ތިލަމާލެ ބްރިޖު މަޝްރޫއުގެ ފެންވަރާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިނަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރުކުރި ދުނިޔޭގެ މަޝްހޫރު ކުންފުނި އާރޮޕްއިން ތިލަމާލެ ބްރިޖުގެ ފެންވަރުވެސް ވަރަށް ގާތުން ބަލަހައްޓަމުންދާ ކަމަށެވެ.

އަދި އޭރު ސިނަމާލެ ބްރިޖުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ޑިރެކްޓަރު މި މަޝްރޫއުގައިވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާތީ، ފެންވަރުގެ ގޮތުން އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ.

"ސިނަމާލެ ބްރިޖްގެ ކޮލިޓީ ބަލަހައްޓަން ހަޔާ ކުރި ކުންފުނި. އާރޮޕްއަކީ ދުނިޔޭގެ އެންމެ ރަނގަޅު އެއްކުންފުނި. އޭރުވެސް އެ ކުންފުނީގެ އިސްކޮށް ހުރި ޑިރެކްޓާ ތިލަމާލެ މަޝްރޫއުގައިވެސް އުޅޭނީ. އެ ކޮލިޓީގައި މި މަޝްރޫއުވެސް ކުރިއަށްގެންދާނެ. ވަރަށް ގާތުން ބަލަމުންދަނީ" ރައީސް ވިދާޅުވިއެވެ.

މާލެއާއި ވިލިމާލެއާ ދެމެދު މިހާރު ގުޅައިލެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގުޅީފަޅާ ހަމައަށް ބްރިޖު ގުޅައިލުމުން ތާރުއެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މުޅި މަޝްރޫއު ފުރިހަމަވެގެންދާނީ ތިލަފުށްޓާ ހަމައަށް ގުޅާލެވުމުން ކަމަށާއި، ވީ އެންމެ އަވަހަކަށް އާންމުންނަށް މި ބްރިޖު ހުޅުވައިލުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ތިލަމާލެ ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރަން. ތިލަފުއްޓާހަމައަށް ގުޅާލައިގެން މުޅި މަޝްރޫއު ނިންމާލެވޭނީ" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ނިމިފައިވަނީ 30 ޕަސަންޓެވެ. ނަމަވެސް މި ސަރުކާރުން އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު ކުރި މަސައްކަތުން މަޝްރޫއުގެ ސްޕީޑް ވަނީ އަވަސްކުރެވިފައެވެ. އެގޮތުން މިހާރު ބްރިޖުގެ 70 ޕަސަންޓް މަސައްކަތް ވަނީ ނިމިފައެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލުމަށް ގާއިމުކުރާ 6.7 ކިލޯމީޓަރުގެ މި ބްރިޖަކީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ އެހީއާއި، 400 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، ޖުމްލަ 500 މިލިއަން ޑޮލަރު ހޭދައެއް ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއާއެކު ގުޅިފަޅާއި ތިލަފުށީގެ މަގުތަކާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.