ ވޯޓަކުންނެވެ. އެ ބޭފުޅެއްގެ ދައުރު ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ އެކެއްގައެވެ. މިހާރު ކުރިއަށްދަނީ ކެމްޕޭނު ކުރުމާއި ޚިޔާލު އެއްގޮތްކުރުން ފަދަ ކަންކަމެވެ. އެކަންކަމަށް ބެލީމާ އެންމެ ކުރީގައި އުޅުއްވާ ކަމަށް ފެންނަ ދެބޭފުޅުންނަކީވެސް އަންހެން ބޭފުޅުންނެވެ. ގަޔާނާގެ ކެރޮލައިން ރޮޑްރިގޭޒް ބާކެޓާއި ކޮސްޓަރިކާގެ ރެބޭކާ ގްރީންސްޕޭނެވެ.
އިމާދު ލަތީފު
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް