ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 10 ވަނަ އެޑިޝަން ބާސެލޯ ނަސަންދުރަ މާލޭގައި އިއްޔެ ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަގުވާމީ ބާޒާރުތަކާއި ރާއްޖެ ގުޅުވައިދިނުމަށާއި ސިނާއަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.

މިއަދުގެ ނިޔަލަށް ކުރިޔަށްގެންދާ މި ފެއާގައި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލް އަގުވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރި ފުރުސަތުތައް ފަހިކުރުމަށާއި ބަދަހިކުރުމަށް މަޝްވަރާ ކުރާނެއެވެ.

ޓީޓީއެމްގެ 10 ވަނަ އެޑިޝަންގައި މި އަހަރު 130 އަށް ވުރެ ގިނަ ރިސޯޓް ހޮޓެލް އަދި ރާއްޖޭގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށް ވުރެއިން ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވެއެވެ.

26 އޮގަސްޓް 2026: ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ޓީޓީއެމް 10 --- ފޮޓޯ/ ވިސިޓް މޯލްޑިވްސް

"އެއީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތެރިންނަށް ޕްރޮފެޝަނަލް ގުޅުންތައް ގާއިމްކުރުމަށާއި ސްޓްރެޓިޖިކް ޕާޓްނާޝިޕްތައް އުފެއްދުމުގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑްތަކަށް އަންނަ ބަދަލުތަކުގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް." ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ވިޒިޓް މޯލްޑިވްސް އިން އިތުރަށް ބުނީ އެ އިވެންޓްގެ ތެރެއިންނާއި "ޓީޓީއެމް ކަނެކްޓް" ޑިޖިޓަލް ޕްލެޓްފޯމް އަދި ސޯޝަލް މީޑިއާ މަންސަތަކުގައި ވިޒިޓް މޯލްޑިވްގެ ބްރޭންޑިން ފުޅާދާއިރާއެއްގައި ދައްކުވާއިދޭނެއެެވެ.

އެ ހަރަކާތް ނިންމާލުމުގެ ގޮތުން ބާއްވާ "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ" ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އެ ހަފުލާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.