ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން މަސްވެރިކަން ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އަދަބަކީ ފަސްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ހިމަނައި މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލްސަން އަހުމަދު މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި މި ބިލުގައި ބުނެފައިވަނީ، ހިމާޔަތްކޮށްފައިވާ މަހުގެ އެއްވެސް ބާވަތެއް ނުވަތަ އެފަދަ މަހެއްގެ ބައެއް ނުވަތަ އުފެއްދުމެއް އެކްސްޕޯޓް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެއް ކަމަށާއި، އަދަބަކީ އެއްމިލިއަން ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.
މި ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ މަސްވެރިކަމުގެ ފެސިލިޓީތަކާއި ވަސީލަތްތަކަށް ގެއްލުން ދިނުމަކީ މަނާކަމެއް ކަމަށާއި، އަދަބަކީ ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.
ބިލުގައިވާގޮތުން މި ގާނޫނުގައި ވަކި ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކީ، ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކަމެއްކަމުގައި ވާނަމަ، އެފަދަ އަމަލެއް ކުރާ ފަރާތަކާ މެދު މި ގާނޫނުގެ ދަށުން ކަނޑައެޅޭ އިދާރީ ފިޔަވަޅެއް ކަނޑައެޅުމުގެ އިތުރުން، ކަމާބެހޭ ގާނޫނުގެ ދަށުން އެ ފަރާތެއްގެ މައްޗަށް އެ ކުށުގެ ޖިނާއީ ދައުވާ އުފުލުމަކަށް ހުރަހެއް ނާޅައެވެ.
އެގޮތަށް އެއްވެސް ފަރާތަކާމެދު މިނިސްޓްރީން ފިޔަވަޅު އެޅުމުގައި ނުވަތަ އެފަރާތަކުން ކުރި އަމަލެއް ބެލުމުގައި، އެ ފަރާތަކުން މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ހިލާފަށް ކުރާ އަމަލެއްގައި ޖިނާއީ ކުށެއް އެކުލެވިގެންވާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް މިނިސްޓްރީއަށް ގަބޫލުކުރެވިއްޖެނަމަ، އެކަން ތަހުގީގުކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް މިނިސްޓްރީން ހުށަހަޅަންވާނެ ކަމަަށްވެސް ބިލުގައިވެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް