ގައުމެއްގެ ހަގީގީ ތަރައްގީއަކީ ހަމައެކަނި އުމްރާނީ ގޮތުން ގެނެވޭ ބަދަލުތަކެއް ނޫން ކަމަށާއި، ހަގީގީ ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި ސިކުނޑިއަށް އަންނަ ހެޔޮ ބަދަލުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކިތަންމެ ގިނަ އިމާރާތްތަކަކާއި، އިންފްރާސްޓްރަކްޗާގެ ބޮޑެތި މަސައްކަތްތަކެއް ކޮށް، އަތްލެވޭ ފަދަ ތަރައްގީ ގެނެވުނު ކަމުގައި ވިޔަސް، މީހާގެ ސިކުނޑި ހެޔޮގޮތުގައި ތަރައްގީ ނުކުރެވޭ ނަމަ، ވަށާޖެހޭ ގޮތެއްގައި ގައުމު ތަރައްގީ ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންތައް ކިތަންމެ ބައިވަރު އިމާރަތްތަކާ، ކިތަންމެ ބައިވަރު މީ އިންފްރާސްޓްރަކްޗާ އުމްރާނީ މަސައްކަތްތަކާ ކުރެވިދާނެ. އަތްލެވޭ ކިތަންމެ ބައިވަރު ތަރައްގީވެސް ގެނެވިދާނެ. އެކަމަކު ސިކުނޑި ހެޔޮގޮތުގަ ތަރައްގީ ނުކުރެވެންޏާ ވަށާޖެހޭ ގޮތެއްގައި ގައުމު ތަރައްގީއެއް ނުވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި، އަޅާލުމާއި، އޯގާތެރިކަން މުޖުތަމައުގައި އަށަގެންނެވިއްޖެ ނަމަ، ރާއްޖެ ވެގެންދާނީ ކުރީގެ ޒަމާންތަކުގައި އޮތް ފަދަ އަމާން، އެކުވެރި މުޖުތަމައަކަށް ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުން ރަނގަޅު ގޮތުގައި ބައްޓަންކޮށް، އަހުލާގު އިސްލާހުކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި، އެކަން ނުކޮށް ގައުމު ހަގީގީ މާނައިގައި ކުރިއަށް ނުގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މާޒީގައި ސިޔާސީ ހަރަކާތްތައް ފެށިގެން އައި ދުވަސްވަރު ހިނގައިދިޔަ ހިތާމަވެރި ބައެއް ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކައުންސިލް އިދާރާތަކަށް މަސް އެޅުން ފަދަ ދަށު ދަރަޖައިގެ ކަންކަން ކުރުމުގެ ސަބަބުން މުޖުތަމައުގެ ރީތި އާދަތަކާއި އިހުތިރާމް ކުރުމުގެ ސިފަ ގެއްލިގެން ދިޔަ ކަމަށެވެ. އަދި އެއީ ގައުމުގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލުމަށް ރޭވިގެން ހިންގުނު ކަންތައްތަކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމާއި ބާރާއި ނުފޫޒު ހޯދުމުގެ ބޭނުމުގައި، ވެބްސައިޓްތައް ހަދައިގެން ވެރިންނަށާއި އެބޭފުޅުންގެ އާއިލާތަކަށް ބަދުބަސް ބުނެ، ދަރިންގެ އަގު ވައްޓާލަން ކުރި މަސައްކަތްތަކަކީ ގައުމާ ދެކޮޅަށް ކުރެވުނު ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ އަމަލުތަކަކީ މި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ގައުމީ އަބްތާލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީތަކަށް ވެވޭ ހަރާމްކޯރުވުމެއް ކަމުގައިވެސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ގަލަމުން ލިޔާ ލިޔުމަކުން ނުވަތަ ދުލުން ބުނާ ބަހަކުން ވިޔަސް، ހަގީގަތް ނުބަލައި ފަތުރާ ދޮގު ހަބަރުތަކާއި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކީ ގައުމާ ދެކޮޅަށް ކުރެވޭ ކަންކަން ކަމަށެވެ. ކޮންމެ މީހަކަށްވެސް މިނިވަންކަމާއި އިހުތިޔާރު އޮތް ނަމަވެސް، އެ މިނިވަންކަން ބޭނުންކުރަންވާނީ ތެދު ހަގީގަތް ބަލައި، ފުރިހަމަ ޒިންމާދާރުކަމާއެކު ކަމަށާއި، ދިވެހި ރައްޔިތުން މިކަންކަން ދެނެގަނެ، އިސްލާހުގެ މަގު އިހުތިޔާރު ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.