ކުރީ ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ކޮމިޝަންތައް އުފެއްދި ނަމަވެސް، އެކަން ފެނިގެންދިޔައީ ވަކި ބަޔަކު ސިޔާސީ ގޮތުން މައިތިރި ކުރުމަށް އިހުލާސްތެރިކަމެއް ނެތި ކުރި ކަމެއްގެ ގޮތުގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން އެއްކޮށް ނައްތާލުމަކީ އެއް ދުވަހަކުން ވާނެކަމެއް ނޫން ކަމަށާއި، އެއީ ކޮންމެ ގައުމެއްގައި ވެސް ވަރަށް ބޮޑަށް މޫލާފައި އޮންނަ މައްސަލައެއް ކަމަށެވެ. އެހެންކަމުން މި ސަރުކާރުގެ އަމާޒަކީ ގިނަގުނަ މަސައްކަތްތަކެއް ކޮށްގެން، ނިޒާމުގެ ތެރެއިން ވީހާވެސް ބޮޑަކަށް ކޮރަޕްޝަންގެ އަމަލުތައް މަދުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވައްކަމާއި ކޮރަޕްޝަންގެ ޒަރީއާއިން ނުގަވާއިދުން ހޯދާފައިވާ މުދަލާއި، ރައްޔިތުންގެ ފައިސާ އަނބުރާ ދައުލަތަށް ނެގޭނެ ހަރުދަނާ ގާނޫނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނީ ނިޒާމުގެ އިތުރުން، އެކަންކަން ތަންފީޒުކުރާ މުއައްސަސާތައްވެސް އިރާދަކުރެއްވިއްޔާ އިތުރަށް ވަރުގަދަކުރެވިގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުން ކޮރަޕްޝަނާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ބައެއް މަސައްކަތްތައް ކުރި ނަމަވެސް އެކަންކަން ސިފަވަނީ ސިޔާސީ ނިޔަތެއްގައި ކުރި ކަންކަމުގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑަށް އެކަންކަން ސިފަވަނީ ސިޔާސީ ގޮތެއްގައި ކުރެވިފައި ހުރި ކަންކަމުގެ ގޮތުގަ. ބައެއްވަކި ފަރާތްތަކެއްގެ ފަހަތުން ދިޔުމަށްޓަކާ އެ ފަރާތްތައް ސިޔާސީ ގޮތުން މައިތިރި ކުރުމަށްޓަކާ ކުރެވުނު ސިޔާސީ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވަނީ އިހުލާސްތެރިކަމެއް ނެތް. އެހެންވީމާ އޭގެ ނަތީޖާ ނުފެނުނުކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ" ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ މައްސަލަ ނިޒާމީ ގޮތުން ހައްލުކުރުމަށްޓަކައި ސަރުކާރުން މިހާރު ވެސް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށްވުރެ ބާރުގަދަ އަދި ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި އެސެޓް ރިކަވަރީއާ ބެހޭ ބިލަކާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް އެކުލަވާލައި މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.