ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކެމްބޯޑިއާއަށް ފުރާވަޑައިގެންފިއެވެ.

އަބްދުއްރަހީމްގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ދެ ވަނަ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ)ގައި ބައިވެރިވެވަޑައިގަތުމަށް ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސްގައި "ސުލްހައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގުވާމީ ގާނޫނުތައް ހަރުދަނާކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުލޫއަށް އަބްދުއްރަހީމް ވާހަކަ ދައްކަވާނެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަހުމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވައެވެ.

އައިއެސްސީއަކީ، ސުލްހަ އާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.