ރިޓަޔާޑް މެޖިސްޓްރޭޓް އަލީ ޝަފީގު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިދުމަތްކުރައްވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލީ ޝަފީގަކީ ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ.

"ޝަރުއީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، މެޖިސްޓްރޭޓް ރިޓަޔާޑް އަލްއުސްތާޒް އަލީ ޝަފީގު އަވަހާރަވުމުގެ ހިތާމައިގައި، އެ އާއިލާއަށާއި ޝަރުއީ އަދި ގާނޫނީ ދާއިރާގައި ހިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ އިތުރުން، ދ. މީދޫއާއި ހުޅުމާލޭގައި ކީރިތި ގުރުއާން އުނގަންނައިދެއްވުމުގެ މަސައްކަތް ދިގު މުއްދަތެއްގައި އޭނާ ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަލީ ޝަފީގަކީ ދީނަށް ލޯބިކުރައްވާ، ހުލްގު ހެޔޮ، އަދި މުޖުތަމައުގެ އިހުތިރާމު ލިބިވަޑައިގެން ހުންނެވި ގާރީއެއް އަދި އެދުރެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

އުމުރުން 62 އަހަރުގައި އަވަހާރަވި އަލީ ޝަފީގުގެ ކަށުނަމާދު ކުރިއަށްގެންގޮސްފައިވަނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.