ނޭޕާލުގެ ރަސުވާ ޑިސްޓްރިކްޓާއި ޓިބެޓް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 160 އަށް އަރައިފިއެވެ. ގެއްލިފައިވާ މީހުންގެ އަދަދު ކަށަވަރު ނުވާކަމަށް ހަބަރުތައް ބުނެއެވެ.

ނޭޕާލުގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސަރަހައްދުތަކުން މިހާތަނަށް 157 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. ނޭޕާލުގެ ފަތުރުވެރިކަމާ ބެހޭ އިދާރާތަކުން ހާމަކުރި ގޮތުގައި، އެ ގައުމުން 403 މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި 341 ބިދޭސީ ފަތުރުވެރިންނާއި، ފުލުހުންނާއި، ކަރަންޓު އުފައްދާ މަޝްރޫއުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. ގެއްލުނު ފަތުރުވެރިންގެ ތެރޭގައި އިންޑިއާ، އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ މީހުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މީހުން ހޯދުމުގެ މަސައްކަތަށް ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށް ނޭޕާލުން ވަނީ އެދިފައެވެ.

ސަރަހައްދީ ރޮނގު ހުރަސްކޮށް ޓިބެޓަށް ވެސް މި ހާދިސާގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ. ޗައިނާގެ ދައުލަތުގެ މީޑިއާ، ސީސީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓިބެޓްގެ ޖިރޮންގް ކައުންޓީއަށް އައި ބޮޑު ކިސަޑު ފޭބުމުގެ ހާދިސާއެއްގައި ތިން މީހަކު މަރުވެ، 265 މީހުން ވަނީ ގެއްލިފައެވެ. މި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ވެސް ވަނީ ބުނެފައެވެ. ޗައިނާ ފަޅީގެ ސަރަހައްދީ ރޮނގުގައި ހުރި ކެމެރާތަކުން ފެންނަ މަންޒަރުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ކިސަޑާއި ފެންގަނޑު ވަނީ އެތައް އިމާރާތްތަކަކާއި މަގުތަކެއްގެ އިތުރުން އުޅަނދުތައް ވެސް ދަމައިގަނެގެން ގެންގޮސްފައެވެ.

މާހިރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ގްލޭޝިއާއަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް ކޯރެއް ބެދުމުގެ ސަބަބުންނެވެ. މީގެ ސަބަބުން ކޯރުގެ ފެންގަނޑު ކުއްލިއަކަށް ބޮޑުވެ، ރަށްތަކަށް ފެންގަނޑު ވަދެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. ޓިބެޓްގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ޒިންހުއާއިން ބުނި ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 800 އެއްހާ މީހުންނާއި 150 އުޅަނދު މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ނޭޕާލުގެ ފުލުހުން ވެސް އަންނަނީ ނުރައްކާތެރި ހިސާބުތަކުގައި ތިބި މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.