ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަހައްދީ ރޮނގަށް މިއަދު ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާއެއްގައި މަދުވެގެން 98 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށް ނޭޕާލުގެ ބޮޑުވަޒީރުގެ އޮފީހުންނާއި ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ނޭޕާލުގެ އުތުރުގައި އޮންނަ ރަސުވާ ޑިސްޓްރިކްޓާއި ޓިބެޓް ގުޅޭ ހިސާބުގައެވެ. މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ފަށާފައިވާ އިރު، މަގުތަކާއި ފާލަންތައް ހަލާކުވުމުގެ ސަބަބުން މީހުންނާ ހަމައަށް ދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދުތަކަކީ އަދި ވަގުތީ އަދަދުތަކެކެވެ. އަދި މައުލޫމާތު އެއްކުރަމުންދާ ވަރަކަށް މި އަދަދުތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ. ގެއްލުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރުގެ ފަތުރުވެރިންނާއި، ފުލުހުންނާއި، ކަރަންޓު އުފައްދާ މަޝްރޫއުތަކުގައި މަސައްކަތްކުރާ މީހުން ހިމެނޭ ކަމަށް ނޭޕާލުގެ ޓޫރިޒަމް ބޯޑުން ބުނެފައިވެއެވެ.
މި ފެންބޮޑުވުން ކުރިމަތިވީ ފަރުބަދަމަތިން ގަނޑުފެނާއި ހިލަ ފައިބައިގެން ކަމަށް ބެލެވޭ ކަމަށް މާހިރުންނާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ޗައިނާއާއި އިންޑިއާގެ ކިބައިން ނޭޕާލުން ވަނީ އެދިފައެވެ.
ނޭޕަލް
ނޭޕަލް
ނޭޕަލް
ނޭޕަލް
ކޮމެންޓް