ނޭޕާލުގެ ބޮޑުވަޒީރު ބަލެންދުރަ ޝާހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި މެސެޖު ފޮނުއްވާފައިވަނީ ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ނުރައްކާތެރި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.
ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ނޭޕާލުގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ހާއްސަ ގޮތެއްގައި، މި ކާރިސާގައި އާއިލާގެ މެންބަރުންނާއި ގާތް މީހުން ގެއްލުނު ފަރާތްތަކަށް ރައީސް ވަނީ ތައުޒިޔާ ރައްދުކުރައްވާފައެވެ.
މީގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން އެކިވަރުގެ އަނިޔާތައް ލިބުނު މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އެ މީހުންގެ ހާލަތު އަވަހަށް ރަނގަޅުވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.
ކާރިސާގެ އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މީހުން ސަލާމަތްކުރާ ޓީމުތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އެ މަސައްކަތްތަކަށް ރައީސް ވަނީ ތައުރީފުކުރައްވައިފައެވެ.
ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަހައްދީ ރޮނގަށް މިއަދު ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި މަދުވެގެން 98 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށް ނޭޕާލުގެ ބޮޑުވަޒީރުގެ އޮފީހުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ނޭޕާލުގެ އުތުރުގައި އޮންނަ ރަސުވާ ޑިސްޓްރިކްޓާއި ޓިބެޓް ގުޅޭ ހިސާބުގައެވެ. މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ފަށާފައިވާ އިރު، މަގުތަކާއި ފާލަންތައް ހަލާކުވުމުގެ ސަބަބުން މީހުންނާ ހަމައަށް ދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދުތަކަކީ އަދި ވަގުތީ އަދަދުތަކެކެވެ. އަދި މައުލޫމާތު އެއްކުރަމުންދާ ވަރަކަށް މި އަދަދުތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ. ގެއްލުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރުގެ ފަތުރުވެރިންނާއި، ފުލުހުންނާއި، ކަރަންޓު އުފައްދާ މަޝްރޫއުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭ ކަމަށް ނޭޕާލުގެ ޓޫރިޒަމް ބޯޑުން ބުނެފައިވެއެވެ.
މި ފެންބޮޑުވުން ކުރިމަތިވީ ފަރުބަދަމަތިން ގަނޑުފެނާއި ހިލަ ފައިބައިގެން ކަމަށް ބެލެވޭ ކަމަށް މާހިރުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ޗައިނާއާއި އިންޑިއާގެ ކިބައިން ނޭޕާލުން ވަނީ އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް