މާލެ އޭރިއާގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން 166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދުއެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ސީނިއާ އޮފިސަރުން ބައިވެރިވިއެވެ.
މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންގެ ތެރޭގައި ހިމެނެނީ ސީނިއާ ސާޖަންޓް ރޭންކުން ސަބް އިންސްޕެކްޓާ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި ސާޖަންޓް ރޭންކުން ސީނިއާ ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުނުންނާއި ކޮންސްޓަބަލް ރޭންކުން ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، ލިބުނު މަގާމުގެ ކުރިއެރުމާ އެއްވަރަށް މަސައްކަތުގެ ފެންވަރާއި އަހުލާގާއި ސުލޫކުން މުޅި މުއައްސަސާއަށާއި ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭނެ ކަމަށެވެ.
ޕްރޮމޯޝަނަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނަ އިރު، ހަވާލުކުރި ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ފާހަގަކުރައްވަމުން ވިދާޅުވީ މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދިނުމަށާއި ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ފުލުހުންގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނާ އަހްމަދު މުހައްމަދު ވިދާޅުވީ، އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށެވެ. އެއީ ގާނޫނު ތަންފީޒުކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެކެވެ.
"މިތަނުގައި އެންމެ ފުރަތަމަ ފެންނަން ޖެހޭނެ އަސާސީ ސިފައަކީ، މަސައްކަތް ކުރަން ތިބި ބައެއްގެ އަހުލާގު. އަހުލާގެއް ނެތިއްޔާމު ދެން މިތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއްވެސް ނޯންނާނެ. އަދި ގާނޫނު ތަންފީޒު ކުރަން ހަވާލުކޮށްފައި، ގާނޫނާ އެއްގޮތަށް ކަންކަން ތަރުތީބުކުރަން ހުންނަ މީހެއްގެ ކިބައިގައި އެ ސިފަނެތި، އޭނައަށް މީހެއް ކައިރީގައި ރަނގަޅުކުރަން ކަމެއް ބުނުމުގެ ހައިސިއްޔަތެއްވެސް ނެތް،" ކޮމިޝަނާ ވިދާޅުވިއެވެ.
ރިވެތި އަހުލާގު ހިފެހެއްޓުމުގައި ދެމިނުހުރެވޭނެ ކަމަށް އިހުސާސްވާނަމަ، މުއައްސަސާއިން އަމިއްލައަށް ވަކިވެގެން ދިއުމަކީ އެ ފުލުހަކަށާއި މުއައްސަސާއަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތުގެ 331 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ވަނީ ނިންމައިފައެވެ. އަދި އަތޮޅުތަކުގައި ހިދުމަތްކުރާ ފުލުހުންނަށް އެ ސަރަހައްދުތަކުގައި މަގާމުގެ ކުރިއެރުން ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަންވެސް ކޮމިޝަނަރު ފާހަގަ ކުރެއްވިއެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް